ވާހަކަ

މުޅިޖާންހިތާ

(25 ޖުލައި 2017 އާ ގުޅޭ) -- "ކޮންތާކަށްބާ އެ ދިޔައީ؟ ވެދާނެ އަތިރިމައްޗަށް ނުކުތީކަމަށް ވެސް... އެކަމަކު ލޫކަން ހުއްޓާ އައިރާއާ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ" އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ރުބީނާ އައިސް ބަދިގެއަށް ވަނެވެ.

ބޮޑު ކޮޓަރީގައި ހުރި ސޯފާގޮނޑިތަކުން ގޮނޑިއެއްގައި ރުބީނާ އައިސް އިށީނެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ލޫކަން އާއި އައިރާއާ ގުޅިގެން ތަފާތު ޚިޔާލުތައް އަރާ ފައިބަމުން ދިޔައެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނދެ ޓީވީ ހުޅުވާލީ ލޫކަން އާއި އައިރާ ގޭތެރެއަށް ވަދެގެން އަންނައިރު ރުބީނާއަށް ފެންނާނޭކަން ޔަގީން ކޮށްގެންނެވެ. އިރު އޮއްސުމަށްފަހު އައިރާ ބޭރުގައި އުޅެދާނޭ ރުބީނާގެ ހިތެއް ނުބުނެ އެވެ. އެގޮތުގައި އޭނާ ގަޑިއަށް ބަލާލަ ބަލާލާ އިނެވެ. ޓީވީއަށް ސަމާލުކަމެއް ނުދެވޭތާ އޭނާގެ ހިތްވަނީ އަވަސް ވެފައެވެ. ބޮޑު ކޮޓަރީގެ ދޮރާ ދިމާއަށް ބެލޭލެއް ގިނަ އެވެ. ގަޑިން ހަގަޑިބައިވެ ދިޔައީ އެވެ. ވައަތުފައިގާ އަޅުވާލައިގެން އިން ކަނާތު ފައި ތަޅުވާލީ ކެތްތެރިކަން ކުޑަވެފައި އިންހެނެވެ. އުނގުގައި ހުރަސްކޮށްލެވިފައިވާ ވައަތްތިލާ ސީދާކޮށްލާ ދެއަތުން ފައިގެ ފަލަމަސްގަނޑުގައި ފިރުމާލި އެވެ. އިތުރަށް އޭނާއަށް ކެތެއް ނުވިއެވެ. ތެދުވެގެން ބޮޑު ކޮޓަރިން ނުކުމެވެން ހުރި މައިދޮރު ކައިރިއަށް އައެވެ. ގޭޓާ ދެމެދުގައި އޮތް ކުޑަ ހުސްތަންކޮޅުގައި ދިއްލާފައި ހުރި ބޮކިތަކުން އަލިވެފައި އޮތެވެ. ދޮރުވާނު އާދައިގެ މަތީން އޭނާ އިންނަ ޕްލާސްޓިކު ގޮނޑީގައި ކަމެއް ނެތިފައި އިން މީހަކު ހެން އިނެވެ. ދޮރުމަތީ ދެކޮޅަށް ހިނގާލާފައި ރުބީނާ ބޭރަށް ހިނގައިގަތެވެ. ސިޑީގެ ހަރުފަތްތައް ހުރަސްކޮށް ގޯތިތެރެއަށް ނުކުމެ ދޮރުވާނުގެ ގާތަށް އައެވެ.

"ލޫކަން ނުކުމެގެން ދިޔަތަން ދުށީންތަ؟" ރުބީނާ ފެނި ފުންމައިގެން ތެދުވެ ހަށިގަނޑު ތެދުކޮށްލި ބިދޭސީ ދޮރުވާނު ބަލަން ހުރީ ހާސްކަމާއެކު އެވެ.

