ކުޅިވަރު

ދިވެހި ފުޓްބޯޅައަށް "އިންތިގާލީ ހުސްކަމެއް"

Jul 26, 2017
5

ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް މިފަހަރު މިވީ ގޮތުން، މުހިންމު ގިނަ ކުޅުންތެރިން، ސީޒަންގެ ބާކީ އޮތް ބައިގައި ކުޅޭނެ ކުލަބެއް ނެތެވެ. ބައެއް ކުޅުންތެރިން ވަނީ ހިލޭ ކުޅެދޭ ގޮތަށްވެސް ޓީމުތަކަށް ބަދަލު ވެފަ އެވެ.

ހުރިހާ ވެސް މައްސަލައަކީ، ގެނެވުނު ބަދަލުން އުފެދުނު ބޮޑު ބާގަނޑެވެ. މާލޭ ލީގް ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރަން ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމު، މުބާރާތުން ވަކިވެގެން ދިޔައީ އެވެ. މާލީ ސަބަބު ތަކާ ހެދި އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ، ސްޓްރެޓެޖިކް ޕްލޭން އެކުލަވާ ނުލައި، ގެނައި ކުއްލި ބަދަލެވެ. ދުނިޔޭގެ ފުޓްބޯޅަ އިދާރާ ތަކުންނާއި، ޓްރެއިނިން ސެންޓަރުތަކުން، ގެންނަ ބޮޑެތި ބަދަލުތައް ގެންނަނީ، އެކުލަވާ ލެވިފައި އޮންނަ ސްޓްރެޓެޖިކް ޕެލޭނަކުން ނެވެ. ނުވަތަ އެކަޝީގެންވާ ވަގުތު ހޭދަކޮށް، ކުރެވޭ ދިރާސާތަކާއި ސްޓަޑީ ތަކުގެ މައްޗަށް ބިނާ ކޮށް، އެ ބަދަލަކުން ހާސިލު ވާނެ ނަތީޖާ އާއި އުފެދޭނެ ބާގަނޑުތައް ހުރިހާ އޭންގަލަކުން ބަލާ ދިރާސާ ކޮށްގެން ނެވެ.

އޭގެ އެންމެ ފުރިހަމަ މިސާލެއް އެންމެ ގާތުން ފެންނާނީ އަވަށްޓެރި އިންޑިއާއިން ނެވެ. އިންޑިއާގެ ސްޕަ ލީގަށް، އެގައުމުގެ އެއް ވަނަ ދަރަޖައިގެ ލީގް ކެޓަގަރީ ނުދީގެން އުޅޭނީ ކީއްވެ ގެން ހެއްޔެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކާއި، ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ތަކެއް ކުޅެމުންދާ ލީގަށް، އެއް ވަނަ ދަރަޖަ ދިނުމަށް، މިއަހަރު ވަރަށް ގިނަ މަޝްވަރާ ތަކެއް ކުރެވުނެވެ. ނަމަވެސް އެގޮތަށް ނުނިންމީ ކީއްވެގެންތޯ ބަލާއިރު، އޭގެ ސަބަބަކަށް އޮތީ، އޭގެއިން ނިކުންނާނެ ނަތީޖާ އާއި، މުޅި އިންޑިއާގެ ފުޓްބޯޅައަށް އެންމެ ފުރިހަމަ ގޮތުގައި ކުރާނެ ފައިދާ ދެނެގަނެވިފައި ނެތުމެވެ.

"ލީގް ކޮމިޓީއާ އެކު އަހަރެމެން ބޭއްވި ބައްދަލުވުމުން ނިކުތް ނަތީޖާއަކީ އައިއެސްއެލް ހަމަ މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށްދާން އައި ލީގްވެސް ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށްދާ ގޮތަށް ކުރިއަށްދާން." މަޝްވަރާތަކުގައި ބައިވެރިވި އައިލީގް ކުލަބެއްގެ އޮފިޝަލަކު އީއެސްޕީއެންގައި ބުނެފައި ވެއެވެ.

