މިނިވަން ދުވަހުގެ މެންދުރު ވަގުތު ގައުމީ ޓީވީ، ޓީވީއެމްއަށް ޓިއުން ކޮށްލައިފީމެވެ. އޭރު ދައްކަމުން އަންނަނީ ރައީސް އަބްދުﷲ ޔާމީންގެ ގައުމާ މުހާތަބު ކުރައްވާ ތަގުރީރަށް ހާއްސަކޮށް ގެނެސްދޭ ޕެނަލް ޑިސްކަޝަންއެކެވެ. "ރައީސްގެ ގައުމާ މުހާތަބު ކުރައްވާނެ ވަގުތަކަށް ގައުމު ތައްޔާރުވެފައި" ގެ ނަމުގައި ގެނެސްދެމުން ދިޔަ އެ ބަހުސްގައި އެއްކޮޅުގައި ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން އަތުރާލާފައި ތިބީ އިރު އަނެއް ފަޅީގައި ތިބީ ހަތަރު މިނިސްޓަރެކެވެ. ޕްރެޒެންޓަރަކަށް ހުންނެވި ހަސަން ޒިޔާއު އޭރުވެސް ސުވާލު ކުރައްވަމުން ވަޑައިގެންނެވީ ގައުމަށް ރައީސް ޔާމީން ގެންނަވާ ތަރައްގީތަކަށް އަމާޒު ކުރައްވައިގެން އެވެ. ޒިޔާއުގެ ސުވާލުތައް މިނިސްޓަރުންނަށް އަމާޒު ކުރުމާ އެކު ކޮންމެ މިނިސްޓަރަކު ވެސް ދެއްކެވީ ހުޅުލެ-މާލެ ބްރިޖްގެ ވާހަކަ އާއި މަގުތަކާއި ފްލެޓްތައް ހެދުމުގެ މަޝްރޫއުތައް އަދި ރިސޯޓްތައް ގިނަ އަދަދަކަށް ހުޅުވޭ ވާހަކަ އެވެ. ހަމަ ގައިމު ވެސް ގަޑިއެއްހާއިރަށް ވުރެ ގިނައިރު ވަންދެން ކުރިއަށް ދިޔަ އެ ޕްރޮގްރާމްގައި އަދި ދެން އައި އޮންއެއާގެ ވަގުތުތަކުގައި ވެސް މިނިވަން ދުވަހާ ގުޅޭ މާ މުނާސަބު ވާހަކަތަކެއް ނުފޮނުވި އެވެ.
އިބްރާހިމް ނާސިރު ގައުމަށް މިނިވަންކަން ހޯއްދަވައި ދެއްވަން ހިންގެވި ދިގު އުނދަގޫ މަގާއި އެކަމުގައި އެމަނިކުފާނުގެ ސާބިތުކަން ފަދަ އެކަށީގެންވާ ސާފު މައުލޫމާތެއް ޓީވީއެމް އަކުން ނުފެނުނެވެ. ހަމައެކަނި ފެނުނުހާ ވެސް އެއްޗަކީ ރައީސް ޔާމީން ގައުމުގެ ތަރައްގީ އާއި އަމަން އަމާންކަމަށް ކުރައްވާ ބުރަ މަސައްކަތުގެ ވާހަކަ އެވެ. ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފިލާވަޅުތަކާއި މިނިވަންކަމެއްގެ މުހިންމުކަން އަދި އެކަމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެއްކި ޓީވީއެމްގެ ޕްރޮގްރާމެއް އަޅުގަނޑަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި އިރުއިރުކޮޅާހެން ރައީސް ޔާމީން ގައުމާ މުހާތަބު ކުރެއްވި ތަގުރީރުގެ ރިޕީޓް ދައްކަނީ އެމަނިކުފާނުގެ ހިތްވަރާއި ސާބިތުކަމަށް އަމުނާލެވޭ ތައުރީފްތަކާ އެކު އެވެ. ޓީވީ ޕްރެޒެންޓަރުގެ ވާހަކަ ފައްޓަނީ ވެސް އަދި ނިންމަނީ ވެސް ރައީސް ޔާމީންގެ ސާބިތުކަމާއި ގައުމަށްޓަަކައި އެމަނިކުފާނު ކުރައްވާ ހިދުމަތްތަކަށް ހުޝާމަދު ކުރަމުން އެވެ. އަޅުގަނޑަށް ހިތަށް އެރި އެވެ. ގައުމަށް މިނިވަންކަން ހޯދައިދިން ބަތޮލުންނާއި އެ މީހުންގެ ވާހަކަތައް ކޮބައި ހެއްޔެވެ؟ އެ ވާހަކަތައް ހަވާސާއަށްލާފައި، މުނާސަބު ނޫން ސިޔާސީ ތައުރީފަށް އޮންއެއާ ދުއްވާލަށް ޖެހޭ ސަބަބެއް އަޅުގަނޑަށް ވިސްނާވިސްނާ ވެސް ނޭނގުނެވެ.
