ބޮލީވުޑް

ނުބައިބައި ރޯލުތައް ކުޅެން ޓައިގާ ދެކޮޅު

Jul 31, 2017

މިފަހަކަށް އައިސް ގިނަ ބަތަލުން އަންނަނީ ނުބައިބައި ރޯލުތައް ކުޅެން ލިބޭ ހުށަހެޅުމަށް ނޫނެކޭ ބުނަމުންނެވެ. ސުޕަސްޓާ ސަލްމާން ޚާނާއި މަޝްހޫރު އެކްޓަރު ރިިތިކް ރޯޝަން އަކީ ދުވަހަކު ވެސް ނުބައިބައި ރޯލެއް ނުކުޅޭނެ ކަމަށް ބުނެފައިވާ ތަރިންނެވެ. މި ދެތަރިންގެ އިތުރުން ޒުވާން އެކްޓަރު ޓައިގާ ޝްރޮޕް ވެސް ވަނީ ނުބައިބައި ރޯލު ކުޅެން ހުށަހެޅުން ލިބުނަސް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

ހީރޯއިން ނުބައިބައި ރޯލު ނުވަތަ ވިލަންގެ ރޯލު ކުޅެން ދެކޮޅު ހަދަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުން ރޯލު މޮޑަލުންގެ ގޮތުގައި ބަލައިގަންނަ އެތަކެއް ހާސް މީހުންނެއް ތިބުމެވެ.

އެގޮތުން ނުބައިބައި ރޯލުތައް ދުވަހަކުވެސް ނުކުޅޭނެ ކަމަށް ބުނަމުން ޓައިގާ ވަނީ އޭނާގެ ފިލްމުތައް ބަލަން ސިނަމާތަކަށް ވަންނަ ޒުވާނުންނާއި ފުރާވަރުގެ ކުދިން އޭނާ ނަމޫނާ މީހެއްގެ ގޮތުގައި ބަލައިގަންނާތީ އެފަދަ ރޯލުތައް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމެއް ކަމަށް ބުނެފަ އެވެ.

"ފިލްމު ބަލައިގެން ބެލުންތެރިން ފިލްމުތަކުން ކަންކަން ދަސްކުރޭ، އެފަދަ މީހުންނަށް ލާމަސީލު ބަޔަކަށް ވާން ބޭނުންމިއްޔާ ނުބައި ކަންކަން ދައްކުވައިދޭ ރޯލުތައް ކުޅުމާ ދުރުވާންޖެހޭ،" ޓައިގާ ބުނެފައިވެ އެވެ.

ޓައިގާ އިތުރަށް ވަނީ ބެލުންތެރިން އެމީހުންގެ ފިޔަވަޅުތައް ގަވައިދުން ބަލާ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ފިލްމުތަކުގެ ހެދުން އަޅާ ގޮތާއި އިސްތަށިގަނޑު ސްޓައިލް ކުރާ ގޮތުގެ އިތުރުން އެމީހުން ވާހަކަދައްކާ ގޮތް އަދި އުޅުން ބަހައްޓާ ގޮތް ވެސް ނުހަނު ފަސޭހައިން ނަކަލުކުރާ ކަމަށް ބުނެފަ އެވެ.

"އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ މެދު އަހަރެމެން އުޅުން ބަހައްޓާ ގޮތް ފިލްމުތަކުގައި ވެސް ދައްކަން ޖެހެނީ ރަނގަޅަށް،" އަބަދުވެސް ކުޅޭނީ ރަނގަޅު ސިފަތަކުގެ ރޯލުތައް ކަމަށް ބުނަމުން ޓައިގާ ބުނެފައިވެ އެވެ.

ނުބައިބައި ރޯލުތައް ކުޅެން ޓައިގާ ނިންމީ އޭނާ އައިޑޮލްއެއްގެ ގޮތުގައި ގަބޫލުކުރާ އެކްޓަރު ރިތިކްއާ ހެދި ތޯ އެހުމުން ވަނީ އޭނާ އެކްޓަރަކަށް ވާން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ރިތިކްގެ ފަރާތުން ކަމަށް ބުނެފަ އެވެ.

ޓައިގާ ދެން އެންމެ އަވަހަށް ކުޅެން ފަށާނީ "ރާމްބޯ" ގެ ހިންދީ ރީމޭކުންނެވެ. އެ ރޯލު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ވެސް ރިތިކަށެވެ.