ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބޯޑަރު ހުރަސްކޮށް އިޒުރޭލަށް ހަމަލާދޭން ފެށުމާ އެކު ބޭރުގެ 10 އެއާލައިނަކުން އިޒުރޭލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި އެއާ ފްރާންސާއި ޑަޗް ޓްރާންސާވިއާ ފަދަ ބޮޑެތި އެއާލައިންތައް ހިމެނޭ ކަމަށް އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު، ކާން އިން ބުންޏެވެ.
އިޒުރޭލަށް ދަތުރުކުރުން މެދުކަނޑާލި އެހެން އެއާލައިންތަކުގެ ތެރޭގައި ހަންގޭރީގެ ވިޒް އެއާ، މޯލްޓާގެ ކޮރެންޑަން، އިތިއޯޕިއަން އެއާލައިންސް، ގްރީކް އެޖިއަން އެއާލައިންސް އަދި ގްރީކް ޔުނިވާސަލް އެއާލައިންސް ފަދަ އެއާލައިންތައް ހިމެނެ އެވެ.
ޕެރިހާއި ތެލް އަވިވްއާ ދެމެދު ދަތުރުތައް އެއާ ފްރާންސުން މެދުކަނޑާލި ނަމަވެސް، އިޒުރޭލުގެ އެހެން އަވަށްތަކަށް އެއާ ފްރާންސް އުދުހޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
މެދުއިރުމަތީގައި ހަނގުރާމާއެއްގެ ފެތުރިދާނެ ކަމަށް ބިރަށް އިޒުރޭލަށް ދަތުރުކުރާ ބައިނަލްއަގްވާމީ ބައެއް އެއާލައިންތަކުން ވަނީ ދަތުރުތައް މަދުކޮށްފަ އެވެ. އަދި ޖުލައި ފަހުކޮޅުން ފެށިގެން ބައެއް އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.
އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާލަތައް ލުބުނާނަށް ފޯރައި، ލުބްނާން ހިމެނޭ ގޮތުން އެ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވަނީ ހަނގުރާމައިގެ މައިދާނަކަށް ވެފަ އެވެ.
އިރާންގެ މަދަދާ އެކު ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބު ﷲ ހަނގުރާމަވެރިން އިޒުރޭލަށް ފޮނުވާލި ރޮކެޓުތަކާ އެކު، އިޒުރޭލުގެ ފައިޓަރު ޖެޓުތަކުން ވަނީ ހިޒްބު ﷲ ގެ މަގާމުތަކަށް ބޮންއަޅައި ހުޅުޖަހާފަ އެވެ.
ހިޒްބު ﷲ ބުނާ ގޮތުން ޔަހޫދީންގެ ކިބައިން އެ މީހުން ބަދަލުހިފާނެ އެވެ. އެއީ ހިޒްބު ﷲ ގެ ކޮމާންޑަރުންތަކެއް ޔަހޫދީންގެ ހަމަލާތަކުގައި މަރުވެފައި ވާތީ އެވެ.
އިޒުރޭލުގެ ބުނުމަކީ ހިޒްބު ﷲ އަމާންދިނުމަށް ދާންދެން ހަމަލާދިނުމުގެ ކުޅަދާނަކަން އެ މީހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ހިޒްބު ﷲ ގެ ހަމަލާތައް ހުއްޓާލަންދެން ގަދަފަދަ ހަމަލާތަކުން ބަދަލުހިފާނެ ކަމަށް ވެސް ޒަޔަނިސްޓުން ވަނީ ބުނެފަ އެވެ.
އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީންގެ ޣައްޒާއިން 40،400 މީހުން މަރުވެފައި ވާއިރުވެސް، ސުލްހަ ގާއިމުކުރުމުގެ ވިސްނުމެއް ޔަހޫދީންގެ ކިބާގައި ނެތެވެ.
ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަނީ ހަމާސް ނައްތާލާފައި ނޫނީ އަތްފޮޅައި ނުލައްވާނެ ކަމަށެވެ.