އިސްތިއުފާގެ ވާހަކަ ފަށަން މިޖެހެނީ އެމެރިކާއާ ހަމައިން އެވެ؛ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު، މައިކަލް ފްލިން ދާދި ފަހުން ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަށް އޭނާއަށް މަޖުބޫރުވީ ސެނެޓްގް އިންޓެލިޖެންސް ކޮމިޓީން ޓްރަމްޕް ރަޝިޔާއާއެކު ސިއްރު ގުޅުންތަކެއް ބޭއްވި ކަމަށް ތުުހުމަތުކޮށް ހިންގާ ތަހުގީގުގައި އޭނާ ދޮގު ހަދާފައިވާކަން ފަޅާއެރުމުންނެވެ. ފްލިން ވިދާޅުވަމުން ގެންދެވީ ރަޝިޔާގެ އެއްވެސް އޮފިޝަލަކާ އޭނާ ބައްދަލުވުމެއް ނުބާއްވާ ކަމަށެވެ. ނަމަވެސް ސެނެޓް ކޮމިޓީގެ ތަހުގީގުން ހެއްކާއެކު ހާމަވި ގޮތުގައި އޭނާ ވަނީ އެކި ފަހަރުމަތިން ރަޝިޔާގެ އޮފިޝަލުންނާއެކު މުއާމަލާތްތައް ހިންގަވައިފަ އެވެ. މި ކުޑަކުޑަ ދޮގާ ހެދި ފްލިން އެންމެ ފަހުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެވެ. މީގެ އެހެން މިސާލެެކެވެ. ޖަޕާންގެ ޑިފެންސް މިނިސްޓަރު، ޓޮމާމީ އިނާޑާ މިދިޔަ ހަފުތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ ހާމަ ކުރަން ޖެހޭ އަސްކަރީ މައުލޫމާތުތަކެއް ހާމަ ކުރުމަށް އޭނާ ދެކޮޅު ހެއްދެވި މައްސަލަ ހޫނުވެގެން އެވެ. އެ ތުހުމަތުތައް ހާމަވުމާއެކު ލަސްނުކޮށް އޭނާ މަގާމުން ދުރުވެ ވަޑައިގެންނެވި އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދައްކާ ނަމޫނާ އަކީ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ އޮފިޝަލުންގެ ނަޒާހަތްތެރިކަމާ މެދު އެއްވެސް ސުވާލެއް އުފެދިއްޖެ ނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ. އެ މަގާމުތަކުން ފެޔަށް ޖެހިވަޑައިގަތުމެވެ. މިއީ ތަހުޒީބު މުޖުތަމައުތަކުގެ ނަމޫނާ އެވެ. އެކަމަކު ރާއްޖެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި މާލޭގައި މާރާމާރީތައް އާންމުވެ، ދެ ޒުވާނެއް ވަނީ ގަތުލުކޮށްލައިފަ އެވެ. މި މާރާމާރީތައް ހަމައިން ނައްޓައިގެން ގޮސް ދެ ޒުވާނެއް ކޮށައި ކުދިކުދި ކޮށްލި އިރު ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ. އެޅުނު ފިޔަވަޅެއް ނުފެނުނެވެ. ސިޔާސީ މީހުންގެ ފަހަތުން ދުވެ އެ މީހުންގެ ތަހުގީގުތައް ފަޓާސް ބަރިއެއްހެން ކުރިއަށް ގެންދިޔުން ނޫން ކަމެއް ފުލުހުންނަށް ވީހެނެއް ހިއެއް ނުވެ އެވެ.
