ބޮލީވުޑް

އެކްޝަން ފިލްމުތަކުގެ ފޯރި ގަދަވެ، މިތަރިން އެ ދިމާލަށް

Jul 29, 2017
1

ނުވަދިހައިގެ އަހަރުތަކަށް ފަހު ހިންދީ ސިނަމާތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަނީ އެކްޝަން ފިލްމުތަކެވެ. ހެއްވާ މަޖާ ނުވަތަ ލޯބީގެ އަސަރު ގަދަ ފިލްމަކަށް ވިޔަސް އެކްޝަން ފިލްމުތަކުގެ އޯޑިއަންސް ބޮޑުކަމުން އެ ރަހަ ފިލްމުތަކުގައި ހިމަނަން ފިލްމު އުފައްދާ ފަރާތްތަކަށް އޮތީ މަޖުބޫރުވެފަ އެވެ. އެހެންކަމުން ދެހާހުގެ އަހަރުތަކުން ފެށިގެން އެކްޝަން އަށް ހާއްސަ ފިލްމުތައް އުފެއްދުން ވަނީ ގިނަވެފަ އެވެ. އެގޮތުން މިފަހަކަށް އައިސް ހޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރުންގެ އެހީތެރިކަމާ އެކު ހިންދީ އެކްޝަން ފިލްމުތަކުގެ ފެންވަރު ވަނީ ރަނގަޅުވެފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރިން ލިސްޓެއް އެކުލަވާލެވޭ ވަރަށް ވުރެން އެކްޝަން ތަރިންގެ ނަންތައް މަދު ނަމަވެސް އެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ތަރިންނަކީ އަމީތާބް ބައްޗަން އާއި ސުނިލް ޝެޓީ އަދި ސަނީ ޑިއޯލް ފަދަ މަދު ނަން ތަކެކެވެ.

ބޮލީވުޑްގައި އެކްޓަރުން ކިތަންމެ ގިނަ ނަމަވެސް ހުރިހާ ވައްތަރެއްގެ ފިލްމުތައް ކުޅެލެވެނީ ވަރަށް މަދު ތަރިއަކަށެވެ. ނަމަވެސް ފިލްމީ ދާއިރާގައި ވާދަވެރިކަން ބޮޑުވެ އާ އެތަކެއް ހުނަރުވެރި މޫނުތަކެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފިލްމީ ދާއިރާ އަށް ނުކުތުމަކީ މި ދާއިރާގައި ހަރަކާތްރިވަމުން އަންނަ ތަރިން އެކި ކަހަލަ ފިލްމުތައް ކުޅެން ވިސްނަން މަޖުބޫރުވެފައި އޮތް ކަމެކެވެ. އެގޮތުން ޒުވާން ބައެއް އެކްޓަރުންނާއި ފިލްމީ ދާއިރާގައި ހަރަކާތެރިވާތާ އަހަރުތަކެއް ވެފައިވާ ގިނަ ތަރިންނެއް މިވަނީ އެއް ތަތްގަނޑެއްގެ ފިލްމުތައް ކުޅުން ދޫކޮށްލައި އެކްޝަން ޖޯންރާގެ ފިލްމުތައް ކުޅެން އަތުކުރި އޮޅާލާފަ އެވެ.

އަހަރުތަކެއް ވީ ޗޮކްލެޓް ބޯއިގެ އިމޭޖް ދުއްވާލައި ވަރަށް ބޮޑު ރިސްކަކާ އެކު އެކްޝަން ފިލްމުތައް ކުޅެން ފިސާރި ކެރިގެން ނިކުންނަން ތައްޔާރުވަމުން އަންނަނީ ތިރީގައި މިވާ ބޮލީވުޑްގެ އެންމެ ރީތި ތަރިންގެ ތެރޭގައި ހިމެނޭ މި ފަސް ތަރިންނެވެ.

