ހަބަރު

ކޯޓަށް ނުވެއްދި މީހުން މާފަށް އެދުމުން ވަނުމުގެ ހުއްދަދީފި

ކުރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ނުވައްދަން ނިންމާފައިވާ ހަ މީހަކު މާފަށް އެދުމުން އަޑުއެހުންތަކަށް ވަނުމުގެ ހުއްދަ މިއަދު ދީފި އެވެ. އެ މީހުންގެ ބަޔާން ވެސް ކުރިމިނަލް ކޯޓުން މިއަދު ވަނީ ނަގާފަ އެވެ.

ކުރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަނުން މަނާކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިމިނަލް ކޯޓަށް ވަޑައިގެންނެވި ދުވަހު ކުރިމިނަލް ކޯޓުގެ ރިސެޕްޝަން އޭރިޔާގެ ފޮޓޯ ނަގާފައިވާތީ އެވެ. ނަގާފައިވަނީ ރައީސް މައުމޫން، ދަރިކަލުން ފާރިސް މައުމޫންއާ ބައްދަލުކުރެއްވި ވަގުތު ފޮޓޯ އާއި ވީޑިއޯ އެވެ.

ކުރިމިނަލް ކޯޓުގެ އުސޫލު އޮންނަ ގޮތުން އެ ކޯޓުގެ އެތެރޭގެ އެއްވެސް ތަނެއްގެ ފޮޓޯއެއް ނުނެގޭނެ އެވެ.

ފޮޓޯ ނަގައިގެން ކުރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަނުން މަނާކޮށްފައި އޮތީ، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައީސް މައުމޫންގެ އިސް ދެ ބޭފުޅުން ކަމަށްވާ އައިމިނަތު ނާދިރާ އާއި އަބުދުލް އަލީމާއި ރައީސް މައުމޫންގެ ޓީމުގެ އިތުރު ހަތަރު މީހެކެވެ. އެތަނުން އެކަކުގެ ބަޔާން އަދި ކުރިމިނަލް ކޯޓުން ނުނަގަ އެވެ.

މާފަށް އެދުމުން ކޯޓަށް ވަނުމުގެ ހުއްދަ އެ ފަރާތްތަކަށް ދީފައިވާއިރު މިއަދު ރާއްޖެޓީވީގެ ނޫސްވެރިޔާ އަޒުމޫން އަހުމަދަށް ވެސް ވަނީ އަޑުއެހުންތަކަށް ނުވަދެވޭނެ ކަމަށް އަންގާފަ އެވެ. އެ އެންގުން ވެސް އެންގީ ކޯޓު ދޮރުމަތީ ހުރެ ފާރިސް މިއަދު ކޯޓަށް ވަދެވަޑައިގަތް މަންޒަރުގެ ފޮޓޯއެއް ނެގުމުންނެވެ. މިހާރު އަޒުމޫނަށް ވެސް ވަނީ އަޑުއެހުންތަކަށް ވަނުމުގެ ހުއްދަ ދީފަ އެވެ.