ދުނިޔެ

ހުޅަނގު އައްސޭރި ނަޒަރުން ގެއްލުވާލައިގެން ނުވާނެ: ބާނީ ސެންޑާސް

އިޒުރޭލުން އިސްތިއުމާރުކޮށްފައި އޮތް ހުޅަނގު އައްސޭރީގެ ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބާނީ ސެންޑާސް ވިދާޅުވެއްޖެ އެވެ.

ސެންޑާސް ވިދާޅުވީ ޣައްޒާގައި އަދި ފަލަސްތީންގެ އެހެން އަވަށްތަކުގައި އިޒުރޭލުގެ ބޮޑުވަޒީރު ދުނިޔޭގެ ގާނޫނުތަކާ ޚިލާފުވެ ވަޑައިގެންފައިވާ ކަމަށެވެ.

ދުނިޔޭގެ ނަޒަރު ޣައްޒާއަށް ހުއްޓިފައި އޮތްއިރު، ހުޅަނގު އައްސޭރިއަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. ހުޅަނގު އައްސޭރީގައި ޒަޔަނިސްޓުންގެ ފަރާތުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފު ޖައްސާ ކަމަށްވެސް ވިދާޅުވި އެވެ.

ސެންޑާސް ވިދާޅުވީ ހުޅަނގު އައްސޭރިގައި އަމަން ބެލެހެއްޓުމަށް ކަމަށް ބުނެ ނުކުމެ ހަރަކާތްތެރިވާ ޒަޔަނިސްޓުންގެ ފަރާތުން ފަލަސްތީން ރައްޔިތުންނަށް އަނިޔާކުރުމާއި މުދާ ފޭރުން އަދި ގެދޮރު އެންދުން ފަދަ އަނިޔާތައް ދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ހަތިޔާރެއް ނެތް ފަލަސްތީންގެ އާންމުންނަށް ހަމަލާދިނުމާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައްވެސް ހިންގަމުންދާ ކަމަށެވެ.

ދެ ދައުލަތަށް މަޝްވަރާކުރުމުގެ ބަދަލުގައި ސެންޑާސް ވިދާޅުވީ ނަތަންޔާހޫގެ ބޭނުމަކީ ޔަހޫދީން ވަޒަންވެރިކުރުމަށް ހުޅަނގު އައްސޭރިން އިތުރު ޖާގަ ހޯއްދެވުން ކަމަށެެވެ.

ދުނިޔޭގެ ނަޒަރު ޣައްޒާއަށް ހުއްޓުވައި އިޒުރޭލުން ބޭނުންވާ އެޖެންޑާއަށް މަގު ތަނަވަސްކުރުމުގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ބާރަށް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސެންޑާސް ވިދާޅުވީ އަމަން ބަލަހައްޓަން ހުއްދަ ނެތް މީހުން ލައްވައި ޖަރީމާތައް ހިންގުވައި ގެދޮރު ހުސްކޮށް އަދި ވިޔަފާރިތައް ލޫޓުވައި ބިންތައް ފޭރެމުންވެސް ގެންދާ ކަމަށެެވެ.

މިއީ ދުނިޔޭގެ ބާރުތަކަށް ނޭނގި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސެންޑާސް ގަބޫލުކުރައްވަ އެވެ.

އެމެރިކާ އަދި އިނގިރޭސިންގެ ރާޑަރަށްވެސް މި ހަރަކާތްތައް އޮންނާނީ އަރާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެމެރިކާއާއި އިނގިރޭސީން ރުހިގެން ތިބެނީ ކަމަށްވެސް ސެންޑާސް ވިދާޅުވި އެވެ.