ހަބަރު

އިދިކޮޅު ފަރާތްތަކުން ހިންގީ ޖަރީމާ، ތަހުގީގު ކުރަން ޖެހޭ: ޕީޕީއެމް

ގައުމު ހަލަބޮލި ކޮށްލާ، ރައްޔިތުން މަޖިލީހުގެ ކަރާމާތައް އަރައިގަނެ ސަލާމަތީ ހިދުމަތްތަކާމެދު އިދިކޮޅު ފަރާތްތަކުން ހިންގި ލާއިންސާނީ އަމަލުތައް ބަލައި ދައުލަތުގެ ކަމާބރހޭ ފަރާތްތަކުން ތަހުގީގު ކުރަންޖެހޭ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނިކުމެ ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބުތަކަށް ހުރަސް އަޅައި މާލޭގައި ދިރުއުޅޭ އެތަކެއް ރައްޔިތުން ތަކަަކަށް އުނދަގޫތަކާއި ކުރިމަތި ކުރުވާފައިވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިދާރާއަށް ފާރުމަތިންނާއި ގޭޓް ހަލާކޮށްލައިގެން އިދިކޮޅު ފަރާތްތަކުން ވަދެފައިވަނީ ގާނޫނާއި ހިލާފަށް ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ ރައްޔިތުން މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް އެކުލެވޭ ދައުލަތުގެ މުއައްސަސާ ކަމުން ރައްޔިތުން މަޖިލިސް ހިސޯރުކުރުމަށް ވަން ފަރާތްތަކާއިމެދު ސަލާމަތީ ފަރާތްތަކުން ދައްކާފައިވަނީ ލާމަސީލު މިސާލެއް ކަމަށާއި މަޖިލީހުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނު އަސާސީން ބަޔާންކޮށްފައިވަނީ ސަލާމަތީ ބާރުތަކަށް ކަމަށެވެ.

"ގާނޫނު އަސާސީގެ 105 ވަނަ މާއްދާއިން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ވިޔަސް، މަޖިލީހުގައި އެވަގުތު ތިއްބެވި، ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް އިހުތިރާމެއް އަދި ބެލުމެއް ނެތި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް އާންމު ފަރާތްތަކުން ރައްޔިތުހން މަޖިލީހަށް ވަދެފައިވަނީ ވަރަށް އަނިޔާވެރިކޮށް." ޕީޕީއެމުން ބުންޏެވެ. "ރާއްޖޭގައި އަމަން އަމާންކަން ގާއިމްކޮށް ގައުމުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތައް ހުރަސްއެޅުމުގެ ގޮތުން ސަރުކާރާ ދެކޮޅު ބަޔަކު ދަނީ މަސައްކަތް ކުރަމުން."

ރައްޔިތުން މަޖިލީހުގެ ފާރުމަތިންނާއި ގޭޓް ހަލާކޮށްލައިގެން މަޖިލީހުގެ ގޯތި ތެރެއަށް ވަން މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލާގައި މަޖިލީސް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ އެ މަޖިލީހުގެ ތުލުސްްދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފަ އެވެ.