ހަބަރު

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބައެއް ކަހަލަ ހިމާޔަތް ލިބިފައިވީ ނަމަވެސް އެ ހިމާޔާތްތަކުގެ ބޭނުން ކޮށްގެން ގާނޫނުތައް ފުނޑާލަން ފުރުސަތު ނުދޭނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރިފް ވިދާޅުވީ އިދިކޮޅު މަޖިލީހުގެ މެންބަރަކަށް ވުމުން ހާއްސަ ހިމާޔަތްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހިމާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ގާނޫނުތައް ފުޑާލަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ގާނޫނު އަސާސީއަށް ފައިން އަރާ ތިބެ ކަމަށާއި އެކަން ހުއްޓާލުމަށްފަހު ގާނޫނީ އިުގެ ތެރެއަށް ރުޖޫއަވާން ޖެހޭ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ރައްޔިތުން މަޖިލިސް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނު އަސާސީން ދީފައިވަނީ ސަލާމަތީ ހިދުމަތްތަކަށް ކަމަށާއި އެކަން އެބޭފުޅުހން ކުރީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއަށް އިދިކޮޅު ފަރާތްތަކުން ވަދެ ކުޅުނީ ބޮޑު "ޑްރާމާ" އެއް ކަމަށާއި އެކަމަކީ ބޭރު ގައުމުތަކަށް ދެއްކުމަށާއި އެމީހުންގެ ސިމްޕަތީ ހޯދުމަށް ކުރި މަސައްކަތެއް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ކުރަނީ އެއަށސް ފައިން އަރައިގެން ތިބެ. އެބޭފުޅުން ޖެހޭ ގާނޫނު އަސާސީއަށް އިހުތިރާމުކޮށް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ރުޖޫއަވާން ޖެހޭ." އާރިފް ވިދާޅުވި އެވެ. "މަޖިލިސް މެންބަރަކަށް ވުމުން ކޮންމެ މެންބަރަކަށްވެސް ހިމާޔަތެއް ލިބިފައިވޭ. އަޅުގަނޑުމެންނަކީ ވެސް މަޖިލިސް މެންބަރުން ކަމުން އަޅުގަނޑު މެންނަށް ވެސް އެ ހިމާޔަތް ލިބިގެންވޭ. ނަމަވެސް ގާނޫނުތައް މުގުރާލާކަށް ހިމާޔަތުގެ ބޭނުން ހިފުމުގެ ފުރުސަތެއް ނުދެވޭނެ"

ރައްޔިތުން މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި ކޮމެޓީ ބައްދަލުވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ހުރިހާ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން އަންގާފައި ވަނިކޮށް އިދިކޮޅު މަޖިލިސް މެންބަރުން ވަނީ ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށްވަދެފަ އެވެ. ނަމަވެސް ސިފައިން ވަދެ އެބޭފުޅުން ވަނީ މަޖިލީހުން ބޭރު ކޮށްލާފަ އެވެ. ބޭރު ކުރުމުގެ ތެރޭގައި ގިނަ މެންބަރުންނަކަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އަދި ބައެއް މެންބަރުންނަށް ވަނީ އޭޑީކޭގައިވެސް ފަރުވާ ދީފަ އެވެ.