ވާހަކަ

މިލްކުވާނެބާ

(26 ސެޕްޓެމްބަރ 2024 އާ ގުޅޭ)

"މަންމަ ރުއްސުން އެންމެ އުނދަގޫވާނީ. އޭގެ ކުރީން ޑޭޑް ކައިރީ ބުނަންވީ ކަންނޭނގެ. އަހަރެން އިންނަން ބޭނުންވާ ކުއްޖަކީ މާޔާ. ހާދަ ދުވަހެއްވެއްޖެއޭ އެ ލޯތްބަށް އިންތިޒާރު ކުރާތާ... އެއީ އަހަރެންގެ މާޔާ. ހަމައެކަނި އަހަރެންގެ. މާޔާއަކަށް ނޭނގޭނެ އަހަރެން ތި ކުއްޖާދެކެ ވާ ލޯތްބެއް. މޮޔަވާވަރުވޭ. އެންޑް ފައިނަލީ... އަހަރެންގެ މީހަކަށްވާން ތި އެއްބަސްވީ. ކައިވެންޏަކީ ކިހާ ޚާއްޞަ ގުޅުމެއްކަމާއި، ފިރިމީހާގެ ލޯތްބަކީ ކޮބާކަން އަހަރެން މާޔާއަށް އިޙްސާސް ކޮށްދޭނަން. ތި ދެ ލޮލުން ކަރުނަ އަތުވެއްޖެނަމަ އެ ކަރުނަވާނީ އުފާވެރިކަމުގެ ކަރުނައަށް. ދުވަހަކުވެސް ތި ލޯބިކުއްޖާގެ ހިތުގައި ނުޖައްސާނަން. ރާނިންހެން ގެންގުޅޭނަން." ޚިޔާލުގައި އޮތް ރާހިންގެ ހިތާއި ޟަމީރު ބުނަމުންދިޔަ އެވެ.

* * * * *

އިޒީކިއަލް ފަރާތުން ޚަބަރެއް މާޔާއަކަށް ނުލިބެ އެވެ. އޭނާ ގުޅަން މަސައްކަތް ނުކުރާ ކަމެއް ވެސް ނޭނގެ އެވެ. މާޔާގެ އަތަކު ފޯނެއް ނެތެވެ. ފޯނެއް ހޯދުމުގެ ވިސްނުން ހުއްޓެއްކަމަކު ރާހިންގެ ސަބަބުން އެ ފުރުޞަތު ލިބޭގޮތް ނުވީ އެވެ.

ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން އިރުއޮއްސު ހަގަޑި ފަންސަވީހުގައި ޑުބާއީއަށް ނައްޓާލި އެމިރޭޓްސް ފްލައިޓްގައި މާޔާއާއި ރާހިން ތިއްބެވެ. އަނދިރިކަމުގައި ތަނެއް ނުފެނުނު ކަމުގައި ވިޔަސް މާޔާ އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ރާހިންގެ މޫނުން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

"އެކޮޅު އެޕާޓްމެންޓްގައި މަޑުކުރާނީ. އަހަރެން ދިޔައިމަ މާޔާ އެކަނިވާނެތަ؟." ރާހިން އަހާލި އެވެ. ފްލައިޓަށް އެރީއްސުރެ މާޔާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"އައިލް ބީ އޯކޭ. ރާހިން އަންނާނަމެންނު. މިހާރު އަލެއްނުވާނު." މާޔާ ބުންޏެވެ. އޭނާގެ އަޑުގައި އަދިވެސް ވަނީ ދުރުކަމެވެ. ރާހިންއަށް އެކަން އިޙްސާސް ވެސް ކުރެވެ އެވެ.