1. ސުޝާންތް ސިންގް ރާޖްޕުތް

ސުޝާންތް ސިންގް ރާޖްޕުތް 2012 ވަނަ އަހަރު ނިކުތް "ކައި ޕޯޗޭ" އިން ބޮލީވުޑަށް ނިކުތުމުގެ ކުރިން ވެސް އޭނަ އަކީ ޒީ ޓީވީއިން ދެއްކި ކާމިޔާބު ޑްރާމާ "ޕަވިތްރަ ރިޝްތާ" ގެ ލީޑް އެކްޓަރުގެ ރޯލު ކުޅެގެން ބެލުންތެރިންގެ މެދުގައި މަގުބޫލު މޫނެކެވެ. އެ ފިލްމުގެ ކާމިޔާބާ އެކު ސުޝާންތަށް ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުނަސް، ގާތްގަނޑަކަށް ލިބިގެން ގޮސްފައިވަނީ އެއް ކަހަލަ ކެރެކްޓާއެއް ކުޅޭ ފިލްމުތަކެވެ. ސުޝާންތްގެ ފިލްމީ ކެރިއަރު ބަދަލުކޮށްލި އެއް ފިލްމަކަށް އޭނާ ކްރިކެޓް ތަރި މަހިންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ކުޅުނު "އެމް އެސް ދޯނީ" ހިމެނެ އެވެ. ފިލްމުގައި އޭނާ ދޯނީ ނަކަލު ކޮށްފައިވާލެއް މޮޅު ކަމުން އޭނާ އަށް ވަނީ އެތަކެއް ބައެއްގެ ތައުރީފު ބަންޑުންވެފަ އެވެ. މި ފިލްމުގެ ކާމިޔާބީ އާއެކު ސުޝާންތް ވަނީ ފުރަތަމަ ފަހަރަށް އެކްޝަން ފިލްމެއް ކުޅެން ނިންމާފަ އެވެ. "ރޯ" ކިޔާ އެ ފިލްމަކީ ރޮބީ ގްރޭވާލް ޑައިރެކްޓްކޮށް، އަންނަ އަހަރު ރިލީޒްކުރާ ގޮތަށް އުފާއްދާ ފިލްމެކެވެ. މި ފިލްމުގައި ސުޝާންތް ފެނިގެންދާނީ ރޯ އެޖެންޓެއްގެ ރޯލުން ކަމަށްވެ އެވެ.

2. ރަންބީރު ކަޕޫރު

ބޮލީވުޑްގެ މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކްޓަރަކީ ރަންބީރު ކަޕޫރެވެ. ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ އަށް ނިސްބާތްވާ ރަންބީރު ދިހަ އަހަރުވީ ފިލްމީ ކެރިއަރުގައި ވަނީ އެކި ޖޮންރާގެ ފިލްމުތައް ކުޅެފަ އެވެ. "ރޮކްސްޓާ" އާއި "ބަރްފީ" އަދި "ތަމާޝާ" އާއި "ޖައްގާ ޖާސޫސް" އަކީ ރަންބީރު ކުޅެފައިވާ އެންމެ ތަފާތު ރޯލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމުތަކެވެ. ދޭތެރެއަކުން ތަފާތު ފިލްމުތައް ރަންބީރު ކުޅުނު ނަމަވެސް އެކްޝަން ފިލްމެއް ކުޅެފައެއްނުވެ އެވެ. ބައެއް ފަރާތްތަކުން ރަންބީރު ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމުތައް ނުކުޅޭތީ އޭނާ އަށް ފާޑުކިޔާވެސް ހަދަ އެވެ. ސަންޖޭ ދަތުގެ ބައޮޕިކް މިހާރު ކުޅެމުން އަންނަ ރަންބީރު ދެން އެންމެ އަވަހަށް ކުޅޭ ފިލްމަކީ އެކްޝަން ފިލްމެކެވެ. ސުޕަ ޕަވާއެއް ލިބިފައިވާ މީހެއްގެ ރޯލުން ރަންބީރު ފެނިގެންދާ ފިލްމު، "ޑްރެގަން" ގެ ޝޫޓިން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމަށް ތައްޔާރުވާން ރަންބީރު ވަނީ ތަފާތު ވައްތަރެއްގެ މާޝަލް އާޓްސްއެއް ވެސް ދަސްކޮށްފަ އެވެ.

