ބޮލީވުޑް

ރިތިކް ދެން ކުޅޭނީ ބައްޕަގެ "ކްރިޝް 4"

Jul 30, 2017

އެކްޓަރު ރިތިކް ރޯޝަން އެންމެފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ރިލީޒްކުރި އޭނާގެ ބައްޕަ އުފެއްދި "ކާބިލް" އިންނެވެ.

އެ ފިލްމު ރިލީޒްވިތާ ހަ މަސް ދުވަހު ފާއިތުވެގެން ދިޔައިރު ވެސް ރިތިކް ދެން ކުޅޭނެ ފިލްމެއް އޮތީ އަދި ނުނިންމަ އެވެ. މިފަހަކަށް އައިސް ކުރީގެ އަންހެނުން ސުޒާން ޚާނާއެކު އެދެމީހުންގެ ދެ ދަރިންނާއެކު ވަގުތު ހޭދަކުރާތަން ފެންނަލެއް ވަނީ ގިނަވެފަ އެވެ.

ގިނަ ފިލްމުތަކަކުން ރިތިކަށް ހުށަހެޅުން ލިބިފައިވާއިރު، އެ ފިލްމުތަކުގެ ތެރޭގައި ކުއީންގެ ޑައިރެކްޓަރު ވިކާސް ބަލް ޕަޓްނާ އަށް ނިސްބަތްވާ މެތަމެޓީޝިއަން އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ހިމެނެ އެވެ. އެ ފިލްމު ކުޅެން ރިތިކް އެއްބަސްވެފައިވާ ކަމަށްވާއިރު، ކުރިން އަޑުއަރާފައި އޮތީ މި ފިލްމަށް ފަހު ރިތިކް އޭނާގެ ބައްޕަ އުފައްދާ ސުޕަހީރޯ ސިލްސިލާ ފިލްމު "ކްރިޝް 4" ގެ މަސައްކަތް ފަށާނެ ކަމަށެވެ.

ނަމަވެސް ހަބަރުތައް ބުނާގޮތުން ރިތިކް ދެން އެންމެ އަވަހަށް ފަށާނެ ފިލްމެއްގެ މަސައްކަތަކީ "ކްރިޝް 4" އެވެ. އޭނާ ވަނީ މި ސިިލްސިލާގެ ކުރީ ތިން ފިލްމުގެ ވެސް ލީޑްރޯލުން ފެނިގެން ގޮސްފަ އެވެ.

ވިކާސްގެ ފިލްމާއި "ކްރިޝް 4" ގެ ވެސް ސްކްރިޕްޓްގެ މަސައްކަތް އަދިވެސް ނުނިމޭއިރު، ދެ ފިލްމުގެ ތެރެއިން އެންމެ ސްކްރިޕްޓްގެ މަސައްކަތް ނިމޭނީ "ކްރިޝް 4" ގެ އެވެ. އަދި މިހާރު ވެސް އެ ފިލްމަށް ތައްޔާރުވާން ރިތިކް ފަށާފައިވާ ކަމަށްވާއިރު އެންމެ ބޮޑު އިސްކަމެއް މި ވަގުތު ދޭން ވެސް އޭނާ ބޭނުންވަނީ ބައްޕަގެ ފިލްމަށެވެ.

މީގެއިތުރުން ވެސް ވިކާސްގެ ފިލްމު ރިތިކް ނުކުޅެ ލަސްކުރަން ނިންމާފައިވަނީ މިފަހުން ވިކާސް އޭނާގެ ދަށުން މަސައްކަތްކުރި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވުމާ ގުުޅިގެން ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. އެގޮތުން އެ ފިލްމު ޕްރޮޑިއުސްކުރާ ރިލަޔަންސް އެންޓަޓެއިންމަންޓާއި ފެންޓަމް ފިލްމްސްއިން ވަނީ ވިކާސް ކުރެން ފިލްމު ދޫކޮށްލަން ވެސް އެދިފަ އެވެ.