މިއޮތް ފަދަ މިނިވަން ދުވަހު ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ޓީވީ ސްޓޭޝަނުން މި އޮތީ ވަކި ސިޔާސީ ކުލަޔަކުން ހަރާބުކޮށްލައިފަ އެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ! ރައްޔިތުންގެ އެތައް މިލިއަން ޓެކްސް ފައިސާއެއް ކޮންމެ މަހަކު ހަރަދުކޮށްގެން ގައުމީ މީޑިއާ ހިންގަނީ ވަކި ސިޔާސީ ކުލައެއްގެ ޕްރޮޕެގެންޑާ ފަތުރަން ހެއްޔެވެ؟ ގައުމީ ވާހަކަތަކާއި ގައުމުގެ މިނިވަންކަމުގެ ބަތަލުންގެ ގުރުބާނީގެ އަޑު ގައުމީ ޓީވީއިން ނީވުނީ ކީއްވެ ހެއްޔެވެ؟ އެ މައުލޫމާތުތައް ބޮޑުވަމުން އަންނަ ކުދިންނަށް އެނގެން ނުޖެހެނީ ހެއްޔެވެ؟
އެހެން ނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި ސާފުކޮށް ކަޅާއި ހުދުން ލިޔެފައި ވަނީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ވަކި ކޮޅަކަށް ބުރަނުވެ ހިފެހެއްޓުމެއް ނެތި ފޯރުކޮށްދިނުމަކީ ޕީއެސްއެމްގެ ޒިންމާއެއް ކަމަށެވެ. އެކަމަކު އެ ޒިންމާ އަދާކުރުމުގައި ޕީއެސްއެމް މި ވަނީ ހަމަ ހަގީގަތުގައި ވެސް އިހުމާލުވެފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާއި އެފަރާތްތަކުން ފެންމަތި ކުރާ ހަގީގީ މައްސަލަތައް ގެނެސް ދިނުމުގައި ޕީއެސްއެމް އިން ހަނި ފުރުސަތެއް ވެސް ނުދެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެކަހަލަ ފުރުސަތެއް ހަނިގޮތަކަށް ވެސް ލިބުނީ މިފަހުން މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ލުމާ އެކު އެ މައްސަލަގަނޑުގެ ތެރެއިން އިދިކޮޅު މެންބަރަކަށް ވާހަކަ ދައްކާލަން ލިބުނު 30 މިނެޓެއްހާ އިރުގެ ފުރުސަތެކެވެ. އެކަމަކު އެރޭ އެ ޕްރޮގްރާމް ހުށަހަޅައިދިން ޕްރެޒެންޓަރު ވެސް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފާޑަކަށް ފިތިގެން އިނދެ އެވެ. އެރެއަށް ފަހު ދެން އެ އުފާވެރި މަންޒަރު ގައުމީ ޓީވީއިން ނުފެނުނެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕާއި ކެބިނެޓް މިނިސްޓަރުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުން ސިޔާސީ ވާހަކައެއް ދައްކަން ޕީއެސްއެމްގެ އޮންއެއާ އޮންނަނީ ހިތަކަށް ދީފަ އެވެ. އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔާ ރިޕޯޓްތަކުން އޮންއެއާ އޮންނަނީ ފްލަޑްކޮށްލައިފަ އެވެ. އަދި އިިދިކޮޅު ފަރާތްތަކަށް ހަޖޫޖަހައި ލަވަ ހަދައިގެން ފޮނުވާ ދަރަޖައަށް ގައުމީ ޓީވީ މި އޮތީ ވެއްޓިފަ އެވެ. އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް އަމާޒު ކުރާ ބިނާ ކުރަނިވި ފާޑު ކިޔުމެއް އޮވެދާނެތާ އެވެ؟ އެކަމަކު ޕީއެސްއެމްގެ ގާނޫނަށް ވުޖޫދުވެގެން އައިސް ގަވަނިން ބޯޑެއް ދައުލަތުގެ މީޑިއާގެ މައްޗަށް އިސްވިފަހުން އިދިކޮޅު ފަރާތްތަކަށް ޓީވީއެމް އިން ފުރުސަތެއް ދިންތަނެއް އަޅުގަނޑު ނުދެކެމެވެ. އެކަމަކު، ރައީސްގެ އަނބިކަބަލުން ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް މުލިއާގޭގައި ބާއްވާ އިވެންޓްތައް ވެސް ހަމަ ވަގުތުން ގެނެސްދީފައި އެބަ ހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެއިރެއްގައި ހުންނަ ރައީސްއަކު ބައިވެރިވާ ސަރުކާރުގެ އިވެންޓްތަކަށް އިސްކަންދިނުމާއި އަދި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަކީ ވެސް ޕީއެސްއެމްގެ ގާނޫނީ ޒިންމާއެއްކަން އަޅުގަނޑު ވެސް ދަންނަމެވެ. އެކަމަކު އޭގެ މާނައަކީ މުޅި އޮންއެއާ ސަރުކާރުގެ ޕްރޮމޯޝަނަށް ހުސްކޮށްލުން ކަމެއް އަޅުގަނޑު ނުދެނެހުރީމެވެ.
މީގެ ކުރިން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން، އެމްބީސީގެ ނަމުގައި ދައުލަތުގެ މީޑިއާ ގާނޫނަކުން އޮޕަރޭޓް ކުރަމުން އައި އިރު ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު އޮތީ މެދުމިނުގަ އެވެ. އިދިކޮޅު ފަރާތްތަކަށް އޮންއެއާއިން އައީ ފުރުސަތުތައް ދެމުން އެވެ. އިދިކޮޅު ހަރަކާތްތަކުގެ ހަބަރުތައް ވެސް އައީ އެންމެ އެދެވޭ ސިފައިގައި ނޫން ނަމަވެސް އެކަށީގެންވާ ގޮތެއްގައި ގެންނަމުން އެވެ. މިހާރު ދައުލަތުގެ މީޑިއާ މި އޮތީ ހައްދު ފަހަނައަޅާ ގޮސްފަ އެވެ. އެއް އަތަކަށް މާބޮޑަށް ބުރަވެ، ހަމަހަމަކަން އެކީ ގެއްލިފަ އެވެ. އިދިކޮޅު ފަރާތްތަކުން އެކަމާ ކެނޑިނޭޅި ޝަކުވާކޮށް ދެފަހަރެއްގެ މަތިން ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުވެސް ކޮށްފި އެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އިދިކޮޅު ފަރާތްތަކަށް ޕީއެސްއެމްގެ ތެރެއިން ފުރުސަތެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް ރައީސް އާއި ފަސްޓްލޭޑީ ބައިވެރިވެ ވަޑައިގަންނަވާ ހަފްލާތައް ކަމަށް ބުނެ ޕީޕިއެމްގެ ކެމްޕޭން ހަފްލާތައް މެދުކެނޑުމެއް ނެތި އައީ ދައްކަމުން އެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޕާޓީގެ މަސައްކަތެއްގެ ގޮތުގައި ބައިވެރިވާ ހަފްލާތައް ގެންނަން ޕީއެސްއެމްގެ ގާނޫނުގައި މަޖުބޫރުކޮށްފައި އޮތް މާއްދާއެއް ހޯދާހޯދާ ވެސް އަޅުގަނޑަކަށް ނުފެނުނެވެ. ފަހަރުގައި އެބޭފުޅުންނަށް އެގޮތަށް ވިސްނެނީ ކަމަށްވެދާނެ އެވެ.
