ހަބަރު

ސިލްކް ރޫޓްގެ އެއްބަސްވުމުގައި ރާއްޖެ އިން ޗައިނާއާ އެކު ސޮއިކޮށްފި

ޗައިނާއިން ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ 21 ގަރުނުގެ ވިޔަފާރީގެ މަގު، މެރިޓައިމް ސިލްކް ރޫޓްގައި ރާއްޖޭން ބައިވެރިވި ވުމުގެ އެމްއޯޔޫގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ އެމްއޯޔޫގެ ދަށުން ސިލްކް ރޫޓްގައި ރާއްޖެ ބައިވެރިވާނެ ގޮތްތަކާއި އެ މަޝްރޫއުގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ވެސް ކަނޑައެޅިގެން ދާނެ އެވެ. ސިލްކް ރޫޓަކީ ވިޔަފާރިތަކަށް މަގުފަހިވާނެ ގޮތަށް އުމްރާނީ އެކި މަޝްރޫއުތައް ހިންގައިގެން ޗައިނާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް އެ ގައުމުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ ރޫޓްގައި މިހާތަނަށް ސްރީލަންކާ އާއި ރަޝިޔާ ފަދަ ގައުމުތައް ބައިވެރިވެފައިވެ އެވެ.