ހަތަރު ގަޑިއިރާއި ވަގުތުކޮޅަކަށްފަހު ޑުބާއީއަށް ފްލައިޓް ތިރިކޮށްލައިފި އެވެ. އެއާޕޯޓުން ނުކުމެވުމާއެކު މާޔާ ގޮވައިގެން ރާހިން ދަތުރު ފެށީ އޭނާގެ ބައްޕަ ގަނެދީފައި ހުންނަ އެޕާޓްމެންޓަށް ދިއުމަށެވެ. ރާވާފައި އޮތް ގޮތުން ރާހިންގެ ޢާއިލާއާ ބައްދަލުވަންދެން މާޔާ އިންނާނީ އެ އެޕާޓްމެންޓްގަ އެވެ. ފުރަތަމަ ކަމަކަށް ރާހިން ގެއަށް ގޮސް މަންމައާ ކުރިމަތިލާނީ އެވެ. މާޔާއާ ކައިވެނި ކުރާން ބޭނުންވާކަން މަންމައާ ޚިއްޞާކުރާނީ އެވެ. އެކަމުގައި މަންމަ ރުއްސެން އޮތް ގޮތެއް ރާހިން ޚިޔާރު ކުރާނެ އެވެ. ކޮންމެވެސް ޢާއިލާގެ ހަޤީޤަތް ރާހިން ވަނީ މާޔާއަށް ސިއްރުކޮށްފަ އެވެ. އެހެން ކަންތައް ކުރާން ޖެހުނީ ސަބަބެއް އޮވެގެންނެވެ.

އެޕާޓްމެންޓަށް ރާހިންމެންނަށް އާދެވުނީ ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށެވެ. މާޔާ ގޮވައިގެން ލަންކާއިން ފުރައިގެން ރާހިން އައިސް އޭނާ ބެހެއްޓީ އެ އެޕާޓްމެންޓްގަ އެވެ. މާޔާ މާލެ އަންނަންދެކަށް ރާހިންއާ ދެ މީހުން ދިރިއުޅެމުން އައީ އެ އެޕާޓްމެންޓްގަ އެވެ.

"ޓަޔަޑްތަ؟. އަހަރެން އަންނަ ވާހަކަ ބުނިން ޖަމާލް ކައިރީ. ފްރިޖްގައި ކާނެ އެއްޗެހި ހުންނާނެ... މާޔާ ބަނޑުހައިތަ؟." ފޮށިތައް ކޮޓަރިތަކަށް ލާފައި އައިސް ރާހިން ވާހަކަދެއްކި އެވެ.

"ކާހިތެއްނެތް. އޮށޯވެލަން ދަންތަ؟." މާޔާ ބުންޏެވެ.

ރާހިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން މާޔާ އައިސް އޭނާއަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށް ވަދެ ދޮރުލައްޕާލީ އެވެ. އިރުކޮޅަކު ދޮރުފަތުގައި ލެނގިލައިގެން މާޔާ ހުއްޓެވެ. ދެން އޭނާ އައިސް އެނދު ހުރަހަށް ވާހެން އަރިއަކަށް އޮށޯވެލީ އެވެ. އެއާއެކު ސިކުނޑީގައި ފުނިޖެހިފައިވާ ޚިޔާލުތަކުގެ ތެރެއަށް އޭނާ ގެއްލޭކަށް ގިނައިރެއް ނުނެގި އެވެ.

"މީ އެންމެ ރަނގަޅު ގޮތް." ވިސްނަން އޮވެފައި މާޔާ މަޑުމަޑުން ބުނެލި އެވެ. އަމިއްލަ ނަފްސަށް އެކަން ޤަބޫލުކޮށްދޭން އޭނާ މަސައްކަތް ކުރާ ކަހަލަ އެވެ. އެކަމަކު އޭނާގެ ހިތަކަށް އެ ލަފުޒުތަކުން ހަމަޖެހުމެއް ނުލިބެ އެވެ.

ހެނދުނުގެ ވަގުތެވެ. ރާހިންގެ ޢާއިލާ ދިރިއުޅެނީ ހަ ކޮޓަރިއާއި ފަތާފެންގަނޑަކާއި ބޮޑު ބަގީޗާއެއްގެ އިތުރުން ހަރަކާތްތައް ބާއްވާނޭ ތަނަވަސް ހުސް ސަރަޙައްދަކާއެކު ހުރި "ބީޗް ފްރަންޓް ވިލާ" އެއްގަ އެވެ. އެ ގެއަކީ މާޙައުލު ބަދަލުކޮށްލަން މަންމަ ވާހަކަދެއްކުމުން ކުރީން އުޅުނު ގެ ވިއްކާލާފައި މަންމައަށް ޓަކައި ރަހީންގެ ބައްޕަ ގަނެފައިވާ ހަދިޔާއެކެވެ. ރާހިންގެ ޢާއިލާގައި މިވަގުތު ތިބީ މަންމައާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ އަންހެންކޮއްކޮ އެވެ.

