ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ މިއަދު ހަވީރު ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ފާރިސްއަށް އެންގުމުން ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއާ ބައްދަލުކޮށް ދައުލަތުން ހުށަހަޅާފައިވާ ސީޑީ ބަލައި، އެއަށް ޖަވާބު ތައްޔާރުކުރުމުގެ ފުރުސަތު މުއައްސަސާތަކުން ދީފައިނުވާ ކަމަށެވެ.
"ޕީޖީގެ ވީޑިއޯ ފާރިސްއާއެކު ބެލުމަށް ވަކީލުންނަށް ފުލުހުން ވެސް ކަރެކްޝަންއިން ވެސް ފުރުސަތެއް ނުދިން، 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށްފަހު ދޫނިދޫގައި އެއް ފަހަރު މާފުށީ ޖަލުގައި ދެފަހަރު ފާރިސްއާ ބައްދަލުކުރިން، ނަމަވެސް އެ ސީޑީ ބެލުމަށް ފުރުސަތެއް ނުދިން، މުއައްސަސާތަކުން ބުނަނީ އެކަމަށް ފުރުސަތު ދިނުމަށް މަތިން އަންގާފައި ނުވާ ކަމަށް،" މައުމޫން ހަމީދު ވިދާޅުވި އެވެ.
އެ ސިޑީ ބަލާލުމަށް ފުރުސަތު ލިބިފައިނުވާއިރު އެއަށް ޖަވާބު ތައްޔާރުކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ކަމާބެހޭ މުއައްސަސާތަކުން ދަނީ އިންސާފަށް ހުރަސް އަޅަމުން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީޖީ އޮފީހަށް ދޭން މަޖުބޫރުވާ މައުލޫމާތުތައް ވެސް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. ފާރިސްއާ އެއްކޮޅަށް ހުރި ހެކީގެ މައުލޫމާތު ވެސް ދީފައިނުވާ ކަމަށެވެ. އެއީ ޕީޖީ އޮފީހުން ނުބައި ނިޔަތެއްގައި ކުރަމުންދާ ކަމެއް ކަމަށް މައުމޫން ހަމީދު ތުހުމަތުކުރެއްވި އެވެ. އަދި މައުމޫން ހަމީދު ވަނީ އެ މައުލޫމާތު ދިނުމަށް ޕީޖީ އޮފީސްގެ މައްޗަށް އަމުރުކޮށް ދިނުމަށް ޝަރީއަތުގައި އެދިފަ އެވެ.
ފާރިސްގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވަނިކޮށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ބ)ގެ ދަށުން ފާރިސްގެ މައްސަލައަކީ ޝަރީއަތް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫން ފުރުސަތު ލިބޭ، ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ތަކެތި ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. އެ ތަކެތި ހުށަހަޅަންޖެހެނީ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުން އެކަމަށް އެކުލަވާލައި ގަވައިދެއްގައިވާ ފޯމެއްގަ އެވެ.
މައުމޫން ހަމީދު ވަނީ އެ ގަވައިދު ސުޕްރީމް ކޯޓުން އަދި އެކުލަވާނުލާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެތަކެތި ގާނޫނާ އެއްގޮތެއް ހުށަހެޅޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، އެ ގަވައިދުތައް ނެތް ނަމަވެސް ޝަރީއަތުން ދަނީ އެތަކެތި ބަލައިގަންނަމުން ކަމަށާއި ވަކި ފޯމެއްގައި ނޫނަސް ހުށަހެޅުމުން ތަކެތި ބަލައިގަންނާނެ ކަމަށެވެ. މައުމޫން ހަމީދު ވަނީ އެތަކެތި ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ޖަވާބު ދައުލަތުން ހުށަހަޅާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
އެކަމަށްޓަކައި އަންނަ މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ. އޭގެފަހުން މައްސަލާގައި ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުމާ ދޭތެރޭގައި 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.