"ލޫކް ސާރ... ލޫކަން ސާރ... ގާލް ގޮވައިގެން ދަނީ. ފޮށި ހުންނަނީ" ކޮށިކަމާއެކު ދޮރުވާނު ވާހަކަ ދެއްކި އެވެ. ރުބީނާގެ މޫނުމަތީގައި ވަރުގަދަ އަތަކުން ބޮނޑިއެއް އެޅި ފަދައެވެ. ބޮޑުކޮށްލެވިފައި ހުރި ދެ ލޮލުން އަވަސް އަވަހަށް ދެތިން ފަހަރަށް އެސްފިޔަ ޖަހާލެވުނެވެ. އޭރު ލޭ މަދުވެފައި ހުރި މީހަކު ފަދައިން ރުބީނާގެ މޫނު ހުދު ވެގެން ހިނގައްޖެ އެވެ.

"ކިހާއިރަކު ދިޔައީ؟ ފުރަންދާހެން ފޮށި ހިފައިގެންތަ ދިޔައީ؟" ރުބީނާގެ އަޑުގައި ވެސް ކަންބޮޑުވުމުގެ ތުރުތުރެއް އުފެދުނެވެ. އޭނާގެ ވާހަކައަށް ދޮރުވާނު އެއްބަސްވުމުގެ ގޮތުން ބަހެއް ބުނުމުގެ ބަދަލުގައި މަޑުމަޑުން ބޯޖަހާލި އެވެ. ހަދާނޭގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެފަރާތަށް ރުބީނާއަށް އެނބުރިގަނެވުނެވެ. ދެން ދުވެފައި ގޭތެރެއަށް ވަންނަން އައެވެ.

"ލޫކަން... ނޫން! ނޫން!... އައިރާ... ކޮންތާކަށްބާ އެ ދިޔައީ؟ އަހަންނަށް ނުވެސް އެނގި... ޤައިސް... ކޮބާބާ ޤައިސް؟ ގޭގައި އެބައުޅޭބާ؟" ބޮޑުކޮޓަރީގެ ދޮރުން ވަން ގޮތަށް ދުވަމުން ކަހަލަ ގޮތަކަށް ސިޑީގެ ހަރުފަތްތައް ގިރާކޮށް މައްޗަށް އައެވެ. ނޭނގޭ ބިރުވެރިކަމެއް ރުބީނާގެ ނަފްސު ވަށާލާފައި ވާ ކަހަލައެވެ.

"މަންމާ! މައުގެ..."

"މި ވަގުތަކު ނޫން... އަހަރެންގެ ކުރިމަތިން ދުރަށްދޭ" ކޮޓަރިން ނުކުތް މައުރީނަށް އަވިއްސެއްހެން އައި ރުބީނާ ފެނި ވާހަކައެއް ބުނާން ވެގެން އުޅުނެވެ. ނަމަވެސް ރުބީނާ ހަޅޭލަވައިގަތީ ނިކަން ބާރަށެވެ. އޭނާއަށް ވެފައި ހުރި ގޮތެއް ނޭނގި މައުރީން ވެސް ބަލާލީ ހައިރާންވެ ޖެހިލުންވެފައި ހުރެއެވެ. އަތުގައި އޮތް ހޮޓްޗޮކުލެޓު ބޮއެ ހުސްކޮށްފައި އޮތް ޖޯޑު ހިފައިގެން މައުރީން ހިނގައިގަތީ ތިރިއަށް ދާށެވެ. ރުބީނާ ހަޅޭލަވައިގަތުމުން މައުރީން ދެފަރާތަށް ބޯހޫރާލާފައި ތުން އަނބުރާލީ ފުރަގަސް ދެމުންނެވެ.

"އޯ!.... ޤައިސް ވެސް އަދި ނާދޭތަ" ކުއްލިއަކަށް ހުޅުވާލި ނިދާ ކޮޓަރީގެ ދޮރާއެކު އެތެރެއިން ފެނިގެންދިޔައީ އަނދިރިކަމެވެ. އިތުރަށް ރުބީނާ ހާސްވީ ދެނެވެ. އަތުގައި އޮތް ފޯނު ނަގާ ޤައިސްގެ ނަންބަރަށް ޑައިލް ކުރިއެވެ. ދެތިން ފަހަރަށް ގުޅުނު އިރު ވެސް ޤައިސް ފޯނަށް ޖަވާބެއް ނުދިނެވެ.