"ރާހިން." ހައިރާންކަމާއެކު ހުމައިރާއަށް ކިޔާލެވުނެވެ. އޭރު އޭނާގެ ޒުވާން ފިރިހެން ދަރިފުޅި ނިކަން ހިނިއައިސްފައި ހުރެ ގޭތެރެއަށް ވަދެގެން އަންނަނީ އެވެ.

ރާހިން އައިގޮތަށް މަންމައަށް ސަލާމް އަދާކުރަމުން ލޯތްބާއެކު ބައްދާލައިފި އެވެ. ފިރިހެން ދަރިފުޅުގެ ގައިގާ ފިރުމާލާފައި ހުމައިރާ ދެން ބަލާލީ ކާމޭޒު ދޮށުގައި އިން ޒަހީނަށެވެ. ރާހިން އަންނަކަން ޒަހީނަށް އޮންނާނީ އެނގިފައިކަން އެނގެ އެވެ. ސަމާސާކަން އެކުލެވޭ ހިނިތުންވުމެއް ޒަހީންގެ ތުންފަތުގައިވި އެވެ.

"މިފަހަރު އެ އައީ ހުމޭއަށް ޓަކައި. ވަރަށް ބޮޑު ވާހަކައެއް ހިފައިގެން." ރާހިންއަށް އެއް ލޯ މަރާލަމުން ޒަހީން ބުންޏެވެ. އެންމެން ވެސް އެ ގޭގައި އެކަކުއަނެކަކާ ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ.

ހުމައިރާއަކީ ޕާކިސްތާނު އަންހެނެކެވެ. ޒަހީންނަކީ ޑުބާއީ ރައްވެއްސެކެވެ. ޒަހީންގެ މަންމައަކީ ރާއްޖޭގެ ރައްޔިތެކެވެ. ކުރީކޮޅުގައި އެ ޢާއިލާ ރާއްޖެ އައިސް އުޅުނެއް ކަމަކު ރާހިންގެ މާމަ ނިޔާވުމާއެކު އެ ދަތުރުތައް ހުއްޓުމަކަށް އައެވެ. ދެން އަންނަން ޖެހުނަސް އަންނަނީ ވިޔަފާރި ދަތުރެއްގައި ނޫނީ ޗުއްޓީއަކަށެވެ. ރާހިންގެ ކޮއްކޮ ރޫޔާ ޗުއްޓީއަށް ނާންނަ ރިސޯޓެއް ރާއްޖޭގައި މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

"އެކަކުވެސް ނުބުނޭ... އަވަހަށް އިށީނދޭ ސައިބޯން. ފޮށްޓެއް ވެސް ނުގެންނަންތަ؟." ރާހިންގެ ފަހަތުން އޭނާގެ ފޮށި ނުފެނުމުން ހުމައިރާ ސުވާލު އުފެދުނެވެ.

"ރޭގެ ވަރަށް ލަސްވެއްޖެ އާދެވުނުއިރު. އެހެންވެ އެޕާޓްމެންޓަށް ދިޔައީ. އެކޮޅުގައި އެއްޗެހި ހުންނާނެ. އެރި އިރާއެކީ އަވަހަށް މިއައީ މަންމަ ކައިރިޔަށް. ރަނގަޅެއްނު." ރާހިން މިހެންބުނެ އަނެއްކާ ވެސް ހުމައިރާ ގާތްކޮށްލައިފި އެވެ.

"ދެން ތިހެން ކިޔާ..." ހުމައިރާ ބުނެލި އެވެ. މަންމަ ލޯތްބާއެކު ރާހިންގެ ކޮނޑުގައި ޖަހާލަމުން ހެމުންހެމުން އައިސް ބައްޕައާ ޖެހިގެން ކާމޭޒުދޮށުގައި އިށީނދެއްޖެ އެވެ.

