ކުޅިވަރު

މާޒިޔާގެ ކާމިޔާބަށް ހިޔާ ދެނީ، އަސަދުﷲގެ ލީޑާޝިޕް

Aug 3, 2017
2

ރާއްޖޭގެ ފުޓްބޯޅައިގައި، މިހާރުގެ އާ ބާރަކީ، މާޒިޔާއޭ ބުނުން އެއީ، އެހެން ޓީމުތަކާ މެދު ވެވޭ ބޭއިންސާފަކަށް ނުވާނެ އެވެ. ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި، މާޒިޔާ ވާދަ ކުރަމުން ދަނީ، އެހެން ކުލަބުތަކާ، ތަފާތު ފިލޯސަފީއެއްގަ އެވެ. ވޭތުވެދިޔަ ދެތިން އަހަރަކީ، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި، މާޒިޔާއިން ފައިތިލަ ސާބިތު ކުރުމަށް، ހޭދަ ކުރި، އަހަރުތަކެވެ.

މާޒިޔާ، ފުޓްބޯޅައިގައި ލީޑް ކުރުމުގައި، އެތައްބައެއްގެ ގުރުބާނީ އޭގެ ފަހަތުގައި ވެއެވެ. ފަރުދާގެ ކުރިމަތިން ނަމަ، ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އެއީ މާޒިޔާ މޫނެވެ. އަސަދުﷲ ލީޑަރަކަށްވީ، ހަމައެކަނި އޭނާގެ ތޮބީއަތުގައި، އެ ސިފަ ހުރެ ގެނެއް ނޫނެވެ. އޭނާގެ މަސައްކަތާއި ޕްރޮފިޝަނަލިޒަމް ވެސް އޭނާގެ ލީޑާޝިޕްގައި ފައްކާ ކޮށްފައި ހުރުމުން ނެވެ.

މާޒިޔާގެ ކޯޗް ސެކްލޮސްކީ ބުނެފައި ވަނީ، އޭނާގެ ހަޔާތުގައި ބައްދަލުވި ކުޅުންތެރިންގެ ތެރެއިން އެންމެ ޕްރޮފިޝަނަލް ކުޅުންތެރިޔަކީ އަސަދުﷲ ކަމަށެވެ.

"އޭނަ އަކީ އަމިއްލައަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް، އޭނާ އަކީ އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ ބޮޑަށް ޕްރޮފިޝަނަލް ކުޅުންތެރިޔާ، މި ޓީމަށް ޓަކައި، އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރޭ." އޭނާގެ ކެޕްޓަނާ ބެހޭގޮތުން ސެކްލޮސްކީ ބުންޏެވެ.

"އެންމެ ކުޑައިރު ކުޅުނީ ސެންޓަ ބެކަކަށް. އެއީ އޭރު ތަންކޮޅެއް ފަލަކޮށް ހުންނާތީ. ފަލަކޮށް އެގޮތަށް ތިބޭ ކުދިން އޭރު ތިބޭނީ ފަހަތުގައި. އޭރު އަނެއްހެން ކުޅޭ ހިތްވާ ވަކި މަގާމެއް ނެތް. އެތަނަށް ކުޅެން ބުނީމަ ކުޅުނީ. ސެންޓަ ބެކަކަށް ވެސް ރަނގަޅަށް ކުޅެވުނު އޭރު." މިއީ 2015 ވަނަ އަހަރު އަވަސް އަށް އަސަދުﷲ ދީފައިވާ އިންޓަވިއު އެއްގައި އޭނާ ބުނި ވާހަކަ އެކެވެ.

ސެންޓަ ބެކަށް ކުޅުނު، ދިފާއީ ކުޅުންތެރިޔާ އަކީ، މިހާރު ރާއްޖޭގައި ހުރި އެއް ވަނަ ސްޓައިކަރެވެ. މި ސީޒަންގައި މިހާތަނަށް، 15 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ލީސްޓްގެ އެންމެ ކުރީގައި އޮތީވެސް އަސަދުﷲ ގެ ނަމަވެ. ...

ދެން، އަސަދުﷲގެ މިހާރުގެ ވާހަކަ އެވެ. މިއީ މާލޭ ލީގްގްގެ ކާމިޔާބަށް ފަހު، އަވަސްއަށް އަސަދުﷲ ދީފައިވާ އިންޓަވިއުއެއްގެ ބައެކެވެ.

