ކުޅިވަރު

ރިލޭ އެނބުރި ނިއު އަށް

Jul 24, 2017
2

މި ސީޒަންގައި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު، ރިލުވާން ވަހީދު (ރިލޭ) ސީޒަންގެ ބާކީ އޮތްބައިގައި ނިއުރޭޑިއަންޓަށް ކުޅެން، އެޓީމަށް ބަދަލު ވެއްޖެ އެވެ.

ރިލޭ، ބުނީ ނިއު އަށް ބަދަލު ވުމުގެ ކުރިން، ވިކްޓަރީގެ ކޯޗް އަލީ ސުޒޭންގެ މަޝްވަރާ ހޯދި ކަމަށެވެ. ވިކްޓަރީއަށް ގަދަ ހަތަރެއްގެ ފުރުސަތު ނުލިބުމުން، އެ ޓީމަށް ވަނީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލިފަ އެވެ.

އަދި، އެ ޓީމު ވާދަ ކުރާ ގޮތަށް ހަމަޖެހިފައިވާ، މާލޭ ލީގް ކޮލިފިކޭޝަން ނުބާއްވާ ގޮތަށް އެފްއޭއެމުން ނިންމުމުން، އޮކްޓޯބަރު މަހު ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ، އެފްއޭ ކަޕްގެ ކުރިން ކުޅޭނެ މުބާރާތެއް ވިކްޓަރީ އަކަށް ނެތެވެ.

ރިލޭ ބުނީ، މިހާރު ނިއުގައި އެ ތިބީ އެ ކުޅުންތެރިންނާއެކު، އެއް ޓީމެއްގައި އަބަދުވެސް އޭނާ ކުޅެން ބޭނުންވާ ކަމަށެވެ.

"އިންމަ [ގޯލް ކީޕަރު އިމްރާން މުހައްމަދު] އާއި ދަގޭ [އަލީ އަޝްފާގް ދަގަނޑޭ] އާއި އޮއްޕޮ [އިބްރާހިމް ފަޒީލު] އާ އެއް ޓީމަކަށް އަބަދުވެސް ކުޅޭ ހިއްވޭ، އަދި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އަޅުގަނޑު އެންމެ ސަޕޯޓް ކުރާ ކުޅުންތެރިޔަކަށް ވާނެ، ހަމްޕް [ހަމްޒާ މުހައްމަދު] އާނާއާ އެއް ޓީމަކަށް ކުޅެން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތް ހަމަޖެހިއްޖެ،" ރިލޭ ބުންޏެވެ.

އޭނާ ބުނީ، ނިއު އަށް ކާމިޔާބު ހޯދައި ދޭން މަސައްކަތް ކުރުމާއެކު، އޭނާގެ އެންމެ ބޮޑު މަގުސަދަކީ އަލުން ގައުމީ ޓީމުން ޖާގަ ހޯދުން ކަމަށެވެ.

"އަޅުގަނޑަށް އެނގުނު ގޮތުގައި، ނިއުގެ މިހާރުގެ ކޯޗް [އޮސްކާ ބުރުޒޮން] ކުޅުވަން ބޭނުންވާ ސްޓައިލަށް އަޅުގަނޑު ފެތޭތީ، އަޅުގަނޑު ގެންނަން ބޭނުންވީ، އެއީ ވެސް ހިތްހަމަޖެހުމެއް." އޭނާ ބުނީ ނިއުގެ މިހާރުގެ މެނޭޖްމެންޓަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު އެއްބާރުލުމެއްދޭ މެނޭޖެމެންޓެއް ކަމަށާއި، މިހާރުގެ މެނޭޖެމެންޓާއެކު ނިއު އަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ނިއު އިން 2015 ވަނަ އަހަރު، ލީގް ހޯދިއރު އޭނާ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އޭނަ ވިކްޓާރީއަށް ބަދަލުވީ، މިދިޔަ އަހަރު ޖުލައި ޓްރާންސްފާގައި، ނިއުގައި ހުރުމަށް ފަހު އެވެ.