"ކޮބާ ޔޫއްކޮ؟" މޭޒުދޮށުން ރޫޔާ ނުފެންނާތީ ރާހިން އަހާލި އެވެ. އޭނާ އެ އައީ މުޅި ޢާއިލާއަށް އޭނާއަށް ލިބިފައިވާ އުފާވެރި ޚަބަރު އިޢުލާން ކުރުމުގެ ގަސްދުގަ އެވެ. އެހެންނަމަވެސް އެއީ އޭނާ ވަރަށް ވިސްނައިގެން ކުރާންޖެހޭނެ ކަމެއްކަން ރާހިންއަށް އެނގެ އެވެ. ހެނދުނު ނާސްތާ ހަރާބުވެދާނޭކަމަށް އޭނާ ކާމޭޒުމަތީ އެއިން ވާހަކައެއް ދައްކަން ފަސްޖެހުނެ އެވެ.

"ދެ ދުވަސް ފަހުން ރޫޔާ އަންނާނެ. އޭނާގެ ގުރޫޕާއެކީ ގޮސްވީ." ޒަހީން ބުންޏެވެ.

"މިފަހަރު ސަލީންއާ ބައްދަލުކޮށްފައި ނޫނީ ރާހިންއަކަށް ނުދެވޭނެ." ނާސްތާގެ ތެރެއިން ހުމައިރާ ބުންޏެވެ.

ރާހިންއަށް ބަލާލެވުނީ ޒަހީނަށެވެ. އޭނާ ބޮލުން އިޝާރާތްކޮށްލި ގޮތުން ބުނެދިނީ ހަމަޖެހޭށެވެ. ރާހިން އައުމުގެ ކުރީން ވަނީ ބައްޕައާ ހުރިހާ ވާހަކައެއް ޚިއްޞާކޮށް ޚިޔާލު ހޯދާފަ އެވެ. ރާހިންނަށް ކަމުދާ ކޮންމެ ކުއްޖަކާ ކައިވެން ކުރިޔަސް ޒަހީނަށް އެންމެ ރަނގަޅެވެ. އެކަމަކު ހުމައިރާއަކީ ނިކަން ގޮތެއްގައި ހުންނަ މީހެކެވެ.

"އިސްމާޢިލްމެން ހިޔެއްނުވޭ މިކޮޅުގައި އުޅޭހެން." ޒަހީން ބުންޏެވެ.

"އެހެންތަ؟. މާހާގެ ޚަބަރެއް ވެސް ނުވޭ. ގުޅާލަން ހިތަށް އަރައިގެން މިހުންނަނީ. ކޮންއިރަކުންކަން އެނގޭތަ އަންނަނީ." ހުމައިރާ ބުންޏެވެ.

"ބަލާލާނަން." ޒަހީން ބުންޏެވެ.

ހެނދުނުގެ ނާސްތާކޮށްގެން ޒަހީން ގެއިން ނުކުމެއްޖެ އެވެ. ގޭގައި ގެންގުޅޭ މީހުންނަށް އިރުޝާދުދީފައި ހުމައިރާ އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނީ ހަމަޖެހިލައިގެން ދަރިފުޅާ ވާހަކަދައްކާލަން ގަސްދުކޮށްގެންނެވެ. ޒުވާން އުމުރުގައި އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްނުކޮށް ވިޔަފާރީގެ ކަންކަމުގައި އަވަދިނެތި އުޅޭތީ ހުމައިރާ ހުންނަނީ ރާހިންދެކެ ހިސާބަކަށް ހިތްހަމަނުޖެހިފަ އެވެ. ދެމައިންގެ ދެމެދުގައި ކުދިކިޔެނީ އެކަމާ އެވެ.

"ކިހާ ދުވަހަކު ތިހެން މަންމައަށް ފެންނަން ހުންނާނީ." ހުމައިރާ އަހާލި އެވެ.