"ލޫކަން މީ އަހަރެން ހީކުރި ވަރަށްވުރެ ނުބައި މީހެއް... ހިތަށް އަރާ..." ރުޅި އައިސްގެން ގޮސް ނަފްސު ނުހިފެއްޓިގެން ރުބީނާއަށް ބުނެލެވުނެވެ. އަތުގައި އޮތް ފޯނާއެކު ނިތްކުރީގައި ތަޅާލެވުނެވެ.

ވަރުބަލިކަމާއެކު ކޮޓަރިއަށް ވަން ގޮތަށް ޤައިސް ބޮކި ދިއްލާލި އެވެ. އެވަގުތު އެނދުގައި ދެފައި ނަގައިގެން ހެޑުބޯޑުގައި ލެނގިލައިގެން އިން ރުބީނާ ފެނި ޤައިސް ސިހުނެވެ. އަތުގައި އަޅުވާލާފައި އޮތް ކޯޓު އެނދުގެ ފައިލާކޮޅާ ދިމާއަށް އެއްލަމުން އޭނާ އައިސް ރުބީނާގެ ގާތުގައި އިށީނެވެ.

"ކީއްވެފަ އަނދިރީގައި ތި އިނީ" ޤައިސް ލޯތްބާއެކު ރުބީނާގެ އަތުގައި ފިރުމާލި އެވެ.

"ކިތައް ފަހަރު ގުޅައިފިން. މިއަދު ލަސްވާނެކަން ބުނެލަން ގުޅާލިނަމަ" ރުބީނާ މޫނު ހަދާލައިގެން އިނދެ ބުންޏެވެ. އެއާއެކު ޤައިސްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"މިއަދު ވަރަށް ބުރަ ދުވަހެއް. ބައްދަލުވުމަށް ވަންނާން ދަމުން ފޯނުގެ ރިންގު ކަނޑާލި ގޮތަށް ފަހުން ހަނދާން ނެތުނީ. ސޮރީ މައި ލަވް. ރޫބީ ތިހާ ހާސްވާނެ ކަމެއް ނޭނގޭނެއެއްނު. އަޅުގަނޑު ހީކުރީ އަދިވެސް ރޫބީވާނީ ސަލްމާމެންނާއެކު ކަމަށް. ވަދެގެން އައިއިރު ނުފެނުނީމަ ހީކުރެވުނީ އެހެން... ދެން ރުޅި ނާދޭ. ވަރަށް ވަރުބަލިވެފައި މި ހުރީ. އަރާމުކޮށްލަން ވަރަށް ބޭނުން. އެކަމަކު ރޫބީ ހިތްހަމަނުޖެހިފައި އިންދާ އެއްކަމެއް ވެސް އަޅުގަނޑަށް ހިތްހަމަޖެހިގެން ނުކުރެވޭނެ" ރުބީނާގެ ކޯތާފަތުގައި ފިރުމާލުމާއެކު އޭނާގެ ކަކުލުގައި އަޅުވާލައިގެން އިން އަތުގައި ޤައިސް ބޮސްދިނެވެ. އެހިނދު ރުބީނާ ބަލާލީ ނިކަން ފަރުވާތެރިކަމާއެކު އެވެ.

"ލޫކްއާ ބައްދަލުވިތަ؟" ރުބީނާ އާދައިގެ ގޮތަކަށް އަހާލި އެވެ.

"ނޫން!... ކިހިނެއްވީ؟" ޤައިސް އަހާލިއެވެ. އެއާއެކު ރުބީނާ ފުސް މޫނު ބަދަލުކޮށްލަމުން ހިނިތުންވެލި އެވެ. އަދި ލޯބިން އައިސް ޤައިސްގެ އަތުގެތެރެއަށް ވަނެވެ.

