ބޮލީވުޑް

"ރާޒީ" ގެ ޝޫޓިން ފަށައިފި

Jul 27, 2017

މޭގްނާ ގުލްޒާރް ޑައިރެކްޓްކޮށް، ޒުވާން ދެތަރިން ކަމަށްވާ އާލިއާ ބަޓާއި ވިކީ ކޯޝަލް ލީޑްރޯލުން ފެނިގެންދާ ފިލްމު "ރާޒީ" ގެ ޝޫޓިން އަންގާރަ ދުވަހު ފަށައިފި އެވެ.

ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ކުންފުނީގެ ޓްވިޓާ އެކައުންޓުން މި ފިލްމުގެ ޝޫޓިން ފެށިކަން ވަނީ ކުރި ޓްވީޓެއްގައި ހާމަކޮށްފަ އެވެ. ފިލްމުގެ ކްލިޕް ބޯޑުގެ ފޮޓޯއެއް އާންމުކުރަމުން ކުރި ޓްވީޓްގައި ވަނީ "ރާޒީ" ގެ ޝޫޓިން ފެށިފައިވާ ކަމަށާއި ފިލްމުގެ ޑައިރެކްޓަރާއި ތަރިންނަށް ފިލްމުގެ ޝޫޓިން އަށް ކާމިޔާބަށް އެދޭ ކަމަށް ލިޔެފަ އެވެ.

މި ފިލްމަކީ ކަޝްމީރަށް ނިސްބަތްވާ އަންހެން ކުއްޖަކު ޕާކިސްތާނުގެ ސިފައިންގެ މީހަކާ ކައިވެނިކޮށް އިންޑިއާ އަށް ޖާސޫސު ކޮށްދޭ ގޮތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިއީ ވާހަކަ ލިޔުންތެރިޔާ ހަރިންދަރް ސިއްކާގެ ބެސްޓް ސެލިން ނޮވެލް، ކޯލިން ސެހެމަތް ގެ އަސްލަކަށް އުފައްދާ ފިލްމެކެވެ.

މާޗް މަހުގައި ނިކުތް "ބަދްރްނިނާތްކީ ދުލްހަނިޔާ" އިން އެންމެފަހުން ފެނިގެން ގޮސްފައިވާ އާލިއާ މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ވަނީ މިއަދު އެވެ. ކުރިން ކަޝްމީރުގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އައިއެސްގެ އިންޑިއާ ގޮފި ކަމަށްވާ ޓެރަރިސްޓް ގަމާއަތް އަންސާރުލް ހިލާފަތް ޖަމްއު ކަޝްމީރުގެ އިންޒާރުގެ ސަބަބުން ކަޝްމީރުގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް މުމްބާއި ގައި ނަގާގޮތަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ކަޝްމީރުގައި ނަގަން މަންޒަރުތައް ނަގާނީ މުމްބައިގައި ހަދާ ހާއްސަ ސެޓެއްގައި ކަމަށް ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު މީގެކުރިން ވަނީ ބުނެފަ އެވެ.

މި ފިލްމުގެ އިތުރުން މި އަހަރުގެ ތެރޭގައި އާލިއާ ރަންވީރު ސިންގްއާ އެކު ކުޅޭ "ގަލީ ބޯއިސް" އާއި ރަންބީރު ކަޕޫރާ އެކު ކުޅޭ "ޑްރެގަން" ގެ މަސައްކަތް ވެސް ކުރާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު މޭގްނާ މީގެކުރިން ވަނީ "ފިލްހާލް" އާއި "ތަލްވާރް" ކިޔާ ކާމިޔާބު ދެ ފިލްމެއް ކުރިން ޑައިރެކްޓްކޮށްފަ އެވެ. އޭނާ އަކީ މަޝްހޫރު ލިޔުންތެރުޔާ ގުލްޒާރް އާއި ކުރީގެ މަޝްހޫރު ބަތަލާ ރާކީގެ ދަރިފުޅެވެ.