"މަންމާ. އަހަރެންނަށް އިތުބާރުކުރަންތަ؟." ރާހިން އަހާލި އެވެ. ހުމައިރާއަށް އެ ސުވާލުން މަޖާވެ ހީނލެވުނެވެ.

"ރާހިން ތީ މަންމައާއި ބައްޕަ ވެސް އިތުބާރުކުރާ ދަރިއެއް." ހެވިފައި އިނދެ ހުމައިރާ ބުންޏެވެ.

"އެހެންވީރު އަހަރެން ނިންމާ ނިންމުންތައް ރަނގަޅުވާނެކަމަށް މަންމައަށް ޤަބޫލުކުރެވޭތަ؟." ރާހިން އަނެއްކާ ވެސް ސުވާލެއް ކޮށްލައިފި އެވެ. ހުމައިރާން ނިކަން ހައިރާންވެއްޖެ އެވެ.

"މިހާތަނަށް ދަރިފުޅު ނިންމިކަމެއް ގޯސްވެގެން ބައްޕަ ވެސް ނެތް އެކަހަލަ ވާހަކައެއް ދައްކާފައެއް. ކަމެއްވީތަ ރާހިން. ތިހާ ސުވާލުނުކޮށް މަންމަ ގާތުގައި ކަމަކު ކިޔަން އޮތިއްޔާ ވެސް ބުނީމައެއްނު އެނގޭނީ." ހިނިތުންވުމަކާއެކު ހުމައިރާ ފަހު ޖުމްލަ ނިންމާލި އެވެ.

"މިފަހަރު މި އައީ ކައިވެނި ކުރާން ނިންމައިގެން." ރާހިން އިތުރަށް ވާހަކަ ދިގުނުކޮށް ބުނެލި އެވެ.

"އަލްޙަމްދުލިﷲ. މަންމަގެ ދުޢާ އިޖާބަކުރައްވައިފި." އުފާވެރިކަން ނުހިފެއްޓިގެން އުޅޭ މީހަކުހެން ހުމައިރާ ތެދުވެގެން އައިސް ރާހިންގެ މޫނުގައި ދެ އަތުން ހިފާލުމާއެކު ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފި އެވެ. މަންމަގެ ދެ އަތުގައި ހިފާލާފައި ގެނެސް ރާހިންގެ ކައިރީ ސޯފާގައި ހުމައިރާ ބޭންދުމަށްފަހު އޭނާ ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.

"އިންނަން ބޭނުންވާ ކުއްޖާ ގޮވައިގެން މިއައީ." ރާހިން ބުންޏެވެ. ވަގުތުން ހުމައިރާގެ ހަރަކާތްތައް މަޑުޖެހިލައިފި އެވެ. އޭނާ މިފަހަރު ރާހިންނަށް ބަލާލީ ފަރުވާތެރި ބެލުމަކުންނެވެ.

"މަންމައަށް މި އިވުނީ ރަނގަޅައްތަ." ހިމޭންވެލާފައި މަޑުމަޑުން ހުމައިރާ އަހާލި އެވެ. އެއާއެކު ރާހިން ބޯޖަހާލައިފި އެވެ.

"މީ އެ ކުއްޖާ." ރާހިން ފޯނު ނަގައި ފޯނުން މާޔާގެ ފޮޓޯގަނޑު މަންމައަށް ދައްކާލައިފި އެވެ. ހުމައިރާގެ މޫނުމަތިން ގަޔާނުވިކަން ފާޅުވެ އެވެ. އެހެންނަމަވެސް އޭނާ ރާހިންގެ ފޯނުގައި ހިފާލައި އިސްކުރީނުން ފެންނަން އިން އަންހެންކުއްޖާގެ ސޫރައަށް ބަލަންފެށި އެވެ.

"ކޮންނަމެއް ކިޔަނީ؟." ހުމައިރާ އަހާލި އެވެ.

