ބޮލީވުޑް

މާދުރީގެ ހަޔާތަށް ޕްރިޔަންކާ ޓީވީ ސީރީޒްއެއް އުފައްދަނީ

Jul 30, 2017

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އުފަންދުވަސް ފާހަގަ ކުރަން ރާއްޖެ އައުމުގެ ކުރިން އުފަން ގައުމު އިންޑިއާގައި މަޑުކުރުމަށްފަހު ވަނީ ބޮލީވިޑްގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ މާދުރީ ޑިކްޝިޓާއެކު ވަރަށް އަވަހަށް ބޮޑު ޕްރޮޖެކްޓެއް އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ.

އެ ޕްރޮޖެކްޓުގެ ހުރިހާ ކަމެއް ނިމުމުން އިއުލާންކުރާނެ ކަމަށް ޕްރިޔަންކާ އޭރު ބުނެފައިވާއިރު، އެއީ ކޮން ޕްރޮޖެކްޓެއްކަން މިހާރު މިވަނީ ހާމަވެފަ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، އޭބީސީ ސްޓޫޑިއޯ އާ ގުޅިގެން ޕްރިޔަންކާ ވަނީ މާދުރީގެ ހަޔާތުގެ މައްޗަށް ޓީވީ ސީރީޒްއެއް އުފެއްދުމަށް ނިންމާފަ އެވެ. ކޮމެޑީ އެ ސީރީޒްގައި ފެނިގެންދާނީ މާދުރީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ އަށް ވާ ފަހުން ކައިވެނިކޮށް، ފިރިމީހާ އާއެކު ދިރިއުޅުން އެމެރިކާ އަށް ބަދަލުވާފަހުން ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ.

މާދުރީގެ ހަޔާތުގެ މައްޗަށް އުފައްދާ ސީރީޒްގެ ލިޔުންތެރިޔާ ސްރީ ރާއޯ، ޕްރިޔަންކާ އާއި މާދުރީއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކުރަމުން ވަނީ ދެން އޭނާގެ އާ ޕްރޮޖެކްޓް ކުޅަދާނަ އެ ދެތަރިންނާއެކު ފެށުމަކީ ލިބޭ އެންމެ ބޮޑު އެއް އުފާ ކަމަށް ބުނެފަ އެވެ.

ރާއޯ މީގެކުރިން ވަނީ ކާމިޔާބު އެމެރިކަން ޓީވީ ސީރީޒް "ޖެނެރަލް ހޮސްޕިޓަލް: ނައިޓް ޝިފްޓް" ވެސް ލިޔެފަ އެވެ.

މި ސީރީޒް އުފައްދާ އޭބީސީ ސްޓޫޑިއޯ އަކީ ޕްރިޔަންކާ ކުޅެމުން އަންނަ ޓީވީ ސީރީޒް، "ކުއަންޓިކޯ" ވެސް އުފައްދާ ކުންފުންޏެވެ. މާދުރީގެ މައްޗަށް އުފައްދާ ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ޕްރިޔަންކާ އާއިރާއޯގެ އިތުރުން މަދުރީގެ ފިރިމީހާ ސްރީރާމް ނެނޭ އަދި މާކް ގޯޑޮން އާއި ނިކް ޕެޕާ ހިމެނެ އެވެ.

ބެލުންތެރިންގެ މެދުގައި މަޝްހޫރު ނެށުންތެރިއެއްގެ ގޮތުގައި މަގުބޫލުވެފައިވާ މާދުރީ އެންމެފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ "ގުލާބް ގޭންގް" އެވެ. ކައިވެންޏަށްފަހު ފިލްމީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ގެއްލިފައި ހުރުމަށްފަހު އޭނާ އަލުން އެނބުރި އައިސްފައިވަނީ ޔާޝް ރާޖް ފިލްމްސްގެ "އާޖާ ނަޗްލެ" އިންނެވެ. އޭގެފަހުން މާދުރީ ވަނީ ކަލާސް ޗެނަލުން ދެއްކި ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގެ ޖަޖެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފަ އެވެ.