އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުއްޓުވައި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅޭ ވަރުގެ ބަޔަކު -- އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން ވެސް ހިމެނޭ ގޮތުން -- ދުނިޔޭގައި ނެތުމަކީ ބޮޑު ލަދެެއް ކަމަށް އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
ބެންޖަމިން ނަތަންޔާހޫގެ އަޒުމަކަށް މިހާރު ވެފައި އޮތީ ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި މިހާރު ލުބްނާން ސުންނާފަތިކުރެއްވުން ކަމަށް ބޮރެލް ވިދާޅުވި އެވެ.
ނަތަންޔާހޫ ވިދާޅުވާ ގޮތުން އިޒުރޭލުގެ އަމާޒަކީ ހަނގުރާމަވެރިންގެ ދުވަސް ދުއްވާލުން ނަމަވެސް، ދުވަސް ދަނީ ބާރެއް ނެތް ނިކަމެތި އާންމުން ކަމަށް ސަފީރު ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަނަށް ޑިޕްލޮމެޓިކް ގޮތުން ލެވެން ހުރި ހުރިހާ ބާރެއް -- ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށް ބޮރެލް ވިދާޅުވި އެވެ. އެކަމަކުވެސް، ނަތަންޔާހޫއަށް ގުޑުމެއް ނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒުރޭލު ހުއްޓުވުމަކީ އެމެރިކާއަށް ވެސް ދަތިކަމެއް ކަމަށް ބޮރެލް ވިދާޅުވި އެވެ. އިޒުރޭލަކީ އެމެރިކާއާ ވަރަށް ގާތް ގައުމަކަށް ވާއިރު، އިޒުރޭލުގެ ބާރު ކަނޑުވާލުމަށްޓަކައި އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ އަސްކަރީ ގޮތުން އިޒުރޭލަށް ވުރެ ވަރުގަދަ ބަޔަކު އިސްނެގުމެވެ.
ޖޯސެފް ބޮރެލް އަދާކުރައްވާ މަގާމުގެ ގޮތުން އިޒުރޭލާ ދެކޮޅަށް އަސްކަރީ ފިޔަވަޅުއެޅުމަކީ އިޚުތިޔާރީ ކަމެއް ކަމަކަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް، އެ ނޫން ގޮތެއް މިހާރު ނެތްކަން މުޅި ދުނިޔެ ދަނެ އެވެ.
އިޒުރޭލުގެ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ މަސްރަހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާ އެވެ. އިޒުރޭލަށް ރައްކާތެރިކަން ދިނުމަކީ އެމެރިކާއަށް އަމިއްލަ ގައުމިއްޔަތު މުހިންމުވާ ފަދައިން މުހިންމު ކަމެކެވެ.
އެމެރިކާގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގަތް ނަމަވެސް، އިޒުރޭލު ދެމެހެއްޓުމަށް ހޭދަތަކެއް ކުރައްވައި ގާނޫންތަކެއް ފާސްކުރައްވާނެ އެވެ. އިޒުރޭލަކީ އެމެރިކާއަށް ލޭނާރެއް ފަދަ ގައުމެކެވެ.
ބޮރެލް ވިދާޅުވި ގޮތުގައި އެމެރިކާއިން އިތުރު ހިތްވަރެއް ލާފައި މަޝްވަރާތައް އަލުން ފަށަންވީ އެވެ. އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާގެ ދައުރަށް ސަމާލުވުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އިޒުރޭލަށް ހަތިޔާޜު ސަޕްލައިކުރާ ކޮންމެ ގައުމަކުން އިޒުރޭލުގެ ހަރަކާތްތަކަށް ފާރަވެރިވުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ބޮރެލް ވިދާޅުވި އެވެ.