ނަތަންޔާހޫ އެމެރިކާ ދަތުރު ނިންމާލެއްވުމަށްފަހު އެންބުރި ގައުމަށް ވަޑައިގެންނެ ތެލްއަވީވްގެ އެއާޕޯޓަށް ޖެއްސުމާއެކު ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން އެއާޕޯޓަށް މިސައިލް ހަމަލާއެއް ދީފި އެވެ.
އިޒްރޭލުގެ ބެން-ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުން މަދަދުވެރިވާ ޔަމަނުގެ ހޫތީން މިސައިލް ހަމަލާއެއް ދިން ކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުންވެސް ބުނެ އެވެ.
މި ހަމަލާ ދިނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެއާޕޯޓަށް ޖެއްސި ގަޑިއާއި ދިމާކޮށް ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި ހޫތީން ފޮނުވާލާފައިވާ މިސައިލް ކާމިޔާބުކަމާއިއެކު ވައްޓާލާފައި ވެއެވެ.
މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ މަތިންދާބޯޓުތަކުގެ ދަތުރުފަތުރަށް ބުރޫ އަރާފައިވެ އެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާވެސް ލިއެވެ. އެހެންނަމަވެސް މިހާރު އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށް އިޒްރޭލު ނޫސްތަކުގައި ބުނެފައިވެ އެވެ.
ޔަމަނުގެ ހޫތީން އިޒްރޭލަށް ހަމަލާ ދެނީ ޣައްޒާގައި އިޒުރޭލުން ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.
މި ހަމަލާއަކީ އިޒްރޭލުގެ އެއާޕޯޓަކަށް ހޫތީން ދިން ފުރަތަމަ ހަމަލާ އެވެ. މިފަހަރުގެ ހަމަލާ އަކީ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމިގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ.
ލުބުނާނުގެ ހިޒްބުﷲ އަދި ޔަމަނުގެ ހޫތީންނަކީ ވެސް އީރާނުގެ ކޮމާންޑަށް ތަބާވާ، އީރާނުގެ އަސްކަރީ އަދި މާލީ އެހީ މެދުކެނޑުމެއްނެތި ލިބޭ ދެ ޖަމާއަތްތަކެއް ކަމުގައި ތުހުމަތު ކުރެވެ އެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ސަލާމަތްތެރިކަމާއެކު އެއާޕޯޓުން ބޭރަށް ގެންދެވިފަ އެވެ. އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާރު ނަތަންޔާހޫ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަސްކަރިއްޔާގެ ބިންގަރާހަކަށް ގެންދެވިފަ އެވެ. އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބަލާފައި ގަނޑުވަރުގައި ދިރިނޫޅޭތާ މަސްތަކެއް ވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.