ކުޅިވަރު

ރެއާލްއަށް އެއްވެސް މޮޅެއް ނުލިބުނު، ޒިދާނަށް މުހިންމީ ސްޕަކަޕް

Jul 30, 2017
2

އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓްއާގައި، އެއްވެސް މޮޅެއް ނުލިބި ނިންމާލަން ޖެހުމަކީ މައްސަލަ އެއް ނޫން ކަމަށާއި މައި ޓާގެޓަކީ ފެށޭ މަހު އަށް ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ޔޫއެފްއާ ސްޕަ ކަޕް ކަމަށް، ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެމެރިކާގައި، ނިމިގެން ދިޔަ، ޕްރީ ސީޒަން ޓްއާގެ މުބާރާތް، އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ބާސެލޯނާ ކާމިޔާބު ކުރީ، ރޭ ރެއާލް ބަލިކޮށް 3-2 ން ނެވެ. އެ މުބާރާތް ރެއާލުން ނިންމާލީ، އެއްވެސް މެޗަކުން މޮޅު ނުވެ އެވެ. އެ މުބާރާތާއެކު، ރެއާލް އަށް ޕްރީ ސީޒަން ޓްއާ ޕްރޮގްރާމްތައް ވަނީ ނިމިފަ އެވެ. ނަމަވެސް، މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ، އެމެރިކޭގެ މޭޖާ ލީގްގެ ޓީމުތަކުގެ ކުޅޭ ތަރިންގެ ޓީމުތަކާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެއް މިހާރު ވަނީ ތާވަލު ކޮށްފަ އެވެ.

"ބަލިވި މެޗުތަކާ މެދު އަހަރެން މާ ބޮޑު ސަމާލު ކަމެއް ނުދެން، ބަލި ވީމަ އަބަދުވެސް ދެރަ ވާނެ، މިވަގުތަށް އެއީ މުހިންމު ކަމެއް ނޫން،" ޒިދާން ބުންޏެވެ. "އެއީ ޕްރީ ސީޒަނެއް، އެ ނަތީޖާތައް ދިޔައީ އުންމީދު ކުރި ގޮތަކަށް ނޫން އެކަމަކު އޭގެ ސަބަބުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ، ނަމަވެސް އެންމެ މުހިންމު ކަމަކީ އޯގަސްޓް އަށެއްގައި ކުޅޭ ސްޕާ ކަޕަށް ތައްޔާރު ވުން."

ޔޫއެފްއާ ސްޕަ ކަޕްގައި، ރެއާލްގެ ފޯވަޑް ކްރިސްޓިއާނާ ރޮނާލްޑޯ ނުކުޅޭނެ އެވެ. އަދިވެސް އޭނާ ހުރީ ޗުއްޓީގަ އެވެ. ނަމަވެސް ސްޕެނިޝް ސްޕަ ކަޕްގައި، ބާސެލޯނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ކުޅެވޭ ވަރަށް، ރޮނާލްޑޯ ރެއާލްގެ ސްކޮޑާ ގުޅޭނެ އެވެ.