ކުޅިވަރު

ސްޕެއިންގެ އެލްޗޭގައި މަސައްކަތް ކުރި ކޯޗެއް ތިނަދޫއަށް

Jul 25, 2017

ސްޕެއިންގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އެލްޗޭގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯޗެއް ކަމަށްވާ، ސްޕެއިންގެ ހުއާން މެނައުލް މާޓީނޭޒް ސައީޒް ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ގދ. ތިނަދޫ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

މާޓިނޭޒް މީގެ ކުރިން ވަނީ، ތައިލެންޑް ޕްރިމިއާ ލީގްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ތަމްސީލު ކުރާ ޓެރިބަލް ސްޕޯޓްސްއިން އަވަސްއާ ހިއްސާ ކޮށްފައިވާ، މާޓީނޭޒްގެ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ، ތިނަދޫ ޓީމުގެ ކޯޗަކަށް އޭނާ އަކީ ގަބީލު މީހެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޓެރިބަލް ސްޕޯޓްސްއިން ބުނެފައި ވަނީ، މާޓިނޭޒް ތިނަދޫ ޓީމުގެ ސީނިއާ އޮފިޝަލުންނާ ބައްދަލު ކުރި ކަމަށާއި، މާޒިޔާ އާއި ނިއުރޭޑިއަންޓާ ދެކޮޅަށްވެސް ރަނގަޅު ފައިޓެއް ދެވޭ ވަރުގެ ޓީމެއް އޭނާ އުފައްދަން ބޭނުންވާ ކަމަށެވެ.

"ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ 14 މެޗުގައިވެސް، ވަރުގަދަ ކުޅުމެއް ދެއްކުމަށް އަހަރެމެން މަސައްކަތް ކުރާނަން، އެކަމަށްޓަކައި އަހަރެމެން ބުރަ މަސައްކަތާއި ޑިސިޕްލިން ހިފަހައްޓައިގެން ކުރިއަށް ދާނަން،" މާޓިނޭޒް39 ބުންޏެވެ. "ތިނަދޫގެ ރައްޔިތުން ފަހްރުވެރިވާ ވަރުގެ ނަތީޖާ އެއް ނެރުމަށް މަސައްކަތް ކުރާނަން އަދި ދިވެހި ފުޓްބޯޅަ އަށް އެކަމުން ހިދުމަތެއް ކޮށް ދިނުމަކީވެސް އަހަރެންގެ އަޒުމެއް."

އޭނާ ބުނީ، އޭނާ ރާއްޖެ ގޮސް ތިނަދޫ ޓީމުގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތަކަށް އޭނާ ހާއްސަ އިސްކަމެއް ދީގެން ޕްރެކްޓިހުގައި މަސައްކަތް ކުރާނެ ކަމަށެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ކުރިންވެސް ތިނަދޫ ޓީމަށް ވަނީ ސްޕެއިންގެ ކޯޗެއް ހަމަޖައްސާފަ އެވެ. ނަމަވެސް ތިނަދޫ ޓީމުން ވަނީ ފަހު އެ ކޯޗް ފޮނުވާލާފަ އެވެ.