ދެ ޒުވާނެއްގެ ފުރާނަ ވަޅި ޖަހައި ދުއްވާލި އިރު ފުލުސް ކޮމިޝަނަރު އަހުމަދު އަރީފް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ކަހާތަން ހިރުވާލިހެން ވެސް ހީނުވެ އެވެ. މި ނާމާންކަމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދިޔައިރު، އެންމެ ކުޑަމިނުން އެކަމާ މެދު މި ދެ ބޭފުޅުން ބުނެލި ހަރުބަހެއް ނެތެވެ. ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ނެރުނު ނޫސް ބަޔާނެއްހާ ހިސާބުވެސް ނުދެކެމެވެ. އެހެނެއް ނޫނެވެ! ސިޔާސީ މީހުންގެ އެއްވުންތައް ހުއްޓުވާނެ ކަމަށް ބުނެ އެންމެ ހަރުކަށި އިންޒާރާއެކު ފުލުހުން ވެސް އަދި ހޯމް މިނިސްޓްރީ އިން ވެސް ފުލުފުލުގައި ބަޔާން ނެރުނެވެ. ރަޔަޓް ގިޔަރުގައި އެންމެ ފުރިހަމަ ބާރާއެކު ފުލުހުން މަގުތަކަށް ނުކުމެ މުޒާހަރާގެ ބައިވެރިން ފިސާރި ރަނގަޅަށް "ބިރުގަންނަވާލި" އެވެ.
މުޖުތަމައު އަމާންކުރުމުގެ ޒިންމާ ކޮޑުއަޅައިގެން ތިބި ފުލުހުންނާއި އެ މުއަސްސާގެ ބެލެނިވެރިޔާ ހޯމް މިނިސްޓްރީގެ ހާލަތު މިހާ ދަށަށް ވެއްޓުނީމާ، އެ ބޭފުޅުންގެ އިސްވެރިން ހަމަ ކަމެއްވާހެން ވެސް ހީނުވެ، ކޮޑާއި މޭމަތީގައި ކުލަބަރި ޖަހައިގެން ތިބުމުގެ އޮތީ ދެން ކޮން ހައިސިއްޔަތެއް ހެއްޔެވެ. މުޖުތަމައު އަމާންކޮށް، ރައްކާތެރިކަން ހޯދައިދިނުމުގެ ޒިންމާ ފުލުސް ކޮމިޝަނަރު އަރީފަށް މި އޮތީ ނުއުފުއްލެވި ހަގީގަތުގައި ވެސް ފެއިލްވެފަ އެވެ. ދެން ދައްކާނެ އިތުރު ބަހަނާއެއް ނެތެވެ. މަންޒަރު ފެންނަ ގޮތުން އެމަނިކުފާނުގެ ފޯކަސް މި ހުރީ ސިޔާސީ މީހުންގެ ފަހަތުން ދުވެ ސިޔާސީ ކަންކަން ކުރުމަށް ކަމަށްވާ ނަމަ ކޮޑުމަތީގައި ތިހިރަ ފައްތަކާއި މޭމަތީގައި ތިހިރަ ކުލަބަރީގެ އޮތީ ދެން ކޮން އަގެއް ހެއްޔެވެ؟ އެ ކުލަ ބަރި ޖައްސަވައިގެން ތިމަންނާއަކީ ދިވެހި ފުލުހުންގެ ވެރިޔާއަށް ހެދިގެން މާ ބޮޑު ޔުނީފޯމެއްގައި އިންނެވުމުގެ ހައިސިއްޔަތެއް އެމަނިކުފާނަށް މިހާރަކު ހަމަ އެއްގޮތަކަށް ވެސް ނެތެވެ. ފުލުސް ކޮމިޝަނަރުގެ އޮތް ގާނޫނީ ޒިންމާއަކީ އެންމެ މަތީ ޕްރޮފެޝަނަލް މިންގަޑުގައި ފުލުހުންގެ މުއައްސަސާ ހިންގެވުމެވެ. އެ މަސައްކަތުގެ ތެރެއިން އަމާން މުޖުތަމައެއް ގާއިމް ކޮށްދެއްވުމެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މަނިކުފާނުގެ ޔުނީފޯމް ފަހާށާއި ނުބައްދަލު މުސާރަ އާއި އިނާޔަތްތައް ދެނީ އެ ވާޖިބުތައް އަދާ ކުރުމަށް ލާޒިމް ކުރުވާފަ އެވެ. އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެމަނިކުފާނަށް އޭޕްލަސް ލިބިވަޑައިގަންނަވާ ނަމަ، ދުވާލަކު މީހަކު މަރާ ހިސާާބަށް ގައުމުގެ ހާލަތެއް ނުދާނެ އެވެ. ފުލުހުންގެ މި ފޭލިއަރުގެ ޒިންމާ ނަގަން ޖެހޭނީ ފުލުސް ކޮމިޝަނަރަކަށް ހުންނަވާ ބޭފުޅެއް ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް އޮތްހެނެއް ހިއެއް ނުވެ އެވެ. އެމަނިކުފާނުގެ ކޮމިޝަނަރު ކަމުގައި ހިނގި ބޮޑެތި ގަތުލުތަކުގެ ހަގީގަތް ފުލުހުންނަށް ހޯދޭނެ ދުވަހެއް ވެސް ބުނާކަށް ނޭނގެ އެވެ. މިހާބޮޑު ފެއިލިއަރެއް ގައުމަށްވާއިރު، ފުލުސް ކޮމިޝަނަރަށް އެންމެ ރަނގަޅު ގޮތަކީ މުޅި ފުލުުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަމަށް އެމަނިކުފާނު ވެސް ފެޔަށް ޖެހިވަޑައިގަތުމެވެ. އެއީ އިހުތިރާމާއި ގަދަރުވެރި ގޮތެއް ނޫން ހެއްޔެވެ؟
ދެން އޮތީ އެއަށް ވުރެ މާ ލަދުވެތި ވާހަކަ އެކެވެ. ރައްޔިތުންގެ ފައިސާއިން ބައިލައްކައެއްހާ ރުފިޔާ މުސާރައަށް ނަންގަވައިގެން ކާރާއި އެހެނިހެން ވެސް އިނާޔަތްތަކުގައި އުޅުއްވާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މާރާމާރީތައް ހުއްޓުވަން ނެރުއްވި ސިޔާސަތެއް ނެތެވެ. އެކަންކަން ހުއްޓުވަން އޭނާ އެޅުއްވި ފިޔަވަޅެއް ވެސް އެކަމާ ގުޅިގެން ފުލުހުންގެ މައްޗަށް ނެރުއްވި އަމުރެއް ވެސް ފެންނާކަށް ނެތެވެ. އެކަމަކު ކޮންމެ ރެއަކު ކަހަހަލަ ގޮތަކަށް ޓީވީތަކަށް އަރުއްވައި ސިޔާސީ އިދިކޮޅު މީހުންނަށް ބަހުގެ ހަމަލާތައް ދެއްވަ އެވެ. ގޭންގްތައް މައިތިރިކޮށް މުޖުތަމައު އަމާން ކުރުމަށް ވުރެ ކުރިއަށް މިބޭފުޅާ ވެސް އިސް ކުރައްވަނީ ސިޔާސީ މަސައްކަތެވެ. އޭގެ ނަތީޖާ މި އޮތީ ފެންނާށެވެ. ޒުވާން ދެ ކުއްޖަކު މަރައި ބިމަށް ވައްޓާލީ އެވެ. އެއާ އެކުވެސް ޕްރެސް ދެއްވައި މިކަމަކީ ސިޔާސީ ހަލަބޮލިކަމުން ވާކަންކަން ކަމަށް ދައްކަން އުޅުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުން އެކަން ބަލައިގަންނާނީ އެއީ ބަހަނާގެ ގޮތުގަ އެވެ. ހޯމް މިނިސްޓަރުގެ ރިޕޯޓް ފޮތުގައި ލިޔަން މި އޮތީ ގިނަ މަރުތަކެއްގެ ވާހަކަ އެވެ. އެހެން ވީމާ ފުލުހުންނަށް ކޮމާންޑް ކުރައްވަން ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ އާއި އިނާޔަތް ނަންގަވައިގެން އިނުމުގެ ހައިސިއްޔަތެއް ހޯމް މިނިސްޓަރު އަޒްލީންއަށް އޮންނާނެ ހެއްޔެވެ؟ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އިއްޒަތާއި ހައިބަތު ހޯދައިގެން ތި ތިއްބަވަނީ ހާދަހާވާ ލަދެއް ނެތީމަ އެވެ. މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިއްޒަތާއި ކަރާމާތައް އަދި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމެވެ. އެއީ ހަމަ ވަރަށް ރީތި ގޮތެކެވެ. އެއީ ގަދަ މީހުންގެ ގޮތެކެވެ.