"ފަހުން ވާހަކަ ދައްކާނީ. ޤައިސް ވަރަށް ވަރުބަލިވެފައެއްނު ތި ހުރީ. ފެންވަރާލައިގެން ނުކުމެ އިހަށް ނިދާލާ" ރުބީނާ ބުންޏެވެ. އޭނާ ހިނިތުންވިލެއް އަވަސްކަމުން ޤައިސް އިނީ ހިތްހަމަޖެހިފަ އެވެ. ރުބީނާ އެދުނު ފަދައިން އޭނާ ތެދުވެ ފެންވަރަން ތައްޔާރުވެލި އެވެ.

* * *

ހިނިއައިސްފައި ދޮރުމަތީ ޒޭން މަޑުކޮށްލައިގެން ހުއްޓެވެ. އުނުގައި އަނދެފައި އޮތް ތުވާއްޔާއެކު އެނދުގެ ހުރަހަށް ވާގޮތަށް ނިދިފައި ލޫކަން އޮތެވެ. އޭނާއަށް ބަލާލުމުން އެ އޮތީ ފެންވަރައިގެން ނުކުތް ގޮތަށްކަން ޒޭންއަށް އެނގުނެވެ. ދެފަރާތަށް ބޯހޫރާލާފައި މަޑުމަޑުން ދޮރުލައްޕާލާފައި ޒޭން ހިނގައިގަތީ އެނބުރި ދާށެވެ.

"ކޮބާ ލޫކް؟" ކާ ކޮޓަރިއަށް ވަދެގެން އައި ޒޭން ފެނުމުން މޭޒުގެ ކޮޅުގައި އިނދެފައި ހައިކަލް އަހާލި އެވެ. އެއާއެކު ޒޭން ފެށީ ހޭށެވެ.

"އެބައޮތް ފެންވަރައިގެން ނުކުތް ގޮތަށް ނިދާފައި. ރޭގަ ރަނގަޅަށް ނުނިދުނު ވާހަކަ މިއަދު ޑިއުޓީގައި އުޅުން އިރު ދެއްކި. އެހެންވެ ކަންނޭނގެ އެ ނިދުނީ" ހިނިއައިސްފައި ވާހަކަ ދައްކަމުން ޒޭން އައިސް ހައިކަލްގެ ކަނާތް ފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާއާ ޖެހިގެން ޔާނާ އިން އިރު އޭނާގެ ކުރިމައްޗަށް އައިރާ އިނެވެ. ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކޮށްފައި އޮތް އިރު އެއްވެސް ކަމެއް ބޭނުންވެދާނޭ ކަމަށް ލަކްޝްމީ ހުއްޓެވެ. ޔާނާއާއި ޒޭންގެ ދަރިފުޅު ބެލުމަށް އެވަގުތު ހުސްނާ ހަރަކާތްތެރިވަމުން ދިޔައެވެ.

"އެހެންވީރު ކާން ފަށަމާ. ލޫކް ހޭލީމާ ހުސްނާ އޭނާއަށް ކާން ތައްޔާރު ކޮށްދޭނެ" ހައިކަލް މިހެން ބުނެލީ އައިރާއަށް ބަލާލަމުންނެވެ.

ނުކެރިފައި އައިރާ އިނދެދާނޭހެން ޔާނާއަށް ހީވެ އެކިއެކި ވާހަކަ ދެއްކި އެވެ. އަމިއްލައަށް އައިރާގެ ތައްޓަށް ކާއެއްޗެހި އަޅައިދީ ވެސް ހަދައެވެ. އެ ސުފުރާ ދޮށުން އައިރާއަށް އުފާވެރި ފުރިހަމަ ޢާއިލާއެއް ފެނިގެންދިޔަ އެވެ. އެ އުފާވެރިކަމުގައި ބައިވެރިވުމުގެ ނަސީބު އޭނާއަށް ލިބުނީތީ ހިތާހިތާ ޝުކުރުވެރިވެވުނެވެ. އައިރާގެ ދައްތައަކު ހުރިނަމަ އުޅޭނީ ޔާނާ އުޅޭހެންކަން އޭނާއަށް ޤަބޫލު ކުރެވެއެވެ. ޒޭންގެ ބަލާލުމުން ބޭބެއަކު އޭނާގެ އަންހެން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ފަދަ ފިނިކަމެއް އެކުލެވިފައިވެ އެވެ. ހައިކަލްގެ ހުންނަ މަޑުމައިތިރިކަމާއެކު ވެސް އޭނާގެ އަޑުގައި ހުންނަނީ އަޖައިބެއް ފަދަ ބާރެކެވެ. ބައްޕައެއްގެ އޯގާތެރިކަން އައިރާއަށް ހައިކަލްގެ ހިނިތުންވުމުން ސިފަކުރެ ވެއެވެ. ބޭއިޚްތިޔާރުގައި ވައަތުން ބަނޑުގައި އައިރާއަށް ހިފަހައްޓާލެވުނެވެ. އެ ބަނޑުގައިވާ ދަރިފުޅު އުފަންކުރާން އައިރާ ބޭނުންވަނީ އެފަދަ ގުޅުންތަކެއްގެ ތެރެއަށެވެ. ޢާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއަށެވެ. ފުރިހަމަ ރައްކާތެރި މާޙައުލަކަށެވެ.

