- ނިއުގެ ބަންބުޗް ވެސް ވަނީ ޓީސީ އަށް
- ޓީސީގެ ޑިފެންޑަރު އިންމި ތިނަދޫ ޓީމަށް
އީގަލްސްގެ ޑިފެންސިވް މިޑްފީލްޑާ އަހްމަދު ޒާދު، ސީޒަންގެ ބާކީ އޮތް ބައިގައި ކުޅެން، އޭނާގެ ކުރީގެ ކުލަބު ޓީސީ ސްޕޯޓްސް ކުލަބަށް ބަދަލު ވެއްޖެ އެވެ.
ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ވާދަ ކުރި ސީޒަންގައި، އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދި އިރު، ޒާދު އަކީ އެކާމިޔާބުގެ މުހިންމު ކުޅުންތެރިޔެކެވެ. އޭނާ އީގަލްސްއަށް ބަދަލުވީ މިދިޔަ އަހަރު އެވެ.
އީގަލްސް ކުޅެން ހަމަޖެހިފައި އޮތް، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް، ނުބާއްވާ ގޮތަށް ނިންމުމުން، އީގަލްސްއިން ވަނީ ލޯން އެއްބަސްވުމުގެ ދަށުން، އެ ޓީމުގެ ކުޅުންތެރިން އެހެން ޓީމުތަކަށް ދާން ހުއްދަ ދީފަ އެވެ. މޭލާ ލީގް ކޮލިފިކޭޝަން، މުބާރާތް ކެންސަލް ކުރީ، އެ މުބާރާތުގައި ބައިވެރި ވުމަށް ހަމަޖެހިފައިވާ، ދެވެނަ ޑިވިޝަންގެ ގަދަ ދެ ޓީމު ކުލަބު ޒެފްރޯލް އާއި ކުޑަ ހެންވޭރު ޔުނައިޓަޑް މުބާރާތުން ވަކިވުމުން ނެވެ. އެ ދެ ޓީމުން މުބާރާތުން ވަކިވީ މާލީ ހާލަތު ހުރި ގޮތުން މުބާރާތުގައި ބައިވެރި ވެވެން ނެތް ކަމަށް ބުނެ އެވެ.
ލ. ކަޅައިދޫ ޓީމުން ޒޯން މުބާރާތުން ފާހަގަވުމަށް، ފަހު ވެލެންސިއާ އާއި ނިއު ރޭޑީއަންޓަށް ވެސް ޒާދު ވަނީ ކުޅެފަ އެވެ. މިއަހަރު މާލޭ ލީގްއި ޒާދުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.
ޓީސީން ވަނީ، ނިއުގެ އަހްމަދު ސުހައިލް (ބަންބުޗް) ވެސް އެ ޓީމަށް ގެނެސްފަ އެވެ. އަދި ޓީސީގެ ޑިފެންޑަރު އަލީ އިމްރާން (އިންމި) ވަނީ ގދ. ތިނަދޫ ޓީމަށް ދޫކޮށްލާފަ އެވެ.
ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ސްކޮޑަށް އައި ބަދަލާ އެކު، ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށާއި ދިވެހި ޕްރިމިއާ ލީގްގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށެވެ. ޓީސީ އަކީ ވޭތުވެދިޔަ ދެ ސީޒަންގައި ދިވެހި ޕްރިމިއާ ލީގް ދެ ވަނަ ހޯދި ޓީމެވެ.