ދުނިޔެ

އިޒުރޭލު ސިފައިން ބޭރޫތު އެއާޕޯޓް ކޮންޓްރޯލް ޓަވަރު ހެކްކޮށްފި

އިޒުރޭލު ސިފައިން ބޭރޫތު އެއާޕޯޓް -- ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓްގެ ކޮންޓްރޯލް ޓަވަރު ހެކްކޮށްފި އެވެ. އަދި އެ އެއާޕޯޓަށް ޖައްސަން ދިޔަ އީރާންގެ މަދަނީ މަތިންދާބޯޓަކަށް ވަނީ ބިރުދައްކާފަ އެވެ.

އިޒުރޭލުގެ އިންޒާރާ ގުޅިގެން ލުބްނާންގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއާޕޯޓުގެ އިދާރާތަކަށް ޚާއްސަ ބަޔާނެއް ފޮނުވާފަ އެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުން އީރާންގެ މަތިންދާބޯޓު ބޭރޫތުގެ ވައިގެ ސަރަހައްދަށް ވަނުން ރައްކާތެރި ނޫންކަން އެންގުމަށް އޮތީ ބުނެފަ އެވެ.

ބޭރޫތުގެ އިދާރާތަކުން ބުނާ ގޮތުން އީރާންގެ މަތިންދާބޯޓާ މެދު މިފަދައިން އަމަލުކުރަން ޖެހުނީ އިޒުރޭލުގެ އަނިޔާވެރިކަން ހުރި ގޮތުންނެވެ. މަތިންދާބޯޓުން ދަތުރުކުރާ އާންމު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި މި ފަދަ ފިޔަވަޅެއް އެޅީ ކަމަށް އޭވިއޭޝަން އިދާރާތަކުން ބުންޏެވެ.

އިޒުރޭލު ގަބޫލުކުރާ ގޮތުން އީރާންގެ މަދަނީ މަތިންދާބޯޓުގައި މިހާރު އެންމެ ގިނައިން އުފުލާނީ ހިޒްބުﷲއަށް ވާގިވެރިވުމަށް އީރާނުން ފޮނުވާ ހަނގުރާމަވެރިންނެވެ.

ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިޒުރޭލުގެ ހަމަލާއެއްގައި މަރާލާފައި ވާއިރު، އޭނާގެ މަރަށް އިޒުރޭލުގެ ކިބައިން ބަދަލުހިފުމަށް އީރާނުން ރޭވުންތަކެއް ރާވާނެ ކަމަށް ވެސް އިޒުރޭލުން ގަބޫލުކުރެ އެވެ.

ހަނގުރާމަވެރިންގެ އިތުރުން ހިޒްބުﷲ ބާރުވެރިކުރުމަށްޓަކައި އީރާނުން ހަތިޔާރު ފޮނުވާނެ ކަމަށް ވެސް އިޒުރޭލު ގަބޫލުކުރެ އެވެ.

ނަސްރުﷲ މަރާލުމާ ގުޅިގެން އީރާނުން ވަނީ ހިޒްބުﷲއަށް ވާގިވެރިވުމުގައި ދެމިތިބޭނެ ކަމަށް ބުނެފަ އެވެ. އަދި އިތުރު ހަނގުރާމަވެރިން ފޮނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޒުރޭލުގެ މި އިންޒާރާ ގުޅިގެން ލުބްނާންގެ ޕަބްލިކް ވޯކްސް އެންޑް ޓްރާސްޕޯޓް މިނިސްޓަރު އަލީ ހަމިއާ ވިދާޅުވީ އިޒުރޭލުން އެ ކުރަނީ ކުށްހީއެއް ކަމަށެވެ. ބޭރޫތު އެއާޕޯޓަކީ އެއްވެސް ބަޔަކަށް ހަތިޔާރު ސަޕްލައިކުރާ ނާރެހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަފީގް ހަރީރީ އެއާޕޯޓަކީ މުޅިންހެން މަދަނީ ފްލައިޓްތަކަށް ޚާއްސަ ބަނދަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަސްކަރިއްޔާއާ ގުޅުން ހުރި ހަރަކާތެއް ނަމަ ބަލަހައްޓާނީ ލުބްނާންގެ އަސްކަރިއްޔާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.