އަމިއްލަ މީހަކު އޮޕަރޭޓް ކުރާ ޓީވީ ސްޓޭޝަނަކުން ވަކި ކޮޅަކަށް ބުރަވާ ގޮތަށް ހަބަރުތައް ގެނެސްދޭތީ އެކަމާ އަޅުގަނޑަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. އެފަދަ ޝަކުވާއެއް ކުރުމަކީ ބޭކާރުވެސް ކަމެކެވެ. ދައުލަތުގެ މީޑިއާ ބޭއިންސާފުގެ އިންތިހާއަށް ގޮސް ހައްދުފަހަނަ އަޅާ ދިޔައިމާ އެކަމާ މެދު ޝަކުވާ ކުރެވެނީ އެއީ އަޅުގަނޑުވެސް ދައްކާ ޓެކްސް ފައިސާއިން އެ ސްޓޭޝަން ހިންގާތީ އެވެ. ޕީއެސްއެމް އޮޕަރޭޓް ކުރަން ހާއްސަ ގާނޫނެއް ހަދާފައި އޮތީ ރައްޔިތުންގެ ޓެކްސް ފައިސާ އެތަނަށް ހަރަދުވަނީ އިންސާފުވެރި ގޮތުގައިތޯ ބަލައި ކަށަވަރު ކުރުމަށެވެ. އެތަން ހިންގުމަށް ތިބި އިސްވެރިންގެ މައްޗަށް ގާނޫނުން އޮތީ އެ ޒިންމާ މަތިކޮށްފަ އެވެ. ރައްޔިތުންނަށް ބޭނުންވާ ހަބަރާއި މައުލޫމާތު ވަކި ކޮޅަކަށް ނުޖެހި ދެ ފުއްފެންނަ ގޮތަށް ގެނެސްދިނުމަކީ އެބޭފުޅުންގެ ޒިންމާ އެކެވެ. އެކަމުން އެބޭފުޅުންނަކަށް ނުރެކެވޭނެ އެވެ. އެކަމަކު ހިތާމައަކީ އުތުރުކޮރެއާގެ ގައުމީ ޓީވީ އެކޭ ތަފާތެއް ނެތި، ހަމައެކަނި ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ތަނަކަށް ގައުމީ ޓީވީ ސްޓޭޝަން ބަދަލުވީމަ އެވެ. ނަޝީދު ސަރުކާރުގައި އެމްބީސީ ހަދައިގެން ކުޅުނުކުޅިގަނޑާ މިއަދުގެ ޓީވީއެމްގެ ހާލަތާ ވަކި ތަފާތެއް ނެތެވެ. އެކަމަކު ހެޔޮވާނީ ކިހިނެތްތޯ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އެތަނަށް ހަރަދު ކުރަނީ މިގޮތަށް މިކަން ކުރަންތޯ އެތަނުގެ އިސްވެރިން އެއްފަހަރު ވެސް ވިސްނާލަ ބައްލަވާށެވެ!