"ބަނޑުގައި ރިއްސަނީތަ؟" ކަންބޮޑުވުން އެކުލެވިފައިވި ހައިކަލްގެ އަޑު އިވިގެންދިޔަ އެވެ. އެއާއެކު މޭޒު ދޮށުގައި ތިބި ޒޭންއާއި ޔާނާގެ ސަމާލުކަން ވެސް އައިރާއަށް ހުއްޓިއްޖެ އެވެ. އިސްއުފުލާލި އައިރާ ނިކަން އަވަހަށް ދެފަރާތަށް ބޯ ހޫރާލި އެވެ. ނަމަވެސް އޭނާގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ އެކަކަށް ވެސް ސިއްރެއް ނުވި އެވެ.

"އައިރާ! ރަނގަޅަށް ކައިގެން ނޫނީ ނުތެދުވެވޭނެ އިނގޭ" އަމުރުކޮށްލާހެން ޔާނާ ބުންޏެވެ. އެއާއެކު ޒޭން ހީނލި އެވެ. އައިރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެންދިޔަ އެވެ. މަޢުނަވީ ގޮތަކަށް ހިމޭން ކަމާއެކު އައިރާއަށް ބަލަހައްޓައިގެން ހައިކަލް އިނެވެ. އައިރާގެ ދެ ލޯ އޭނާގެ ހިތުގެ ހާލު ހައިކަލްއަށް ބަޔާންކުރާ ކަހަލައެވެ.

ކައިގެން އެންމެން ބޮޑުކޮޓަރިއަށް ނުކުތެވެ. ޔާނާ ދިޔައީ މިންޙާ ނިންދަވާށެވެ. އައިރާ ކޮޓަރިއަށް ދާން ބޭނުންވުމުން ވެސް އޭނާ ނުފޮނުވާ ބޮޑުކޮޓަރީގައި ހުރި ސޯފާގައި ބޭންދީ ކައި ނިންމާ ގޮތަށް ގޮސް އޮށޯތުން ރަނގަޅެއް ނުވާނެއޭ ބުނެއެވެ. ޒޭން އެކިއެކި ވާހަކަ ދައްކައެވެ. ހައިކަލްއާ ބަލާފައި ޒޭންއަކީ ވާހަކަ ގިނަ މީހެކެވެ. އައިރާ ފޫހިވިޔަ ނުދެއެވެ.

* * *

ފުންނާވާއެއް ދޫކޮށްލުމާއެކު ރުބީނާ ބަލާލީ ޤައިސްއަށެވެ. ރޭގަނޑުގެ ކެއުމުގައި ވެސް ލޫކަން ބައިވެރިއެއް ނުވެއެވެ. ނަމަވެސް އެކަމާ ޤައިސް އެއްވެސް އެއްޗެއް ނުބުނާތީ ރުބީނާ ހައިރާންވި އެވެ. ލޫކަން ކޮބައިތޯ ވެސް އޭނާ ބަލާނުލަ އެވެ. ހިތްނުތަނަވަސްކަމުގައި މުޅި ރޭ ހޭދަވެގެންދާކަށް ރުބީނާ ނޭދެ އެވެ. ކައިގެން ހާމަފެންޑާއަށް ދެމަފިރިން ނުކުތެވެ. އެތަނުގައި އެކި ވާހަކަ ދައްކަން ތިބެފައި ރުބީނާގެ މައުޟޫޢު ފެށިއެވެ.