"މާޔާ... ރާއްޖެ ކުއްޖެއް." ރާހިން ބުންޏެވެ. އަދި މަންމައަށް މާޔާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދިނެވެ. މަންމަ ރުހޭނެ ފަދަ ގޮތަކަށެވެ. އެހެންވިޔަސް މަންމައަށް ކަމުނުދާނޭ ކަމެއް އެބައޮތްކަން ރާހިން ވެސް ދެނަހުއްޓެވެ. އޭނާ މިހާ ވިސްނައިގެން މާޔާގެ ވާހަކަދައްކަން ޖެހޭ ސަބަބަކީ އެއީ އެވެ.

"ރީތި ކުއްޖެއް. އެކަމަކު..." ހުމައިރާއަށް ބުނެވުނެވެ. ރާހިން މަންމަގެ ދެ އަތްތިލައިގައި ވަގުތުން ހިފާލައިފި އެވެ.

"ރީތި އެކަންޏެއްނޫން. އުޅުން ވެސް ހުންނާނެ." ރާހިން ބުނެލި އެވެ.

"ތިބުނީ ދަރިއަކު ވެސް އެބަހުއްޓޭ. އެ ޒިންމާ ރާހިން ނަގާކަށް ނުޖެހޭނެ... އަހަރެމެންނާ ދުރުގައި އުޅެފައި ތިއައީ ކިހާވަރެއްގެ ކަމަކަށް ބޯކޮށްޕާލައިގެން." ހުމައިރާއަށް ހިތްހަމަނުޖެހެވުނެވެ. މަންމަ އެ ނެގީ ރާހިން ހީކޮށްގެން ހުރި ސަބަބެވެ. އަބަދުވެސް މަންމަގެ ޚިޔާލުގައި ޅީދަރިއެއްގެ ގޮތުގައި ކުރެހިފައިވާ ތަސްވީރަކީ ސަލީން އެވެ. އެކަން ޚުދު ރާހިންއަށް ވެސް އެނގެ އެވެ. މާޔާއާ ދިމާނުވިނަމަ ޚުދު ރާހިން ވެސް މަންމަގެ އެ ހޮވުމާއި ދެކޮޅެއް ނުހެދީހެވެ.

"ބައްޕައަށް އެނގޭ ދޯ." ހުމައިރާ އަހާލީ ޔަޤީންވާ ހާލު އެވެ. ރާހިން އާނއެކޭ ބުނުމަށް ބޯޖަހާލީ އެވެ.

"ޒަހީނަށް ވަރިހަމަވާނެ ކޮންކަމެއް ވެސް." ހުމައިރާއަށް ބުނެވުނެވެ.

"މަންމާ. މާޔާއާ އިންނަން ބޭނުންވަނީ އަހަރެން. އެތައް އަހަރެއް ވެއްޖެ އޭނާ އެއްބަސްނުވެގެން މަޑުކުރާތާ. މަންމާ... މާޔާ އެއީ އަހަރެންގެ އުފާވެރިކަން. ހިތްހަމަޖެހުން. އަނބިދަރީން ބެލުމަކީ ފިރިމީހާގެ ޒިންމާއެއް. އެ ޒިންމާ އުފުލޭނެހާ ޒިންމާދާރު ޤާބިލް މީހެއްނު މަންމަގެ މި ދަރިފުޅަކީ. ވަރަށް އުންމީދާއެކީ މަންމަގެ ގާތަށް މިއައީ. ޕްލީޒް މަންމާ... އަހަރެންނަށް ޓަކައި ޤަބޫލުވެދީ. މަންމަ މާޔާއާ ބައްދަލުވީމަ އެނގޭނެ މާޔާއަކީ ރަނގަޅު ކުއްޖެއްކަން." ރާހިން ބުންޏެވެ.

ހުމައިރާ ވިސްނާލި އެވެ. ރާހިން އެއްވެސް ކަމަކަށް އޭނާގެ ގާތުން އާދޭސްކޮށްފައެއް ނެތެވެ. އެ ދަރިފުޅު އޭނާއާ ފުރަތަމަ ކުރި ސުވާލުތަކުގެ މަޤުޞަދު ހުމައިރާއަށް ފަހުމްވެ ނަގައިގަނެވުނީ ދެނެވެ.

