އަންނަ ހުކުރު ދުވަހުގެ ރޭ، ފެށުމަށް ހަމަޖެހިފައިވާ، ދިވެހި ޕްރިމިއާ ލީގް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ، މާލޭ ލީގް ޗެމްޕިއަން މާޒިޔާ އާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަ ހުވަދޫ އެވެ.
އިއްޔަ އެފްއޭއެމްގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތަށް ދިޔައިރުވެސް، ލީގް ހުޅުވާ މެޗު، އެފްއޭއެމުން ވަނީ، އެ ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހާއްސަކޮށްފަ އެވެ.
އެ މެޗަށްފަހު ދެ ވަނަ މެޗު ވެގެންދާނީ ފޯރިގަދަ ކުރިމަތި ލުމަކަށެވެ. އެ މެޗުގައި ބައްދަލު ކުރާނީ، 2015 ވަނަ އަހަރުގެ ޕްރިމިއާ ލީގް ޗެމްޕިއަން ނިއު ރޭޑިއަންޓާއި މިދިޔަ ދެ އަހަރުގެ ލީގްގެ ރަނަރަފު ޓީސީ ސްޕޯޓްސް އެވެ. އެ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ގަ އެވެ.
އަންނަ އާދިއްތަ ދުވަހު، ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، މާލޭ ލީގް ދެ ވަނަ ހޯދި ޓީމު ގްރީން ސްޓްރީޓާއި ށ. މިލަންދޫ އެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރަނީ، މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަފު ޓީމު ގދ. ތިނަދޫ އާއި އއ. މާޅޮހެވެ. ދިވެހި ޕްރިމއާ ލީގަށް އެ ދެ ޓީމުވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.
މާލ؛ޭ ލީގް ހުޅުވާ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން، 1998 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔަބު ކުރި ފްރާންސްގެ ޓީމުގެ ކުޅުންތެރިޔަކު ގެނައުމަށް ވަނީ ނިންމާފަ އެވެ. މިއަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ މެއިން ސްޕޮންސަރަކީވެސް އުރީދޫ ޓެލެކޮމް އެވެ. މިދިޔަ ދެ އަހަރުވެސް ލީގް މެއިން ސްޕޮންސަރަކީ އުރީދޫ އެވެ. މިއަހަރުގެ ލީގް މެޗު ތަކަށް، ޓިކެޓް ގަނެގެން ވަދެވޭ ގޮތަށް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ. މިއީ ހަތަރު އަހަރަށް ފަހު ލޯކަލް މުބާރާތަކަށް ޓިކެޓް ގަނެގެން ވަދެވޭ ގޮތަށް ހަމަޖައްސާ ފުރަތަމަ ފަހަރެވެ.