ނިމި ދިޔަ މާލޭ ލީގް ފުރަތަމަ ބުރު މާޒިޔާއިން ނިންމާލީ ވަރަށް ބޮޑު އިތުބާރަކާ އެކު، ނަމަވެސް ލީގް ޗެމްޕިއަންކަން ލިބުނު ނަމަވެސް، ދެ ވަނަ ބުރުގައި މާޒިޔާ ފެނުނީ ވަރަށް އުނދަގޫ ހާލަތެއްގައި ވަނިކޮށް، ލިބުނު ކާމިޔާބާއި، މި ލީގާ ބެހޭގޮތުން ބުނާނީ ކީކޭ؟

ވޭތު ވެދިޔަ ހައެއް އަހަރަށް ބަލާލާއިރުވެސް އަޅުގަނޑު ކުޅުނު އެންމެ ވާދަވެރި، އެންމެ އުނދަގޫ ލޯކަލް މުބާރާތް އެއީ. ލީގްގެ ހުރިހާ ކަމެއް ފައިނަލު ވެގެން ދިޔައީ އެންމެ ފަހު މެޗުތަކުން. ލީގް ޗެމްޕިއަންވެސް، ގަދަ ހަތަރެއްވެސް ފައިނަލު ވެގެން ދިޔައީ އެންމެ ފަހު ހަތަރު މެޗުން. މިދިޔަ ދެތިން އަހަރު އެންމެ ވަރުގަދަ ކޮށް އޮތް ޓީމު ގަދަ ހަތަރަކުން ކައްސާލައިގެންވެސް ހިނގައްޖެ އެހެންވީމަ މިއީ ލީގްގައި ހުރި ވަރުގަދަ ކަން ފޯރި ގަދަކަން،

ދެން މިވަރުގެ އުނދަގޫ ވާދަވެރި މުބާރާތެއް ކާމިޔާބު ކުރުން އެއީ މާޒިޔާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް

މާލޭ ލީގް ކާމިޔާބާއެކު ދެން ކުރިމަތި ލާނީ އުރީދޫ ދިވެހި ޕްރިމިއާ ލީގަށް، މި ކާމިޔާބުން ދިވެހި ޕްރިމިއާ ލީގްގައި ކިހާބޮޑު ހިތްވަރަކަށް ވާނެ؟

މި ކާމިޔާބަކީ ވަރަށް ބޮޑު ހިތްވަރެއް، މާލޭ ލީގަކީ ކިތަންމެ ވާދަވެރި ފޯރިގަދަ މުބާރާތަކަސް ޕްރިމިއާ ލީގް މީ އެންމެ މުހިންމު މުބާރާތް ޕްރިމިއާ ލީގް ކާމިޔާބު ކޮށްގެން އޭއެފްސީ [ކަޕް] ސްލޮޓްވެސް މި ލިބެނީ، އަޅުގަނޑުމެންނަށް މާލޭ ލީގްގައި ހެދިފައި ހުރި ގޯސްތަކާއި މިސްޓޭކްތައް ފޫ ބައްދައިގެން، އިތުރަށް ރަނގަޅު ކޮށްގެން ޕްރިމިއާ ލީގްވެސް ކާމިޔާބު ކުރަން އަޅުގަނޑުމެން ނިކުންނާނީ

ސީޒަނަށް ނިކުތް އިރު އަޅުގަނޑުމެންގެ ކުލަބުގެ ވަރަށް ބޮޑު ޓާގެޓެއް ސީޒަންގެ ހުރިހާ ތައްޓެއް ހޯދުން، މިހާރު އެކެއް [ޗެރިޓީ ޝީލްޑް] ދޭއް [މާލޭ ލީގް] މި ހަމަވީ، ﷲ އިރާދަ ކުރެއްވިއްޔާ ކުރިއަށް ހުރި ހުރިހާ މުބާރާތެއްވެސް ކާމިޔާބު ކުރަން އަޅުގަނޑުމެން ނިކުންނާނީ

ޓްރާންސްފާ ޕީރިއަޑްގައި މާޒިޔާއަށް ވަނީ އާ ކުޅުންތެރިންތަކެއް ގުޅިފަ، ސްކޮޑަށް އަލަށް ގުޅުނު ކުޅުންތެރިންނާއެކު މިހާރު ކިހިނެއް ޓީމުގެ ފެންވަރު؟

