ކުޅިވަރު

ބަކާ މާޒިޔާއަށް، އަދުހަމް ނިއުއަށް

Jul 27, 2017

މި ސީޒަން ގައި ވިކްޓަރީއަށް ކުޅުނު ދެކުޅުން ތެރިން ކަމަށްވާ. ޑިފެންސިވް މިޑްފީލްޑާ، މުހައްމަދު އާރިފް (ބަކާ) މާޒިޔާ އަށް ބަދަލު ވެއްޖެ އެވެ. އަދި ވިކްޓަރީ އެޓޭކިން މިޑްފީލްޑާ، ހަސަން އަދުހަމް ނިއު ރޭޑިއަންޓަށް އަށް ބަދަލު ވެފަ އެވެ.

ކުރިން ވެސް މާޒިޔާ އަށް ކުޅުނު، ބަކާ އެ ޓީމަށް ބަދަލުވުމުން އޭނާ އަކީ، މި ޓްރާންސްފާ ޕީރިއަޑްގައި، ވިކްޓަރީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މި ސީޒަންގައި ވިކްޓަރީގެ ކެޕްޓަން ކަން ކުރި، އިސްމާއިލް އީސާ އާއި ގޯލްކީޕަރު، ސީރިޔާގެ މަހްމޫދު އަލް ޔޫސުފް އާއި ކޮރޭޝިއާގެ ސްޓައިކަރު، އަންދު ކެރިޗްވެސް ވަނީ މާޒިޔާ އަށް ބަދަލު ވެފަ އެވެ.

އަދުހަމް އަކީ، ވިކްޓާރީ ދޫކޮށް ނިއު އަށް ބަދަލުވި، ދެ ވަނަ ކުޅުންތެރިޔާ އެވެ. އިއްޔަ ރިލްވާން ވަހީދު (ރިލޭ) ވެސް ވަނީ ނިއު އަށް ބަދަލު ވެފަ އެވެ.

މި އަހަރުގެ ޓްރާންސްފާ ޕީރިއަޑް މިހާ ބޮޑަށް އެކްޓިވް ވީ، މާލޭ ލީގްގެ ގަދަ ހަތަރަކުން ޖާގަ ނުލިބުނު ޓީމުތައް، ކުޅެން ހަމަޖެހިފައިވާ މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް، ނުބާއްވާ ގޮތަށް އެފްއޭއެމުން ނިންމުމުން ނެވެ. އެ މުބާރާތް ނުބޭއްވުނީ، އެ މުބާރާތުގައި ވާދަ ކުރަން ހަމަޖެހިފައިވާ، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ކުލަބު ޒެފްރޯލް އާއ ކުޑަހެންވޭރު ޔުނައިޓަޑުގެ މާލީ ހާލަތު ހުރި ގޮތުން، އެ ދެ ޓީމު މާލޭ ލީގް ކޮލިފިކޭޝަންގައި ކުޅެވެން ނެތުމުން ނެވެ.