ކުޅިވަރު

ފުޓްބޯޅައަށް ކުލަބުތަކުގެ ސީރިއަސްކަން ކުޑަ ވެފައި

މި އަންނަ މަހު ފަށަން ހަމަޖެހިފައި އޮތް މާލޭ ލީގް ކޮލިފިކޭޝަން މުބާރާތުން، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ކުލަބު ޒެފްރޯލް އާއި ރަނަރަފު، ކުޑަ ހެންވޭރު ޔުނައިޓަޑް ވަކިވެއްޖެ އެވެ. އެ ދެ ކުލަބުގެ މާލީ ހާލަތު ދަށް ކަމަށް ބުނެ އެވެ. ނަތީޖާ އަކަށްވީ، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް ނުބާއްވާ ގޮތަށް ނިންމުމެވެ.

މިއީ، ފުޓްބޯޅަ އާ މެދު، ކުލަބުތަކުގެ ސީރިއަސްކަން އޮތް މިންވަރެވެ. ކުޅެން އޮތް މުބާރާތް ފަށަން، މަދު ދުވަސް ކޮޅެއް ކުރިމަތީގައި އޮއްވައި މުބާރާން ވަކިވީ އެވެ. މައްސަލައާ މެދު ސީރިއަސްކަން ގެއްލުނީ، ކުލަބު ތައް އެކަންޏެއް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިންވެސް، އެކަން ނެގީ އަހަމިއްޔަތުކަން ކުޑަ ކަމެއްގެ ގޮތުގަ އެވެ. އެ ދެ ކުލަބު މުބާރާތާ، ވަކިވުމުން، އެޅުނު ފިޔަވަޅެއް ނެތެވެ. މުބާރާތުން ވަކިވާން، އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ދުވަހު، އެ ދުވަހުން އެ ދުވަހަށް، އެފްއޭއެމުން ގޮތް ނިންމައިފި އެވެ. މުބާރާތް ނުބާއްވާ ގޮތަށެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ، ސުވާލަކީ އެ ދެ ޓީމާއެކު ވާހަކަ ދައްކައިގެން ދެ ޓީމު މުބާރާތަށް، ގެންނަން، އެފްއޭމުން، މަސައްކަތް ނުކުރީ ކީއްވެ ބާއެވެ. ނުވަތަ އެ ދެ ޓީމު މުބާރާތުގައި ބައިވެރިވާން ނެތް ކަމަށް ބުނުމުން، ދެ ވަނަ ޑިވިޝަން ސެމީ ފައިނަލުގައި ކުޅުނު އަނެއް ދެ ޓީމު ކަމަށްވާ ޖޭޖޭ ސްޕޯޓްސް އާއި ވީކޭ ސްޕޯޓްސް، މުބާރާތުގައި ބައިވެރިވާން އޮތްތޯ ބެލުން ކިހިނެއް ވާނެ ތޯ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް، ޓީމެއް މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން، ދެން އެފުރުސަތު ފަހިވާން އޮތް ތަރުތީބުގެ ލިސްޓްގެ އެހެން ޓީމަކަށް ފުރުސަތު ދެ އެވެ. ނަމަވެސް މިއިން އެއްވެސް މަރުހަލާތަކެއް ފުރިހަމަ ނުކޮށް، އެފްއޭއެމުން މުބާރާތް ނުބާއްވަން ނިންމުމުން، އެފްއޭއެމުވެސް އެ މުބާރާތަށް އޮތް ސީރިއަސް ކަމާ މެދު ސުވާލު އުފެދެ އެވެ.

އެފްއޭއެމްގެ ސީރިއަސްކަން، ގެއްލިފައި ވަނީ، މި މުބާރާތާ މެދު އެކަންޏެއް ނޫނެވެ. އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއާގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ވެސް، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރި ވެފައެއް ނުވެ އެވެ. އެ މުބާރާތުގެ ކޮލިފިކޭޝަންގައި ބައިވެރި ނުވާން ނިންމި ސަބަބެއް، އެ އިދާރާއިން މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

މުބާރާތުން ވަކިވުމަށް ކުލަބުތަކަށް އެހެން ނުފޫޒެއް؟

ދެ ވަނަ ޑިވިޝަންގެ، ގަދަ ދެ ކުލަބު، މާލޭ ލީގް ކޮލިފިކޭޝަން މުބާރާތުން ވަކިވުމުގައި މުޅި ސަބަބު ގުޅި ފައި ވަނީ މާލީ ހާލަތު ދަށް ވެގެންތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މީގެ ކުރިން، މާލީ ހާލަތު ދަށް ނަމަވެސް، ޓީމުތައް މުބާރާތުގައި ވާދަ ކޮށްފައި އެބަހުއްޓެވެ. ނުވަތަ ކޮލިފިކޭޝަން މުބާރާތުގެ ހަ މެޗު ނުކުޅޭވޭ ވަރަށް އެ ދެ ޓީމުގެ މާލީ ހާލަތު ހަމަ ދަށަށް ދިޔައީ ހެއްޔެވެ.