"ލޫކްވީތަނެއް ޤައިސްއަށް އެނގޭތަ؟" ރުބީނާ ފުރަތަމަ ވެސް ކުރީ ސުވާލެކެވެ.

"އޭނާގެ ރައްޓެއްސެއްގެ ގެޔަށް ގޮސްވީ. ދުވަސްކޮޅަކު އެގޭގައި މަޑުކޮށްލާ ވާހަކަ ބުނި"

"ކޮންގެއަކު؟" ރުބީނާ ވަރަށް އަވަހަށް އަހާލި އެވެ.

"ނޭނގެ؟..." ހައިކަލްގެ ދަރިފުޅާއެކު އެގޭގައިކަން ލޫކަން ހުރީ އެނގުނަސް އެއީ ކޮން ގެއެއްކަމެއް ޤައިސް ނުދެނަހުއްޓެވެ. ރުބީނާ ތިރީ ތުންފަތުގެ ކޮޅުގައި ދަތް އަޅާލި އެވެ. އޭނާ ވިސްނަނީ އެވެ.

"ލޫކަން އެބުނާ ރައްޓެއްސަކީ ކާކުބާ؟ ނޫނީ އޭނާ ޤައިސްއަށް ވެސް އޮޅުވާލީ ކަންނޭނގެ. އައިރާ ގޮވައިގެން އޭނާ އެހެންތަނަކަށް ބަދަލުވީ ކަންނޭނގެ... އާން! ހަނދާންވެއްޖެ. ޤައިސް އޭނާގެ އުފަންދުވަހަށް ދިން ގެއަށް. ޔަގީން... ހަމަ ޔަގީން... އެގެއަށް ބަދަލުވީ ކަންނޭނގެ. އައިރާ ގޮވައިގެން އުޅޭންވެގެން ހޯދި ގެއެއް އެއީ. އަދިކިރިޔާ އެގޭގެ ހަޤީޤަތް މި އެނގުނީ. ކީއްވެތަ އަޅެ ކުރީން އަހަންނަށް އެކަން ނުވިސްނުނީ.... ޤައިސް ގާތުގައި ބުނެގެން އެގެ ބަލާން ދާންވީ. އެގެއިން އެ ދެމީހުން ފެންނާނެ. ރަނގަޅީ ވެސް ދެ މީހުން އެކުގައި ފެނިއްޖެއްޔާ. އޭރުން އައިރާ ބަދުނާމު ކޮށްލެވޭނެ... ޤައިސްއަށް ވެސް އަހަރެންގެ ވާހަކަ ޤަބޫލުކުރެވޭނެ. ލޫކަންއާއި އައިރާގެ ދެމެދުގައި އޮތް ގުޅުން ވެސް ޤައިސް މެދުވެރިކޮށް ހުއްޓުވާލެވިދާނެ..."

"ކޮންކަމަކަށް ގެއްލިފައި.... މިރޭ ހާދަ ހޫނޭ ދޯ. ދިލަ ހޫނެއްވަނީ ވެސް. ވާރޭވެހެން އުޅޭތީ ކަންނޭނގެ" ހާމަފެންޑާގެ ވަށާފާރުބުރީގައި އަތް އަޅުވާލައިގެން ހުރެފައި ރުބީނާގެ އުނަގަނޑުގައި އަތްއަޅުވާލާ ގާތަށް ދަމާލަމުން ޤައިސް ބުންޏެވެ.

"ހިނގާ ހިނގާލަން ދަމާ. ބޭރަށް ނުކުމެލުމުން ވައިރޯޅިއެއްގެ އަސަރު ކޮށްފާނެ... ދެމީހުން އެކުގައި ހިނގާލަން ނުދަމެއްނު" ރުބީނާ ހިނިތުންވެލަމުން ބުންޏެވެ.

