ހަބަރު

ރޭގެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

Jul 28, 2017
6

ރޭގެ ކެފޭއެއްގެ ތެރޭގައި ވަޅިން ހަމަލާދީ ހިންގި މާރާމާރީ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ. އެ މާރާމާރީގައި ޒަހަމްވި ނަދީމް އަބްދުއް ރަހްމާންގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

ނަދީމް އަށް ހަމަލާދީފައިވަނީ އެ ކެފޭގައި ކޮފީއެއް ބޯން އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެވެ. އެ މާރާމާރީގައި ނަދީމްގެ ބޮލަށްވެސް ހަމަލާދީފައިވެ އެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.

މިދިޔަ އަނގާރަ ދުވަހުވެސް ވަނީ ދެ މާރާމާރީއެއްގައި ތިން މީހަކު ޒަހަމް ވެފައެވެ. އަދި މިދިޔަ ހަފްތާގެ ބުދަ ދުވަހު އެލްސިއޯން ބޭކަރީ ކައިރިން މާރަމާރީ ހިންގާ މީހެއް ގަޔަށް ވަޅި ހެރި މައްސަލާގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ރޭވެސް މާރާމާރީ ހިންގުމަށް ތައްޔާރުވަމުން އައި ކަމުގެ ތުހުމަތުގައި ގްރޫޕެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މާރާމާރީތަކުގައި މީހުން ހައްޔަރުކޮށް އެފަދަ ތަހުގީގުތައް އެހާ ބާރަށް ކުރިއަށް ނުދިޔަ ނަމަވެސް ސިޔާސީ މީހުންނާ ގުޅޭ ތަހުގީގުތައް ބާރަށް ކުރިއަށް ގެންގޮސް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ސިޔާސީ ހަތަރު މީހަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.