ހުރިހާ ވީކް ޑިޕާޓްމެންޓް ތަކެއް ވަރުގަދަ ކޮށްގެން ނިކުންނާނީ، ބޭރު ކުޅުންތެރިންގެ ތެރެއިން ޓީމާ ވަކިވި ކުޅުންތެރިންނަށް ވުރެ ވަރުގަދަ ޓީމަށް ފައިދާ ހުރި ކުޅުންތެރިން ތަކަކާއެކު އަޅުގަނޑުމެން ނިކުންނާނީ، ލޯކަލް ކުޅުންތެރިންގެ ތެރެއިންވެސް ލިބެން ހުރި އެންމެ ރަނގަޅު ކުޅުންތެރިން މިތިބީ

މާޒިޔާގެ ކޯޗްވެސް ފާހަގަ ކޮށްފައި އެބައޮތް މާލޭ ލީގް ކާމިޔާބުގައި އަސައްކޮގެ ލީޑާޝިޕްގެ ދައުރު މުހިންމު ކަން، މީގެ ސިއްރަކީ ކޮބާ؟

މި ކަމުގައި އަޅުގަނޑަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ، އަޅުގަނޑު ކެޕްޓަން ބޭންޑް އަޅާފައި ހުރި ނަމަވެސް އޭގެ ފަހަތުގައި ވަނީ ހުރިހާ ކުޅުންތެރިންގެ ސަޕޯޓް، އެ ކުޅުންތެރިންގެ ހިތްވަރާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް މިދަނީ،

އަޅުގަނޑު ކެޕްޓަން ބޭންޑް އަޅައިގެން ހުއްޓަސް، ހުސް ކެޕްޓަނުން މާޒިޔާގައި ތިބޭނީ، ހާއްސަކޮށް [މުހައްމަދު] އުމޭރު، އުމޭރު މާޒިޔާއާ ގުޅުނު ފަހުން ބައިވަރު ކަންތައްތަކެއް އޭނާގެ ފަރާތުން ދަސްވަމުން މިދަނީ، އޭނާގެ ފަރާތުން 100 ޕަސަންޓް އެހީތެރިކަން އަޅުގަނޑަށް ލިބެމުން ދަނީ، އުމޭރު އެ ދޭ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން

ދެހާސް ފަނަރަ ވަނަ އަހަރު، އަސައްކޮ ކުޅުނީ 10 ނަންބަރު ޖޯޒީގައި، ނަމަވެސް މިދިޔަ އަހަރު އިސްމާއީލް އީސަ (މެސީ) މާޒިޔާއަށް ބަދަލުވުމުން، 10 ނަންބަރު ބޭނުން ކުރީ އޭނާ، އީސަ ރިކްއެސްޓް ކުރީތަ؟ ކީއްވެ ޖޯޒީ ނަންބަރު ދޫ ކޮށްލީ؟

ނޫން! އަޅުގަނޑު އޭނަ [އީސަ] އަށް 10 ނަންބަރު ދިނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ނަންބާރ ޓެން އަކީ މެސީ، އެހެންވެ އޭނާ އަށް 10 ނަންބަރު ހައްގު ވާތީ އަޅުގަނޑު އޭނާ އަށް ދިނީ

އަސައްކޮގެ ފުޓްބޯޅަ ކެރިއާގައި ބައްޕަގެ ވަރަށް ބޮޑު ގުރުބާނީ އެއް ވާކަމަށް މައުލޫމާތު ލިބިފަ ވަނީ، ދެ އަހަރު ވަންދެން މާލޭގައި ހުރުމުގެ ކަންކަން ބައްޕަގެ އަމިއްލަ ހަރަދުގައި ހަމަޖެއްސިކަމުގެ މައުލޫމާތު ލިބޭ، ކިހިނެއް ދެކެނީ؟

އަޅުގަނޑު މިކަން ކުރަން ބޭނުންވާ ވަރަށް ވުރެ ބޮޑަށް މަންމަ އާއި ބައްޕަ އަޅުގަނޑު ލައްވައި މިކަން ކުރަން ބޭނުންވޭ، މަންމަ އާއި ބައްޕަ އެންމެ ބޮޑު ހިތްވަރަކީވެސް،

ތެދެއް! އަޅުގަނޑު ފުޓްބޯޅައަށް ހުސްވެގެން ހުރުމަށްޓަކައި، ތިން އަހަރު ވަންދެން ބައްޕަ ވަނީ މާލޭގައި ހުރުމުގެ ކަންކަން ބައްޕަގެ އަމިއްލަ ހަރަދުގައި ބަލަހައްޓާ ދީފަ. އަލުގަނޑުގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާއިން.


ފޮޓޯ:މާޒިޔާ