"ރޫބީ ބޭނުމިއްޔާ ގޮވައިގެން ދާގޮތަށް މި ހުރީ" ޤައިސް ވެސް ބުނެލީ ހިނިތުންވެލަމުންނެވެ. އޭނާއަށް ރުބީނާގެ ވާހަކަތަކުގައި ފޮރުވިފައިވާ ހަޤީޤަތެއް ނޭނގެއެވެ.

ދެމަފިރިން ހިނގާލަން ނުކުމެ ވަކި ހިސާބަކުން ރުބީނާ އެދުނީ އޭނާއަށް ލޫކަންއަށް ހަދިޔާ ކުރި ގެ ދައްކާލަން ގެންދިއުމަށެވެ. އެކަމަށް ވެސް ޤައިސް ދެކޮޅެއް ނުހެދިއެވެ. ނުކުމެވުނީތީވެ އެކަން ވެސް އޭނާ ކޮށްދޭން ބޭނުންވީ އެވެ. އެ ގެއާ ހަމައަށް އާދެވުމުން ޤައިސް ގެ ދައްކާލިއެވެ. ނަމަވެސް ރުބީނާއަށް ލިބުނީ ހައިރާން ކަމެވެ. ބޭރަށް ފެންނަން ހުރި ހުރިހާ ކުޑަދޮރުތަކުން އަލިކަމެއް ނުފެނެއެވެ. ގޭޓުގައި ހުރީ ބޭރުން ތަޅުއަޅުވާފައެވެ. މައިދޮރާއި ގޭޓާއި ދޭތެރޭ އޮތް ކުޑަ ހުސްތަންކޮޅުގައި މަސައްކަތެއް ކުރާކަމުގެ ސާމާނުތައް ހުއްޓެވެ.

"ދޮރުމަތީ ގާޖަހާލާ ދޭތެރެތަކުގައި ވިނަ އިންދާލަންކަމަށް ބަޔަކާ ހަވާލުކޮށްގެން މިއުޅެނީ. އެއްކޮށް ނިމުނީމަ ގަސްމުށިތައް ވެސް ހުންނާނެ އަތުރާފައި" ޤައިސް ބުންޏެވެ. ރުބީނާއަށް ހަމައެކަނި ހިނިތުންވެވުނީ އެވެ. އެވެސް ގަދަ ކަމުންނެވެ. އޭނާގެ އެއްވެސް ކަމެއް ކާމިޔާބުވާ ގޮތް ނުވުމުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ އެވެ. އޭނާ ދެން ވިސްނީ ބޮޑު ފިޔަވަޅެއް އެޅުމަށެވެ. ނަމަވެސް ވަރަށް ހަމަޖެހިގެން ޤައިސް ހިފަހައްޓައިގެން ނޫނީ އެކަމެއް އޭނާއަށް ނުވާނެއެވެ.

ގެއަށް އައިސް ވަދެވުމާއެކު ޤައިސްގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ރުބީނާ އިށީނެވެ. ބޮލުން ޤައިސް އިޝާރާތްކޮށްލީ ކިހިނެއްވީތޯ އަހާލާ ފަދަ ގޮތަކަށެވެ.

"އަޅުގަނޑު މި ދައްކަން އުޅޭ ވާހަކަ ޤައިސްވާނެ ވަރަށް ރަނގަޅަށް އަޑުއަހަން. ވަރަށް ބޮޑަށް ކަމެއް ގޯސްވެގެން މިއުޅެނީ. ފުރަތަމަ އުޅުނީ ޤައިސް ގާތުގައި ނުބުނެ ހުރިހާ ކަމެއް ހައްލު ކުރާން ވެގެން. މި ހުރިހާ ކަމެއް ދިމާމިވަނީ އަޅުގަނޑުގެ ސަބަބުން ކަމަށްވީމަ" ކަންބޮޑުވެފައި އިނދެ ރުބީނާ ވާހަކަ ދެއްކި އެވެ.

"ބޮޑު ކަމެކޭ... ކޮންކަމެއް ގޯސްވީ..." ރުބީނާ ބޭނުންވި ފަދައިން ޤައިސްގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެ އެވެ.

