އެމެރިކާ އޮބެހެއްޓުމުގައި އިޒުރޭލުން މޮޅަށް ކުޅޭތަން ފެނިވަޑައިގަންނަވާ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެ އެވެ.
އިޒުރޭލު ބޭނުންވާ ކޮންމެ ގޮތަކަށް އެމެރިކާ ލަންބާލުމުގައި ޔަހޫދީން ބޮޑުތަނުން ކާމިޔާބު ހޯދައިފި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ލުބްނާނުން މިހާރު ފެންނަމުން އެ ދަނީ ތުރުކީން ދިން އިންޒާރު ކަމަށެވެ. ޣައްޒާ ހަނގުރާމަ ފަލަސްތީން ދޫކޮށް މެދުއިރުމައްޗަށް ފެތުރޭނެ ކަމަށް ތުރުކީން ލަފާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީއަށް ދެން އޮތް ބިރަކީ އިޒުރޭލު ފޮނިބޮޑުވެ ހަމައިން ނައްޓައި އަވައްޓެރިންނަށް ހަމަލާދިނުން ކަމަށެވެ. އޭގެ ކުރިން އިޒުރޭލު ހުއްޓުވުމަކީ ބާރުގަދަ ގައުމުތަކަށް ވާޖިބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަޔަނިސްޓު ވަކިތަކުން އެމެރިކާ ހިފަހައްޓާފައި އެ އޮތީ ގުޑައިވެސް ނުލެވޭ ވަރަށް ކަމަށް ވެސް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އިޒުރޭލުގެ ހިމާޔަތުގައި އެމެރިކާ އެ އޮތީ ދަންޖެހޭ ވަރުގައި ކަމަށް ވެސް ހަކާން ވިދާން ވިދާޅުވި އެވެ. އިޒުރޭލުގެ ނުފޫޒުގައި ޖެހި އެމެރިކާ އޮތީ ދެބަނިދީގައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އެމެރިކާގެ ސިޔާސީ މައިދާނަށް އިޒުރޭލު ވާފުރާފައި ވަނީ ވެރިކަމަށް ވަޑައިގަންނަ މީހަކަށް ވެސް ގުޑައިނުލެވޭ ވަރަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެމެރިކާގެ ސިޔާސީ ލީޑަރުންނަށް އިޒުރޭލޭ ކިޔާފައި އަނގަ ހުޅުވާލަން ވެސް ނުކެރޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އިޒުރޭލުގެ މޫތައް އެމެރިކާގެ ސިޔާސަތުގެ ތެރެއަށް ފައިބާފައި ވަނީ ބިރު ގަންނަން ޖެހޭ ވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.