އިދިކޮޅު ފަރާތްތަކުން ޕޮރެސެކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބުދުﷲ ސައީދާއި ބައްދަލުކުރަން އެދިއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ފަރާތުން ޕީޖީ އަދި އުއްތަމަ ފަނޑިޔާރަށް މިއަދު ފޮނުވި ސިޓީގައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ހައްލު ހޯދައިދެއްވުމަށް ކަމަށާއި އެ ކަންކަމަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް ކުރެވެން ހުރި ކަން ކަމާމެެދު މަޝްވަރާ ކުރުމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔާތް ކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ޕީޖީ އަދި އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ކުރުމަށް މިއަދަށް އެޕޮއިންޓްމަންޓެއް ހަމަ ހައްސައިދިނުމަށް އިދިކޮޅު ފަރާތްތަކުން ސިޓީގައި ބުނެފައި ވެއެވެ.
އަދި ސިޓީގައި އެ މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތައް ވެސް ހިމަނާފައި ވެއެވެ. އެ ބޭފުޅުންނަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫނުގެ ފަރާތުން ޔުމްނާ މައުމޫނެވެ.
އިދިކޮޅު ފަރާތްތަކުން އިސްލާހަށް މަސައްކަތް ކުރަމުން ގެންދާއިރު، އިދިކޮޅުގެ ބައެއް މެންބަރުން ވަނީ ފުލުހުން ހައްރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އިދިކޮޅުގެ ބައެއް އިސްވެރިންނަށް އަންނަނީ ޖިނާއީ ކުށުގެ ތުހުމަތު ކޮށް ތަހުގީގުތައް ހިންގަމުންނެވެ. އަދދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ގޮނޑި ގެއްލުނު މައްސަލަ އަވަހަށް ނިންމައި ދިނުމަށްވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. އަދި އިސްލާހީ މައްސައްކަތައް އެއްބާރުލުން ދިނުމަށާއި އަމާން ކަމާއެކު އެކަން ކުރުމުގެ ފުރުސަތު ދިނުމަށް ފުލުހުންނާއި ސިފައިންގެ ކިބައިންވެސް އިދިކޮޅުން އެދިފައި ވެއެވެ.