ބޮލީވުޑް

ކެޓްރީނާ ސްޓަންޓް ހަދާތީ ސަލްމާން ކަންބޮޑުވޭ

Jul 27, 2017
1

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މިހާރު ކުޅެމުން އަންނަ ފިލްމު "ޓައިގާ ޒިންދާ ހޭ" ގެ މުހިންމު މަންޒަރުތަކެއް އަންނަނީ މޮރޮކޯގައި ނަގަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު ކަބީރް ޚާން ޑައިރެކްޓްކޮށްގެން ނެރުނު ފިލްމު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައިގެ ގޮތުގައި ނެރޭ "ޓައިގާ ޒިންދާ ހޭ" ގައި މިހާރު ނަގަމުން އަންނަނީ ބައެއް ސްޓަންޓް މަންޒަރުތަކެކެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މީގެ ތެރެއިން އެއް ސްޓަންޓް މަންޒަރުގައި ކެޓްރީނާ ފުން ކަނޑަށް ޑައިވެއް ކުރަން ޖެހެ އެވެ. އަދި އެ މަންޒަރު އަމިއްލަ އަށް ކުރަން ބޭނުންވާލެއް ބޮޑު ކަމުން އޭނާ ވަނީ އެ ސްޓަންޓަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފަ އެވެ. ނަމަވެސް ކެޓްރީނާ އަމިއްލަ އަށް އެހާ އުނގަދޫ އަދި ރިސްކު ބޮޑު ސްޓަންޓެއް ހަދާކަށް ސަލްމާން އެއް ގޮތަށްކަށް ވެސް ގަބޫލެއް ނޫނެވެ. އޭނާ ވަނީ ކެޓްރީނާ އެ މަންޒަރު ނެގުމުގެ ބަދަލުގައި ބޮޑީ ޑަބަލް ބޭނުންކޮށްގެން އެ މަންޒަރު ނެގުމަށް އެދިފަ އެވެ.

ކެޓްރީނާ އާ މެދު ސަލްމާން ބަހައްޓާ ގާތްކަމުގެ ސަބަބުން އޭނާ އަށް އެއްވެސް ގެއްލުމެއް ލިބެން ބޭނުން ނުވާތީ އެހެން ބުނި ނަމަވެސް ކެޓްރީނާ ވަނީ އަމިއްލަ އަށް އެ ސްޓަންޓް ހަދަން ނިންމާދަ އެވެ.

މޮރޮކޯގެ އެސައުއިރާގެ މޫދުގައި ކެޓުރީނާ ވަނީ ރާޅާއަޅަން ދަސްކުރަން ތަމްރީނުތަކެއް ހަދާފަ އެވެ. އޭނާ ވަނީ ރާޅާ އަޅަން ދަސްކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް ވެސް ކޮށްފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ސަލްމާނާއި ކެޓްރީނާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެކެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ މި ފިލްމުގައި މި ސިލްސިލާގެ ފުރަތަމަ ފިލްމަށް ވުރެން ގިނައިން އެކްޝަން މަންޒަރުތަކާއި ސްޓަންޓްތައް ހިމެނޭނެ ކަމަށް އައްބާސް ވަނީ ބުނެފަ އެވެ.