ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކުރުމުން ރަޝިޔާގައި ހުރި އެމެރިކާގެ އިމާރާތްތައް އަތުލަނީ

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާ ކޮންގްރެސް އިން ފާސްކުރުމުން، ރަޝިޔާގައި ހުރި އެމެރިކާގެ ދެ އިމާރާތެއް އަތުލަން އެގައުމުން ނިންމައިފިއެވެ.

ރަޝިޔާއި ފޮރިން މިނިސްޓްރީން އިއްޔެ އެދިފައި ވަނީ އެގައުމުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ ގެންދިއުމަށެވެ. އަދި ބުނީ އެމެރިކާގެ ޑިޕްލޮމެޓިކް ދެ އިމާރާތެއް އަތުލާނެ ކަމަށެވެ.

ރަޝިޔާއިން ނިންމި ނިންމުމުގެ އަސަރު އެގައުމުގެ ވެރިރަށް މޮސްކޯގައިވާ އެމެރިކާ އެމްބަސީއާއި ދެވަނައަށް އެންމެ ބޮޑުރަށް ސެއިންޓްޕީޓާސްބާގްގައިވާ އެމެރިކާގެ ކޮންސިއުލޭޓަށް ކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާގައި ތިބޭ އެމެރިކާގެ މުވައްޒަފުންގެ އަދަދު އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހާ ހިސާބަށް 455 އަށް މަދުކުރަން ޖެހޭނެއެވެ. އެ އަދަކީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވިކަމަށް ތުހުމަތު ކުރެވުމުން 35 ޑިޕްލޮމޭޓުން ބޭރުކޮށްލުމުން މިހާރު އެމެރިކާގައި ރަޝިޔާގެ މުވައްޒަފުން ތިބި އަދެދެވެ.

" ފަސްޓް ޗެނަލް" ނަމުގައި ރަޝިޔާ ސަރުކާރުން ހިންގާ ޓީވީ ޗެނަލަކުން ހޮނިހިރު ދުވަހު ބުނީ އެގައުމުގައި މިހާރު ތިބި ، އެމެރިކާގެ 1200 މުވައްޒަފުންގެ ތެރެއިން 745 މީހުން އެގައުމު ދޫކޮށް ދާން ޖެހޭނެ ކަމަށެވެ.

ރަޝިޔާ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރަޝިޔާއިން މި އެޅި ފިޔަވަޅާ ގުޅިގެން އެމެރިކާއިން އެގައުމުގެ އިތުރު ޑޮޕްލޮމޭޓުންތަކެއް ބޭރުކޮށްލައިފި ނަމަ ހަމަ އެގޮތަށް ރަޝިޔާއިން ވެސް ކަންތައް ކުރާނެ ކަަމަށެވެ.

އެމެރިކާ ސެނެޓުން ފާސްކޮށްފައި ވަނީ ' އެމެރިކާގެ ރިޔާސީ އިންްތިހާބަށް ނުފޫޒު ފޯރުވުމާއި ޔުކްރޭނުގެ ބައެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިއާ ރަޝިޔާގެ ދަށަށް ގެންދިއުމުގެ އަދަބެއްގެ ގޮތުން އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާށެވެ. އަދި އެގޮތުން އަޅާ ފިޔަވަޅުތަކަށް ލުއި ދެއްވުމަށް އެމެރިކާގެ ރައީސަށް އޮންނަ އިޚުތިޔާރުވެސް ވަނީ ހަނިކޮށްފައެވެ.

ނަމަވެސް ސެނެޓުން އެކަމަށް ފާސްކުރި ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެކަމެއް ނުވަތަ ކުރައްވާނީ ވީޓޯ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.