ހަބަރު

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ހިތާމަކުރަން: އިލްހާމް

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމާމެދު ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ ގޮތެއް ނިންމުން ލަސްވެފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާފައިވާ ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ލަސްވަމުންދާ ކޮންމެ ދުވަހަކީ ކޮންމެވެސް ބަޔަކު ގާނޫނު އަސާސީއާ ގާނޫނު ތަކަށް އަރައިގަންނަން ލިބޭ ވަގުތެއް ކަމަށާއި ކުށެއްނެތި އެތައް ބަޔަކަށް އަނިޔާ ލިބޭ ވަގުތެއް ކަމަށެވެ.

"ނަތީޖާ އަކީ ގާނޫނު އަރާ ހަމަކުރާއިރު އަޅާލާނެ މީހަކު ނެތުން، ކުށެއްނެއް މައުސޫމް މީހުން ޝިކާރައަކަށް ވެގެން ދިއުން، ވަރަށް ދެރަ،" އިލްހާމް ވިދާޅުވި އެވެ.

މެންބަރުން ގޮނޑިގެއްލިފައިވާ މައްސަލަ ސުޕްރީމް ކޯޓުން ގޮތެެއް ނިންމުން ދިގުލަމުންދާތީ، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެެއްލުނު ކަމަށް ކަނޑައެޅި މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ހަތަރު މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.