ރާއްޖެ ކުޅިވަރު

ދިހަ މީހުންނާއެކު ކުޅުނު އަޔެޔަވާދީ އާއި ނިއު އެއްވަރު

އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި ނިއު ރޭޑިއަންޓް މިޔަންމާގައި މިއަދު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ޑިފެންޑަރު މިއޯ ވިއެން އަށް ރަތްކާޑު ދެއްކުމާ ގުޅިގެން ދިހަ ކުޅުންތެރިންނާއެކު ކުޅުނު އަޔެޔަވާދީ ކޮޅަށް ލަނޑު ޖެހުމުގެ ފުރުސަތެއް ނިއުގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނެވެ. އެކަމަކު ހަމްޕު ތިރިތިރިން ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 30 ވަނަ މިނިޓުގައި ނިއުގެ ސްލޮވާކިއާ މިޑްފީލްޑަރު ވިލިއަމް މައްކޯ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި ދެ ޓީމު މާލޭގައި ބައްދަލުކުރި މެޗު ކާމިޔާބުކުރި އަޔެޔަވާދީ އިން ވެސް ފުރަތަމަ ހާފުގައި ނިއުގެ ގޯލަށް ނުރައްކާކުރި އެވެ.

މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނިއުގެ ކެޕްޓަން އައްސަދު އަލީ މެޗުގެ 77 ވަނަ މިނިޓުގައި ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނިއުގެ ޒުވާން ފޯވަޑް އަހުމަދު ސުހެއިލް އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނުނެވެ. އަކުރަމް އަބްދުލް ގަނީ ފޮނުވާލި ބޯޅަ އަޔެޔަވާދީގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނިކުުތް ވަގުތު އޭރިޔާ ތެރޭގައި ހުރި ސުހެއިލް އަށް އެ ބޯޅަ ލިބުނު ނަމަވެސް، ސުހެއިލް ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ މަތިންނެވެ.

ކުޅުމާ ދުރުގައި ހަތަރު މަސް ދުވަހު ހުރުމަށް ފަހު، މި މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު އަލީ ފާސިރު (ސެންޓޭ) ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެެފަ އެވެ. މިއީ މި ސީޒަންގައި ސެންޓޭ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ނަތީޖާއާއެކު ނިއު ގުރޫޕްގެ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަަނައިގައި އަޔެޔަވާދީ އޮތީ ހަ ޕޮއިންޓާއެކު އެވެ. އެއްވައނައިގައި ހަތް ޕޮއިންޓާއެކު އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް އޮތްއިރު، ތާވަލްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ލާއޮސްގެ ލާއޯ ޓޮޔޯޓާ އެވެ.