ބޮލީވުޑް

އަނިޔާއާއެކު ކަންގަނާ އެނބުރި ޝޫޓިންއަށް

Jul 30, 2017

ބަތަލާ ކަންގަނާ ރަނާވަތު "މަނިކާނިކާ: ދަ ކްއީން އޮފް ޖާންސީ" ގެ މަންޒަރެއް ނެގުމުގެ ތެރޭގައި ޕްރޮޕް ކަނޑިޔަކުން ނިތްކުރީގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ހައިދަރްއާބާދުގެ ރަމޮޖީ ފިލްމު ސިޓީގައި ކަނޑިން ތަޅާ ފިލްމުގެ މަންޒަރެއް ނެގުމުގެ ތެރޭގައި ބޯ ތިރި ނުކުރަން ޖެހޭ ތަނުގައި ބޯ ތިރި ނުކުރެވި ކަނޑިން ޖެހި، ކަންގަނާގެ ނިއްކުރި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ކަންގަނާގެ ނިއްކުރި ކަފައިގެން ދިއުމުގެ ސަބަބުން 15 ސްޓިޗް ޖަހައި އެތަން ފަހައި ހަފްތާއެއް ވަންދެން ބެޑް ރެސްޓުގައި އޮންނަން ޑޮކްޓަރުން ވަނީ އަންގާފަ އެވެ. އަދި ކަންގަނާގެ ނިއްކުރި އަށް ލިބުނު އަނިޔާ ރަނގަޅު ނުވަނީސް ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދާނެ ކަމަށް ކުރިން ބުނެފައި އޮތް ނަމަވެސް ކަންގަނާ އަނިޔާ ލިބުނުތަނާ ހަފްތާއެއް ވީ ދުވަހު ފިލްމުގެ ޝޫޓިން އަލުން ފަށާފަ އެވެ.

ފިލްމުގެ ސެޓުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އަނިޔާ ރަނގަޅު ނުވަނީސް ކަންގަނާ ވަނީ ބުދަ ދުވަހު ފިލްމުގެ ސެޓަށް އައިސް ޝޫޓިން އަލުން ފަށާފަ އެވެ. ކަންގަނާގެ ނިއްކުރީގައި އިން ޒަހަމް ފަހައި، އެތަނުގައި އަދިވެސް ދުޅަކަން ފެންނަން ހުރި ނަމަވެސް އޭނާ ވަނީ ޝޫޓިން އިތުރަށް ލަސްނުކުރަން، އަނިޔާ އާއެކު ނެގޭ މަންޒަރުތައް ނަގަން ނިންމާފަ އެވެ.

އެގޮތުން މިހާރު ނަގަމުން އަންނަނީ ފިލްމުގެ ކްލައިމެކްސްގެ ބައެއް މަންޒަރުތަކެވެ. އަދި ކަންގަނާގެ ނިއްކުރީގައި ފަހާފައިވާ ތަން ނުފެންނާނެހެން މަންޒަރުތައް ނަގަމުން އަންނަނީ ހަނގުރާމަ މަންޒަރުތަކުގެ ވައިޑް ޝޮޓްތަކެވެ. ބުދަ ދުވަހުގެޝޫޓިންގައި ކަންގަނާ ވަނީ އަސްދުއްވަނިކޮށް ނަގާ މަންޒަރުތަކެއް ވެސް ނަގާފަ އެވެ. އަދި ފިލްމުގެ ކްލައިމެކްސް މަންޒަރުތައް ނެގުމަށް 500 ޖޫނިއާ އާޓިސްޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޝޫޓިންގައި ލިބުނު އަނިޔާއާ ގުޅިގެން ކަންގަނާ ކުރިން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ނިއްކުރީގައި ބޮޑު ލަކުނެއް ލާނެތީ އެކަމާ އޭނާ ދެރަވި ނަމަވެސް ހަނގުރާމަކޮށްގެން ލިބޭ ކަހަލަ ލަކުނެއް މޫނުގައި އިންނާނެތީ ފާޑަކަށް އުފާވެރިކަން އިހުސާސް ވެސް ކުރެވޭ ކަމަށް ބުނެފަ އެވެ.

"އަނިޔާލިބި މުޅި މޫނު ލެއިން ތަތްތެޅުމުން އިހުސާސްވީ ކުއީން ހަނގުރާމައިގެ މައިދާނުގައި ކުރާނެ ކަހަލަ އިހްސާސެއް،" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އާއެކު މި ފިލްމުގައި ޓީވީ ތަރި އަންކިތާ ލޯކަންޑޭ އާއި އަތުލް ކުލްކާނީ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.