"ސަލީންގެ އުންމީދަށް ވާނީ ކިހިނެއް؟. މަންމަގެ ހޮވުމަކީ ސަލީންކަން ރާހިންއަށް ވެސް އެނގޭނެ. މަންމައާއި މާހާ ބައްދަލުވެއްޖެނަމަ ދަރިފުޅުމެންގެ ކައިވެނީގެ ވާހަކަ ނުދެއްކޭ ފަހަރެއް މަދުވާނެ. އެމީހުންނަށް މަންމަ ދޭނީ ކޮންޖަވާބެއް؟." ހުމައިރާއަށް ސޯފާއިން ތެދުވެވުނެވެ. އިށީނދެ އިންނަން އޭނާއަށް އުނދަގޫވީ އެވެ.

"މަންމަމެން ތުންތުން މަތިން ކިޔަމުން އައި ވާހަކައެއް އެއީ. އެއްފަހަރު ވެސް އަހަރެން ސަލީންއާ އިންނާނަމޭ ނުބުނަން. ބައްޕަ ވެސް ސަލީންގެ ބައްޕަ ގާތު ކައިވެނީގެ ވާހަކަ ދައްކާފައެއް ނުވޭ. އަނެއްކޮޅުން އަހަރެންނާއި ސަލީން އެކަހަލަ ގޮތަކަށް ބައްދަލުވެ ވާހަކައެއް ވެސް ދެކެފިއެއްނެތް... މަންމަ އެމީހުން ކައިރީ ތެދަށް ބުނޭ. އަހަރެން އިންނާނޭ ކުއްޖަކު ޚިޔާރުކޮށްގެން އެކުއްޖާ ގޮވައިގެން އައީމަކަން މަންމަމެންނަށް ވެސް އެނގުނީ. މަންމާ... އަހަރެން ބޭނުންވީ ޢާއިލާގެ ކައިރީގައި ހުރެ މާޔާއާ ކައިވެނި ކުރާން. އެހެންވެ ރާއްޖޭގައި ކައިވެނިނުކޮށް މިކޮޅަށް މި އައީ. ވިސްނުން ހުރީ އެންގޭޖްމަންޓަށް ފަހު މާޔާ އެނބުރި ރާއްޖެއަށް ގެންގޮސްފައި ދެން ސީދާ ކައިވެނި ކުރާން މިކޮޅަށް ގެންނަން. އިރާދަކުރެއްވިއްޔާ އެހާތަނަށް އޭނާގެ ދަރިފުޅު ވެސް ގޮވައިގެން އަންނާނީ. އަހަރެން ވެސް މިއައީ ވަރަށް އުންމިދާއެކީ. އަހަރެންގެ ޢާއިލާއިން މާޔާއާއި އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔާނެކަމުގެ އުންމީދުގައި... މަންމާ. ހަމަތެދެއް މިބުނީ. މާޔާހާ ކަމުދިޔަ އަންހެންކުއްޖެއް އަދިނެތް." ރާހިން ވެސް ތެދުވެގެން އައިސް މަންމަގެ ގާތުގައި ހުއްޓިލައިގެން ހުރެ ވާހަކަދެއްކި އެވެ.

"ކޮންތާކު އޭނާ ބަހައްޓާފައި ހުރީ." ހުމައިރާ އަހާލި އެވެ.

"އެޕާޓްމެންޓްގައި." ރާހިން ނިކަން އަވަހަށް ބުންޏެވެ.

"އެންމެ ރަނގަޅު. ރާހިންއަށް ޓަކައި މަންމަ އޭނާއާ ބައްދަލުކުރާނަން... ހަވީރު އާދޭ ގޮވައިގެން." ހުމައިރާ ބުންޏެވެ.

"ޝުކުރިއްޔާ މަންމާ." ރާހިން އަވަހަށް ބުނެލި އެވެ. ނަމަވެސް އެ ޝުކުރު ބަލައިނުގަންނަކަން ހުމައިރާގެ ޢަމަލުތަކުން ދޭހަވި އެވެ. އޭނާ ރާހިންގެ ކައިރީ މަޑުކުރުމެއްނެތި އެތަނުން ދިޔައީ އެވެ.

(ނުނިމޭ)