ސްޕަ ލީގްގެ ކޮމިޓީ އާއި އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ ކްޝާލް ޑަސް ވަނީ ނުރަސްމީ މަޝްވަރާތަކުގައި ސްޕަލީގުން ކުލަބުތަކަށް ދޭ ފައިސާ، އިންޑިއާގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޓީމުތަކަށް ބެހިގެންދާ ގޮތަށް ހެދުމަށް ހުށަހަޅާފަ އެވެ. އަދި އައިއެސްއެލްގެ އިނާމު ފައިސާ ބޮޑުކޮށް މާކެޓިން އާއި ބްރޮޑްކާސްޓިންވެސް ހަރުދާނާ ކުރުމަށް މަޝްވަރާ ކުރެވުނެވެ.

އަވަސް އަރުވާލާފައި، އަގުބޮޑު ލީގަކަށް، އިންޑިއާގެ އެއް ވަނަ ދަރަޖަ ދޭކަށް، އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަނުން ބޭނުމެއް ނުވެ އެވެ. އެހެންވެ، ސްޕާ ލީގްގައި ނިކުންނާނެ ނަތީޖާ ދެނެގަތުމަށް، އޭއެފްސީ އަށް އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހުށަހެޅީ، އޭއެފްސީ ކަޕްގެ ޕްލޭއޮފް ފުރުސަތު ސްޕަ ލީގަށް ދިނުމަށެވެ. އަދި ކޮންމެ އަހަރަކުން އެ ކަން ރިވިއު ކުރުމަށް އިންޑިއާގެ ފެޑްރޭޝަނުން ހުށަހަލާފައި ވެއެވެ. މިއީ ސްޕަ ލީގަށް އިންޑިއާގެ އެއް ވަނަ ދަރަޖަ ދިނުމަށް ކުރެވޭ މަސައްކަތުގެ ދިރާސަގެ ފެށުމެކެވެ.

ނަމަވެސް، ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑަށް ބޮޑު ބަދަލެއް ގަނައިރު، ކުރެވުނު ދިރާސާ އެއް ނެތެވެ. ކުރެވުނު ރިވިއު އެއް ނެތެވެ. ރިވިއު ކުރެވުނު ނަމަ، އެ ގެންނަ ބަދަލާ އެކު، އުފެދޭނެ ބަގަނޑުތައް ވެސް އަންދާޒާ ކުރެވިފައި ހުންނާނެ އެވެ. އެ ކަމަށް ހައްލު ވެސް ހޯދޭނެ ގޮތް ހުންނާނެ އެވެ.

ދެން އޮތީ، އެފްއޭއެމްގެ ސްޓެރެޓެޖިކް ޕްލޭން އެވެ. އެމަސައްކަތް ކުރަނީ ދިވެހިން ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް، އޭގެ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް، ޓެކްނިކަލް ޑައިރެކްޓާ ކޭން ވަންލީއާ ހަވާލު ކުރެވުނެވެ. ނަަމަވެސް އެ އޮނިގަނޑު ނިމުނު ކަމެއް، ސްޓްރެޓެޖިކް ޕްލޭން އެކުލަވަލަން ފަށާނެ ތާރީހެއްވެސް ނޭންގެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ފޯރުކޮށް ނުދެވުން

ޕަބްލިކް ސެކްޓާގެ 10 ކުންފުނި މެދުވެރިކޮށް، ކުލަބުތަކަށް ފައިސާ ދިނުމަށް، އެފްއޭއުމުން މަސައްކަތް ފެށިއެވެ. ކުލަބުތަކަށް ފައިސާ ލިބުމަކީ، ޓީމުތައް އިތުރަށް ހަރުދަނާވެ، ފުޓްބޯޅައިގެ ފޯރި ގަދަ ވާނެ ކަމެކެވެ. އެކަން ވަރަށް ރަނގަޅަށް، ނިމިދިޔަ މާލޭ ލީގްގައި ފެނިގެން ދިޔަ އެވެ. ނަމަވެސް ކުލަބު ތަކަށް ފައިސާ ދޭން ހަމަޖެހިފައިވާ އުސޫލަކީ އެންމެ ދެމެހެއްޓެނިވި ގޮތްބާއޭ އަޅުގަނޑުގެ ހިތައް އަރައެވެ.