މުބާރާތުގައި ވާދަ ނުކުރަން، އެ ދެ ކުލަބުން ނިންމުމުގައި، އެހެން ނުފޫޒުތަކެއް މެދުވެރި ނުވޭ ބާވައެވެ. ޒެފްރޯލުން، މުބާާރާތަށް ތައްޔާރުވުމުގެ ގޮތުންްް، ޓްރެއިނިންތައް ފަށަން ވެސް ތައްޔާރުވި އެވެ. ނަމަވެސް ފަހުން "ވިސްނުން ބަދަލު ވީ" އެވެ.

އިތުބާރު ހުރި ފަރާތަކުން، އަވަސްއާ ހިއްސާ ކޮށްފައިވާ ގޮތުގައި، މުބާރާތުގައި، ވާދަ ނުކުރުމުގެ ވާހަކަތައް ދެކެވެން ފެށީ، މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުވި ފަހުން ނެވެ. ނުވަތަ، މާލޭ ލީގުން، ކޮލިފައިން މުބާރާތުގައި ވާދަ ކުރާނެ ޓީމުތަކަކީ ކޮބައިކަން އެނގުނު ފަހުން ނެވެ.

އެ ދެ ޓީމު މުބާރާތުން ވަކިވާން ހުށަހެޅުމުގައި، އޮތީ ހަމައެކަނި މާލީ ސަބަބުތަކެއްތޯ އެވެ. އެކަމަށް، "އަޑުގަދަ ފަރާތްތަކެއްގެ" ނުފޫޒެއް ނުވޭތޯ ސުވާލު އުފެދެ އެވެ. މިކަމާ ގުޅުން ހުރި، ބައެއް ވާހަކަ ތަކަކީ، މިހާރުގެ އަބުރުގެ ގާނޫނު އޮތް ގޮތުން، މީޑިއާގައި، އެކަން، ހާމަ ކޮށް، ލިޔެ، ޝާއިއު ކުރެވެން ނެތް ވާހަކަ ތަކެވެ. އަދަބު މަޅި އަކަށް ނުފެތި ސަލާމަތް ވާނެ ގޮތް އަޅުގަނޑުވެސް ހޯދަން ޖެހެ އެވެ.

ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމަށް ބޮޑު އުފަލެއް ލިބުނު ކަހަލަ

މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް ނުބާއްވާ ގޮތަށް ނިންމައިފި އެވެ. ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމަށް، އެއްވެސް ޗެލެންޖެއް ނެތި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރު ވީއެވެ. ޓްރާންސްފާ ޕީރިއަޑްގެ ހަނި ވަގުތުކޮޅު ގައިވެސް އެ ކުލަބުތަކުގެ ތިބި، މުހިންމު ކުޅުންތެރިން "ފީ ސަބީލިއްﷲ އަށް" އެހެން ޓީމުތަކަށް ދޫކޮށްލައިފި އެވެ. ދުރުގައި ހުރެ މަންޒަރު ބަލާ މީހަކަށް ހީވީ، އެ ޓީމުތަކަށް ސީޒަން ނިމުނު ހެން ނެވެ.

ނަމަވެސް، ރާއްޖޭގެ ފުޓްބޯޅައިގެ، 'ސިލްވާވޭ' މުބާރާތް ކަމަށްވާ، އެފްއޭ ކަޕް އޮތީ އެވެ. މިއީ އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ލިބިގެންދާ މުބާރާތެވެ. ނަމަވެސް އެ މުބާރާތަށް، ވެސް ވިސްނުމެއް ނެތި، އެ ހަތަރު ޓީމުތަކުގެ ކުޅުންތެރިން އެހެން ޓީމުތަކަށް ދޫކޮށް ލުމުން، އެފްއޭ ކަޕާ މެދުވެސް އެ ޓީމުތަކުގެ ސީރިއަސްކަން ނެތް ވަރު އެނގިގެން ދެއެވެ.

އެ ހަތަރު ޓީމުގެ ތެރެއިން، ވިކްޓަރީ އަކީ، މި އަހަރުގެ ސީޒަންގައި، ތައްޓެއް ހޯދުމުގެ އަމާޒު، އެ ޓީމުގެ އަހަރުގެ މަގްސަދުގެ ތެރޭގައި ލިސްޓު ކޮށްގެން ނިކުތް ޓީމެކެވެ. ބޮޑު އަގުގައި، އެ ޓީމަށް ގެނައި މުހިންމު ކުޅުންތެރިން ދޫކޮށްލީ އެވެ. އެފްއޭ ކަޕްގައި އެ ޓީމުން ވާދަ ކުރާނެ ކަމުގެ ކުލަވަރެއް ނުދައްކަ އެވެ. ކުލަބު އީގަލްސްއިންވެސް އޮތީ އެ މުބާރާތަށް އެހެން ވިސްނުމެކެވެ. މި ދައްކަނީ، ދިވެހި ލީގަށް ފަހު، ރާއްޖޭގެ އެންމެ ހައިބަވެތި މުބާރާތުގެ ވާހަކަ އެއްވެ. ނަމަވެސް އެ މުބާރާތާމެދުވެސް، މި ޓީމުތަކުގެ އޮތް ސީރިއަސްކަން ކުޑަވީ އެވެ.

އެހެން ވުމުން އަޅުގަނޑުގެ ތަރުޖަމާ އަކީ، "ފުޓްބޯޅައިގެ އަމާޒު ހާސިލު ކުރުމުގެ ނަމުގައި" މިވެރިން ބުނާ ކަންކަން މި ވަނީ "ކުޅިވަރަށް" ނޫން ހެއްޔެވެ.