ބޮލީވުޑް

ސަލްމާނާ ހެދި އަބީޝެކްގެ ފިލްމުގެ މަސައްކަތް މަޑުޖެހިފައި

Jul 27, 2017

އެކްޓަރު އަބީޝެކް ބައްޗަންގެ ފިލްމެއް ރިލީޒްނުވާތާ އަހަރެއްހާ ދުވަސް ފަހުން އޭނާ ވަނީ ފުލުފުލުގައި ކުޅޭނެ ހަތަރު ފިލްމެއްގައި ސޮއިކޮށްފަ އެވެ. އޭގެތެރެއިން އެއް ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ލެފްޓީ" އެވެ.

ކުރިން މި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފެށުން ވަނީ މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފަ އެވެ.

"ލެފްޓީ" ގެ މަސައްކަތް މަޑުޖައްސާލުމަށްފަހު ޕްރަބޫދޭވާ މިހާރު އަންނަނީ ސަލްމާން ޚާންގެ "ދަބަންގް 3" ޑައިރެކްޓްކުރަން ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކާމިޔާބު ދަބަންގް ސިލްސިލާގެ ތިން ވަނަ ފިލްމު އުފެއްދުމުގައި ޕްރަބޫދޭވާ ބުރަކޮށް ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް އޭނާ އިތުރު އެހެން ފިލްމެއްގެ މަސައްކަތް ނުކުރާނެ ކަމަށްވެ އެވެ.

އެހެންކަމުން އަބީޝެކްގެ މުހިންމު އެއް ފިލްމެއްގެ މަސައްކަތް މިވަނީ އަނެއްކާ ވެސް އަހަރެއްހާ ދުވަހަށް ލަސްވެގެން ގޮސްފަ އެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނެ ފިލްމެއް އަދިވެސް ޔަގީންނުވާއިރު، މި އަހަރުގެ ތެރޭގައި ވެސް އޭނާގެ ފިލްމެއް ރިލީޒްވާނެ ކަމަކަމަށް ނުބެލެވެ އެވެ.

"ލެފްޓީ" ގައި އަބީޝެކް ފެނިގެންދާނީ ވައަތްތެރިއެއްގެ ރޯލުންނެވެ. ދުނިޔޭގައި ހިނގާ ގިނަ ގޯސްކަންތައްތަކެއްގެ ހައްލު ހޯދުމަށް މަސައްކަތްކުރާ މީހެއްގެ ރޯލުން އޭނާ ފެނިގެންދާނެ ކަމަށްވެ އެވެ.

ސަލްމާނާ ހެދި އަބީޝެކްގެ ފިލްމުގެ މަސައްކަތް ފެށުން ލަސްވެފައިވާއިރު، މި ދެތަރިންގެ ދެމެދުގައި ޒާތީ ހަސަދަވެރި ކަމެއް ވެސް އޮވެ އެވެ. ސަލްމާންގެ ކުރީގެ ލޯބިވެރިޔާ، ބަތަލާ އައިޝްވާރިޔާ ރާއީ އަކީ އަބީޝެކްގެ އަންހެނުންނެވެ.