ދެ ވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް ފަސް ލައްކަ ރުފިޔާ، އެމްޕީއޭލް އާއި ޕޯސްޓް ލިމިޓެޑް މެދުވެރި ކޮށް ދޭން ކަނޑައެޅި އެވެ. ނަމަވެސް އެއީ ދެ ވަނަ ޑިވިޝަން މުބާރާތުގެ ކުރިން ނެވެ. މުބާރާތް ނިމުމުން، މުބާރާތުގެ ގަދަ ދެ ޓީމަށް، އިތުރަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތް ނަމަ، އެ ދެ ކުލަބު ވެސް، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރުމަށް ދެމި ތިބޭނެ އެވެ. ނަމަވެސް އެ އިންތިޒާމު ނެތުމުން އެ ދެ ކުލަބަށް ވެސް މަޖުބޫރުވީ މުބަރާތުން ވަކި ވުމެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބާއި، ދެ ވަނަ ޑިވިޝަންގެ 10 ކުލަބާއި މިނިވަން ޗެމްޕިއަންޝިޕުން، ދިވެހި ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް، ޕަބްލިކް ސެކްޓާގެ ކުންފުނިތަކުން ފައިސާ ފޯރުކޮށް ދިނުމަކީ، ކުންފިނި ތަކަށްވެސް އެކަން ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ. މިހާރު ކުންފުނިތަކާއި ކުލަބު ތަކާ ދެމެދު ހެދިފައި އޮތީ ދެ އަަހަރު ދުވަހުގެ އެއްބަސްވުމެ ކެވެ. އެ މުއްދަތު ހަމަވުމުން، ކުލަބުތަކަށް ފައިސާ ދޭނެ ގޮތެއް އަދި ކަނޑައެޅިފައެއް ނުވެ އެވެ.

އެއަށް އެހެން ހައްލެއް ހޯދަން ޖެހެ އެވެ. ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރެވޭނެ ގޮތަކީ، އިންވެސްޓްކޮށް ފައިސާ ހޯދުމެވެ. ފައިސާ ދޭން އެއްބަސްވި، ކުންފުނިތައް މެދުވެރިކޮށް، ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ލޯން އުސޫލުން ފައިސާ ހޯދައި، އެފްއޭއެމުން އެ ފައިސާއިން އިންވެސްޓެއް ކޮށް، ކުލަބުތަކަށް ފައިސާ ދެވޭނެ ގޮތް ހޯދި ދާނެ އެވެ. އަދި އިންވެސްޓްމެންޓަށް ފައިދާ ލިބެމުންދާ ވަރަކަށް ލޯން އަދާ ކުރަމުން، ކުލަބުތަކަށް އެފްއޭމް މެދުވެރިގެން، ދާއިމީ ގޮތެއްގައި ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހުނީ އެވެ. މިއަށްވުރެ މާ ފުރިހަމަ ގޮތްތައްވެސް ހުންނާނެ އެވެ. މިޒަމާނުގެ ބިޒްނަސް އިންވެސްޓްމެންޓްގައި އެންމެ ދެމެހެއްޓެނިވި ގޮތަކީ ފައިސާ ދިރިދިރި ހުރުމެވެ. އިންވެސްޓްމެންޓް ފުޅާކޮށް، ފައިސާ ދައުރު ވެގެން ދިއުމެވެ. އޭރުން ކުންފުނިތަކަށް ބަރޯސާ ނުވެ، އެފްއޭއެމް އާއި ކުލަބުތައްވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އެވެ.

ނަމަވެސް، މިކަންކަމަށް ރިއާޔަތް ނުކުރެވުމުގެ ނަތީޖާ އަކީ މުހިންމު ކުޅުންތެރިންނަށް ކުޅޭނެ ކުލަބެއް ނެތުމެވެ. ތަޖުރިބާ ކާރު ކޯޗުން އަތް އުރާލައިގެން ތިބެން ޖެހުމެވެ. ރާއްޖޭގެ ބޮޑެތި ބައެއް ކުލަބުތަކަށް ކުޅޭނެ މުބާރާތެ ނެތެވެ "އިންތިގާލީ ހުސްކަމެއް" ގެ ތެރެއަށް ފުޓްބޯޅަ ވެއްޓުމެވެ.