ސަލާމަތީ ހިދުމަތްތަަކުގެ އަގު ވައްޓާލުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަންތައްތަކާއި، ވަކި ވަކި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ކުރަމުންދާ ގޯނާތައް ހުއްޓާލުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި، ބުނެފައި ވަނީ ދިވެހިންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތްކުރާ ސަލާމަތީ ހިދުމަތްތަކުގެ އަގު ވައްޓާލުމުގެ ގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ކުރަމުންގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ. އަދި އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކާއި ހަފްލާތަކުގައި ވަކި ވަކި ފުލުހުންނާއި ސިފައިނަށް އަމާޒުކޮށް ކުރަމުންގެންދާ ގޯނާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަމަން ބަލަހައްޓަމުންގެންދާ ފުލުހުންނާއި ސިފައިންގެ ވާޖިބަށް ހުރަސްއަޅައި މަގުމަތީގެ އަމަން އަމާންކަން ނަގާލުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކަށް ބުރޫއަރައި އަސާސީ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މިނިވަންކަން އެހެން މީހުންނަށް ހައްގަށް އުނިކަމެއް ނާންނާނެ ގޮތަށް ބޭނުން ކުރަންޖެހޭ ކަމަށާއި އަމާންކަން ގާއިމްކުރުމަށް މަޝްވަރާ އިސްކޮށް، ދެކޮޅުވެރިކަމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވާން ޖެހޭ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.
"އިދިކޮޅު ފަރާތްތަކުން ސަލާމަތީ ހިދުމަތްތަކާއި ދޭތެރޭ ހިންގަމުންގެންދާ ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް މިހާރުން މިހާރަަށް ހުއްޓާލަން ޖެހޭ، އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަލާމަތީ ހިދުމަތްތަކުން އަންގާ އެންގުންތަކަށް ކިޔަމަން ވުމަށް ގޮވާލަން،" ޕީޕީއެމުން ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ވަކި ވަކި ފުލުހުންނާއި ސިފައިންގެ ފޮޓޯ ޖަހައި އެމީހުންގެ މައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އަދި ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން ވަނީ ދެ ފުލުހެއްގެ މައްސަލަ ނޭޝަނަަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފަ އެވެ.