ހަބަރު

ސައުދުގެ ބަންދަށްވެސް 15 ދުވަސް ޖަހައިފި

ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ. ސައުދު ހައްޔަރުކޮށްފައިވަނީ ސައުދު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނިކޮށް އަމިއްލައަށް ފުލުހުން ހާޒިރުވުމުން މިއަދު އެވެ.

ފުލުހުން ބުނީ ސައުދު ހައްޔަރުކޮށްފައިވަނީ ތަހުގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ދު ވަނީ މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރު ނުބައިކޮށް ނެރެވިގެން ސައުދު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން ސައުދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަތް ވަގުތު އޭނާ ވެސް މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށެވެ. ފުލުހުން ބުނަނީ އެބޭފުޅާ އަކީ މެންބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެބޭފުޅުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

މި މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެންބަރުންނާ އެކު ރައްޔިތުންގެ މަޖިލީހަށް ވަނުމާ ގުޅިގެން ރޭ ހައްޔަރު ކުރި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ބަންދަށްވެސް މިރޭ ވަނީ 15 ދުވަސް ޖަހާފަ އެވެ.