3. އަންގަދް ބޭދީ

އަންގަދް ބޭދީ ބޮލީވުޑަށް ނިކުތީ މިދިޔަ އަހަރު ނިކުތް އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޕިންކް" އިންނެވެ. ހަމަ މިދިޔަ އަހަރު ނިކުތް "ޑިއާ ޒިންދަގީ" އިން ފެނިގެން ގޮސްފައިވާ އަންގަދްގެ ފުރަތަމަ އެކްޝަން ފިލްމަކީ ވަރުގަދަ ބޮޑު ފިލްމެކެވެ. ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ އެކްޝަން ފިލްމު "ޓައިގާ ޒިންދާ ހޭ" އިންނެވެ. ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރާ މި ފިލްމަކީ، މި ސިލްސިލާގެ ފުރަތަމަ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ވެސް އެކްޝަން މަންޒަރުތަކާއި ސްޓަންޓްތައް ފުރިހަމަކޮށްގެން އުފައްދާ ފިލްމެެކެެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ދެ ޖާސޫސުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ފިލްމުގައި އަންގަދް ފެނިގެންދާނީ މުހިންމު ރޯލަކުންނެވެ. އަންގަދްގެ ގިނަ އެކްޝަން މަންޒަރުތަކެއް ފިލްމުގައި ފެނިގެންދާނެ ކަމަށްވާއިރު، އޭނާ އަންނަނީ ހޮލީވުޑްގެ އެކްޝަން ޑައިރެކްޓަރުންގެ ފަރާތުން ތަމްރީނުތައް ނަގަމުންނެވެ.

4. ހަރްޝްވަރްދަން ކަޕޫރު

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ހަގު ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު (ހަރްޝް) ބޮލީވުޑަށް ނިކުމެފައިވަނީ މިދިޔަ އަހަރު ނިކުތް "މިރްޒިޔާ" އިންނެވެ. ހަރްޝްގެ ފުރަތަމަ ފިލްމު ރިލީޒްވުމުގެ ކުރިން އޭނާ އަށް އޮތީ ދެވަނަ ފިލްމު "ބާވޭޝް ޖޯޝީ" އިން ފުރުސަތު ލިބިފަ އެވެ. ވިކްރަމަދިތްޔަ މޮޓްވާނޭ ޑައިރެކްޓްކުރާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ނަގައި ނިމިފައިވާއިރު ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަރްޝް އަންނަނީ ހަށިގަނޑުގެ މަސްތައް ވަރުގަދަކުރަމުންނެވެ. ބާކީ ހުރި މަންޒަރުތަކުގައި އެކްޝަން މަންޒަރުތައް ވަރަށް ގިނައިރު، އެ މަންޒަރުތައް ނެގުމަށް ވަރަށް ރަނގަޅަށް ހަރްޝް ތައްޔާރުވާންޖެހެ އެވެ. "މިރްޒިޔާ" ގައި ވެސް ހަރްޝްގެ އެކްޝަން މަންޒަރުތަކެއް ފެނުނު ނަމަވެސް މި ފިލްމަކީ މުޅިން ވެސް އެކްޝަން އެކުލެވޭ ފިލްމެއް ކަމަށްވެ އެވެ.

5. އިމްރާން ހާޝިމީ

އިމްރާން ހާޝިމީ ފިލްމު ކުޅެމުން އަންނަތާ މިހާރު އެތަކެއް އަހަރެއްވެއްޖެ އެވެ. އޭނާގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް އިމްރާނަކީ އަންހެނުން ކުދިންގެ މެދުގައި ނިކަން މަގުބޫލު މޫނެކެވެ. ބޮލީވުޑްގެ ސީރިއަލް ކިސާގެ ގޮތުގައި މަޝްހޫރުވެފައިވާ އިމްރާން އަކީ އަބަދުވެސް ލޯބީގެ މަޑުމައިތިރި ރޯލުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އިމްރާން އަންނަނީ އޭނާގެ އަހަރުތަކެއްވީ ސީރިއަލް ކިސާގެ އިމޭޖް ދުއްވާލައި، އެކްޝަން ފިލްމަކާ އެކު އެނބުރި އަންނަން ތައްޔާރުވަމުންނެވެ. "ބާދްޝާހޯ" ކިޔާ އެކްޝަން ފިލްމުގައި އިމްރާނާ އެކު މުހިންމު ރޯލުތަކުން އަޖޭ ދޭވްގަން އާއި ވިދްޔުތް ޖަމްވަލް ފެނިގެންދާނެ އެވެ. މުޅިން އެކްޝަންގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އިމްރާނުގެ ފުރަތަމަ އެކްޝަން ފިލްމެވެ. މި ފިލްމުގައި އޭނާގެ ފަރާތުން ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ކަމަށްވާއިރު، އިމްރާން ލަވާ ބޯއިއެއްގެ ގޮތަށް ބެލުންތެރިންގެ މެދުގައި މަގުބޫލުވި ގޮތަށް އޭނާ އެކްޝަން ތަރިއެއްގެ ގޮތަށް ބެލުންތެރިން ބަލައިގަންނާނެ ކަމަށް އޭނާ އުންމީދުކުރެ އެވެ.