"ތެދަށް ބުނާންޏާ ލޫކްގެ ކުށެއްނެތް. އަޅުގަނޑަށް އެ އަންހެންކުއްޖާ މިގެއަށް ގެނެވުންކަން އެއީ އަޅުގަނޑަށް ކުރެވުނު ވަރަށް ބޮޑު ކުށެއް. މިޒަމާނުގައި ހެވެއް އެދިގެން ވެސް ނުވާނެ ކަމެއް ކޮށްދޭކަށް... ޤައިސްއަށް އެނގޭނެ އަޅުގަނޑު މިގެއަށް އަންހެންކުއްޖަކު ގެނެސްގެން އުޅޭކަން. އޭނާ ބަނޑުބޮޑުވެފައި އިންއިރު ހުރިހާ ޚަރަދެއް ކޮށްގެން މި ގެންގުޅެނީ އަޅުގަނޑުކަން"

"ރޫބީ... ތި ހުރިހާ ކަމެއް އެނގޭ. އެއީ ވިޔާނުދާ ކުއްޖެކޭ ރޫބީ ބުނިކަން ވެސް ހަނދާނެއް ނުނެތޭ. އެކަމަކު ލޫކްއާ ތިކަމާ އޮތީ ކޮންގުޅުމެއް. އަޅުގަނޑު އެނގެން ބޭނުންވަނީ އެކަން" ރުބީނާގެ ވާހަކަތަކުން ޤައިސް ކަންބޮޑުވި އެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދިރިއުޅުމުގައި ކަތި ފިޔަވަޅެއް އަޅާފާނެތީ ހާސްވެއެވެ.

"އަޅުގަނޑަށް ނުވެސް އެނގޭ އޭނާގެ އަވައިގައި ލޫކް ޖެއްސީ އިރެއް. އެ ދެމީހުން އެކުގައި ބޭރަށް ވެސް ދަނީ. ޤައިސް ނޫޅޭ ވަގުތުތައް ބަލައިގެން ލޫކް އެ އަންހެނާގެ ކޮޓަރީގައި ވެސް ވަގުތު ހޭދަ ކުރަނީ... ދަންވަރު ވެސް ފެންނަނީ... އަޅުގަނޑަށް މިކަން އެނގިގެން ހުއްޓުވާން ވަރަށް މަސައްކަތް ކުރެވިއްޖެ. އަޅުގަނޑަށް އެ އަންހެންކުއްޖާގެ ގޮތް އެނގޭތީ އޭނާއާއީ ލޫކް ގާތްވާން ނުރުހެނީ. އަޅުގަނޑު އުޅެފިން އެ އަންހެންކުއްޖާ އެހެންތަނަކަށް ބަދަލުކުރާން ވެސް. އެކަމަށް ވެސް ހުރަސް އެޅީ ހަމަ ލޫކް. މިހާރު ހުންނަނީ އަޅުގަނޑުދެކެ ނިކަން ހިތްހަމަނުޖެހިފައި... މި ހުރިހާ ކަމެއް ޤައިސްއާ ހަމައަށް ނައިސް ދެން ނުހުންނާނެކަން އެނގުމުން ކަންތައް ކުރި ގޮތް އެނގޭތަ؟ ލޫކްވީ އެ އަންހެންކުއްޖާ ގޮވައިގެން މިގެއިން ނުކުމެގެން ގޮސް. ދިޔައީ ކޮންތާކަށް ކަމެއް ނޭނގެ. ގޭގައި އުޅޭ އެންމެން ގާތުގައި އެހުމުން ވެސް ބުނީ ފޮށި ހިފައިގެންނޭ ދިޔައީ. ޤައިސް!... ދެރަކަމެއް ނުވަނީސް މިކަން ހުއްޓުވަން އެބަޖެހޭ. ލޫކްއަށް މަގު އޮޅުވާލާފައި އެވަނީ އެ އަންހެނާ. އޭނާގެ ބަސް ޤަބޫލު ކޮށްގެން އެ އުޅެނީ" ރުބީނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ. (ނުނިމޭ)