އިޒްރޭލް

އިސްރާއީލުގެ ސައިބަ ހަމަލާއެއްގައި އީރާންގެ ސަފީރަކަށް އަނިޔާވެއްޖެ

އިސްރާއީލުން ދިން ސައިބަ ހަމަލާއަކާ ގުޅިގެން ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ބޮޑެތި ގޮވުންތަކެއް އިއްވުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މި ހާދިސާގައި ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމަނީއަށް އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އީރާނުގެ ދައުލަތުގެ ރަސްމީ ޓީވީން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ސަފީރަށް މާބޮޑެތި އަނިޔާތަކެއް ނުވެ އެވެ. އަދި ސަފީރު ހުންނެވީ ހެޔޮހާލުގައި ކަމަށް ބުންޏެވެ.

ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން މުވާސަލާތު ކުރުމަށް ބޭނުންކުރާ ޑިވައިސްތަކެއް އިސްރާއީލުން ހެކްކުރުމާ ގުޅިގެން މި ގޮވުންތައް ހިނގާފައިވެ އެވެ. މި ގޮވުންތައް ބެއިރޫތުގެ ސުޕަމާކެޓް ތަކަށްވެސް އިވިފައިވާ ކަމަށްވެ އެވެ.

މި ހަމަލާއާ ގުޅިގެން ލުބުނާނުގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، ގިނަ ހޮސްޕިޓަލްތަކެއް މިހާރު ވަނީ ފުރިބާރުވެފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަރުގެ ހަބަރެއް ލިބިފައެއް ނުވެ އެވެ.

ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ މީގެ މަހެއްހާ ދުވަސްކުރިން އެ ޖަމާއަތުގެ މެންބަރުންނަށް ސްމާޓްފޯނު ބޭނުންކުރުން ހުއްޓާލުމަށް އިންޒާރު ދީފަ އެވެ. ނަމަވެސް އެންމެ ފަހުގެ ޑިވައިސްތައްވެސް އިސްރާއީލުގެ ހެކަރުން ހެކްކޮށްފައިވާކަން މިހާރު މިވަނީ ހާމަވެފަ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އިސްރާއީލުން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.