މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަަދު ސޯލިހު (އިބޫ) ގަނޫނީ ވަކީލުންނާއެކު ހާޒިރުވުމަށް ފުރުސަތުދީ، މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުންގެ އިދާރާއަށް ހާޒިވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަން މައްސަލައާއި ގުޅިގެން ފުލުހުން ސުވާލު ކޮށްފައިވާ ކަމަށާއި ސުވާލުތަކަށް ގަނޫނީ ވަކީލުން މެދުވެރިކޮށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީ މާދަމާރޭ 8:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ ކުރިއަށް އޮތީ ބަނދު ދެ ދުވަސް ކަމުން ވަކީލުން ހޯދުމަށް އާދިއްތަ ދުވަހާ ހަމަޔަށް ފުރުސަތު ދިނުމަށް އެދި ދެންނެވުމުން ފުރުސަތު ދެވެން ނެއް ކަމަށާއި ތަހުގީގު ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމަށް ފުލުހުން ބުނި ކަމަށް ވެއެވެ. އަދި ތަހުގީގު ވަކި ފަރާތަކަށް ނުޖެހި ހަމަ ހަމަކަން މަތީ ކުރުމަށް ފުލުހުންނަށް އިބޫ ގޮވާލާފައި ވެއެވެ.
"24 ވަނަ ދުވަހު މަޖިލީހަށް ވަން އިރު ދިމާވި ކަންތައްތަކާ މެދު ސުވާލު ކުރީ. ގާނޫނީ ވަކީލެއް މެދުވެރިކޮށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް އެދުނީ. ކުރިއަށް އޮތީ ބަނދު ދެދުވަސް ކަމުން ހޮނިހިރު ނުވަތަ އާދިއްތަ ދުވަހަށް ދެއްވާށޭ ވަކީލަކު ހޯދަން. ބުނީމަ ބުނީ ނެތޭ ދެވޭކަށް. ތަހުގީގު ޖެހޭ ވަރަށް އަވަހަށް ނިންމަން. ގަޑިއަކާއި ވަގުތެއް ދީފަ އޮބެން ތަހުގީގު ނިންމަން." އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިސްލާހަށް ކުރަމުންދާ މަސައްކަތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އެކަމަކީ ވަކި މީހަކު ހުރެގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ދިވެހި ރައްޔިތުންގެ ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ވަކި މީހަކު ހައްޔަރުކޮށް ޖަލަށް ލިޔަސް އިސްލާހަށް ކުރަމުންދާ މަސައްކަތެއް ނުހުއްޓޭނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގެ ތުހުމަތުގައި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވެސް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއެވެ.