ސްވައިން ފްލޫ

އެއް ބަޔަކަށް މިއީ "ސީޔާސީ" ހުމެއް!

ރާއްޖޭގައި ސިޔާސީ ކުރެވިދާނެ ކަންކަން ވަރަށް ވެސް ގިނަ އެވެ. މިވަގުތު ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެއްގެ ސަބަބުން، ސިޔާސީ ނަޒަރަކުން ނުދެކޭނެ ނޫނީ ފާޑުނުކިޔާނެ ކަމެއް މިހާރަކު މި ގައުމުގަ ނުހިނގަ އެވެ. އަދި ސިޔާސީ ކުލަ ޖައްސައިގެން އެއާ ވިދިގެން ދެން އަންނާނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިހުމާލުވިކަމުގެ ތުހުމަތު ތަކެވެ.

މިހާރު ރާއްޖޭގައި މިވަނީ ބަލިމަޑު ކަމެއް ފެތުރިފަ އެވެ. އެއާ ގުޅިގެން ތުހުމަތުގެ އިނގިލިތައް މިވަނީ ސަރުކާރަށާއި ކަމާ ބެހޭ އިދާރާތަކާއި ދިމާލަށް އެނބުރިފަ އެވެ. އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިއްޔެ ހެނދުނު ކަމާބެހޭ ފަރާތްތަކުން ހިއްސާކުރި މައުލޫމާތުތައް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކޮޅަށް އެނބުރިގެން ދިއުމެވެ. އެޗް1 އެން1 ނުވަތަ ސްވައިން ފްލޫ އިތުރުވެފައިވާ ކަމާއި، އެކަމަކު ބިރުގަންނަންޖެހޭ ހާލަތަކަށް ނުދާކަމަށް ވިދާޅުވުމަށްފަހު، ކުއްލިއަކަށް ސްކޫލްތައް ބަންދުކުރާ ހިސާބަށް ހާލަތު ގޯސްވެގެން ދިޔަކަމެވެ.

މައުލޫމާތު ފޮރުވަން މަސައްކަތް ކުރިކަމާއި، ޖެނުއަރީ މަހުން ފެށިގެން ރޯގާ އިތުރުވާކަން އެނގި ތިބެ، ކަމާބެހޭ ފަރާތްތަކުން އަޅާ ނުލާ ތިބިކަމަށް ބަޔަކު ދެކެ އެވެ. އާންމުންނަށް ދުރާލާ ހަގީގީ މައުލޫމާތު ނުދޭ ކަމަށް ބުނެ ބަޔަކު މި އޮތީ ރުޅިގަދަވެ ފާޑުކިޔުން އޮއްސައިލައިފަ އެވެ.

ނަމަވެސް، ހަގީގަތަކީ މިފަދަ ހުރިހާ މައުމާލާތެއް އާންމުންނަށް އެނގޭކަށް ނުޖެހޭ ކަމެވެ. އޭޑީކޭގެ ޑރ އަބްދުﷲ ނިޔާފް ވިދާޅުވި ފަދައިން މިފަދަ ބަލިމަޑުކަމަކީ ވަކި ލެވެލްތަކެއް ނުވަތަ ދަރަޖަތަކެއް ކަނޑައަޅައިގެން ހައްލުކުރަންޖެހޭ ކަމެކެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ އުސޫލެވެ. ދެމީހަކަށް އެއް ބައްޔެއް ޖެހުމުން، މުޅި ގައުމު ކުއްލި ހާލަތަކަށް ނުގެންނާ އެވެ. ސްކޫލްތައް ބަންދުކޮށް އެންމެން ގޭގެއަށް ވަދެ ދޮރުތައް ތަޅުލާކަށް ނާންގާނެ އެވެ.

މިކަމުގެ މައިގަނޑު އެއް ސަބަބަކީ "މާސް ޕެނިކް" ހުއްޓުވުމެވެ. ބަލިމަޑުކަމަށް ވުރެ ބާރަށް މައުލޫމާތު ފެތުރޭ މިޒަމާނުގައި، ސްވައިން ފްލޫ އޭ ބުނެ، ސްކޫލްތައް ބަންދުކުރުމުން އެންމެން ބިރުން ހޮސްޕިޓަލުތަކަށް ޖަމާވާން ފަށާނެ އެވެ. މީގެ ސަބަބުން ސިއްހީ ވަސީލަތްތައް މަދު ކުޑަ ގައުމެއްގައި، ހަގީގަތުގައި ބަލިވެގެން ދާ މީހާއަށް ފަރުވާނުދެވި އިތުރަށް ވާނީ ލަހެވެ. އެޗް1އެން1 ހުރި މީހަކު މަރުވި އިރުވެސް އޭނާ މަރުވީ އެ ވައިރަހުގައި ކަމެއް ޑޮކްޓަރުން ނަކަށް ނޭނގެ އެވެ. ކުރެވުނު ޝައްކުތަކެއްގެ މައްޗަށް އެތައް ފަހަރަކު އެތައް ޓެސްޓެއް ހަދައިގެން އެކަން ދެނެގަނެވުނީ އެވެ. އެ ހިސާބުން އެ މައުލޫމާތު ވެސް އާންމުންނާ ހިއްސާކުރި އެވެ. ބޮޑެތި ސިއްހީ މައުލޫމާތުތަކަކީ ސިޔާސީ ޕޯޑިއަމްތަކުގައި ޔޯލަ ޔޯލަ ވާހަކަ ދައްކާ ގޮތަށް، ހީވާ ހީވުންތަކެއްގެ މައްޗަށް އާންމު ކުރާނެ ކަންކަމެއް ނޫނެވެ.

ދެން ކުރެވޭ ޝަކުވާއަކީ ހެނދުނު ދެއްކި ވާހަކަ، ރޭގަނޑު ވީއިރު މުޅިން ބަދަލުވި ކަމެވެ. ޑޮކްޓަރުން އެކި ބަލިތައް ދެނެގަންނަނީ ބަލި މީހާގެ މޫނަށް ބަލާފަ އެއް ނޫނެވެ. އެތަކެއް ޓެސްޓްތަކެއް އެތައް ފަހަރކު ހެދުމަށްފަހު ނޫނީ ވަކިކަމެއް ކަށަވަރެއް ނުކުރެ އެވެ. ކަންބޮޑުނުވާށޭ ބުނުމަށްފަހު، ސްކޫލްތައް ބަންދުކޮށް ދަތުރުފަތުރު މަދުކުރަން އެންގީ، މިބުނި ޓެސްޓްތަކަށް ބިނާކޮށެވެ. ހަދަމުން ދިޔަ ޓެސްޓުތައް ރޯގާއަށް ޕޮޒިޓިވް ވި އަދަދު އިތުރުވުމުންނެވެ. ރަށްރަށުން ގެނައި ސާމްޕަލްތަކުން ވެސް ރޯގާ ފެނުމުންނެވެ. އެއާއެކު ފެންނަން ހުރި ހެކިތަކާއި އެކު ހާލަތު ބަދަލުކުރީ އެވެ. ވަގުތު ޖެހުމުން އެ މައުލޫމާތު ވެސް ހާމަކުރީ އެވެ.

ދެން އޮތީ މައުލޫމާތު އޮޅުވާލުމާއި ނޫނީ ހިފެހެއްޓުމާއި، ސައުދީ ރަސްގެފާނުގެ ދަތުރުފުޅާއި ގުޅުވައިގެން ކުރެވޭ ތުހުމަތުތަކެވެ. ސްވައިން ފްލޫ ފެތުރޭކަމަށް ސަރުކާރުން އެއްބަސް ވެއްޖެނަމަ، ރަސްގެފާނު ދަތުރުފުޅު ކެންސަލް ކުރައްވަފާނެތީ، ބަލިމަޑުކަމަކަށް ރައްޔިތުން ގުރުބާންކޮށްލީއޭ ބުނާ ބުނުމެވެ. މިއީ ވެސް ތާކުންތާކު ޖެހޭ ވާހަކަ އެއް ނޫން ކަން، ކުޑަކޮށް ވެސް ވިސްނާލައިފިނަމަ އެނގޭނެ އެވެ. އެއްވެސް ސަރުކާރަކުން އެކުވެރި ގައުމެއްގެ ވެރިއަކު ރާއްޖޭއަށް ވަޑައިގެން، ބައްޔެއް ހިތްޕަވައިގެން އެނބުރި ވަޑައިގަންނަވާކަން ފުރުސަތެއް ނުދޭނެ އެވެ. ދައުލަތުގެ ވެރިއަކަށް ރޯގާ އަކުން މަރުހަބާ ކިޔަން ޖާގައެއް ނުދޭނެ އެވެ. އަދި މިފަދަ މައުލޫމާތު ހާމަކުރުމަކީ ބައިނަލްއަގުވާމީ ޕްރޮޓޮކޯލްގެ ވެސް އުސޫލެވެ. ސެކިޔުރިޓީ ހާލަތާއެކު ހިއްސާ ކުރަންޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތަކީ ސައުދީ ސަރުކާރުންވެސް ހޯދާނެ މައުލޫމާތެވެ. ދިވެހި ސަރުކާރަކަށް ބަލިމަޑުކަމެއްގެ މައުލޫމާތެއް ފޮރުވައިގެން ނޫޅެވޭނެ އެވެ. އެއީ ޔަގީން ކުރެވޭ ކަމެކެވެ. އެހެން ވީމާ ސަރުކާރުން ސައުދީގެ ރަސްގެފާނުގެ ޕްރޮޓޮކޯލްއަށް މައުލޫމާތުތަކެއް ސިއްރު ކުރަން އުޅުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ އެވެ.

އެކަމަކު ރާއްޖޭގައި ކޮންމެ ކަމެއް ސިޔާސީ ވާނެތާ އެވެ. އެންމެ ކުޑަމިނުން ދާދި ފަހުން މީސަލްސް ނައްތާލުމަށް ފެށި ކެމްޕޭނުގެ ދަށުން އާންމުންނަށް ދެމުންދިޔަ ވެކްސިންއާ ވެސް މިވަނީ އެޗް1 އެން1 ގުޅުވާފަ އެވެ. އެކަމަކު އެކަން ގުޅުވޭނެ އެއްވެސް ގޮތެއް ނެތެވެ. ރޭގެ ޕްރެސްގައި ވެސް ޑރ. ނިޔާފު އެވާހަކަ ސާފުކޮށް ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިންގެ "ލިމިޓެޑް" ސްޓޮކެއް ހުރި ކަމަށް ބުނެ ފާޑު ކިޔާ މީހުން ވެސް ސޯޝަލް މީޑިއާގައި އެބަ ތިއްބެވެ. މައްސަލައިގެ އަސްލަށް ބަލާއިރު ފްލޫގެ ވެކްސިން އަކީ އޭގެ އުމުރު ވަރަށް ކުރު ވެކްސިންއެކެވެ. އެހެން ކަމުން ރާއްޖެއަށް ވެސް އެ ވެކްސިން ގެންނަނީ ކޮންމެ ހަ މަހަކުން އެއްފަހަރު އެވެ. ހާއްސަގޮތެއްގައި ހައްޖާއި އުމްރާއިން މީހުން އަންނަ ދުވަސްވަރާ ދިމާކޮށް މި ވެކްސިން ގެނެ އެވެ. ފްލޫގެ ވެކްސިން އަކީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ބައެއް އުފެއްދުންތައް ގުދަން ކުރާ އުސޫލުން މާ ބޮޑެތި ސްޓޮކްތައް ބަހައްޓާ އެއްޗެއް ނޫނެވެ.

ބަލިމަޑުކަމެއް ފެތުރުމަކީ ކޮންމެ ގައުމެއްގައި ކޮންމެ ސަރުކާރެއް އޮތަސް ނުރައްކާތެރި ކަމެކެވެ. ކަންބޮޑުވާންޖެހޭ ވެސް ކަމެކެވެ. މިއީ އިންސާނީ ވަންތަކަމާއި އެ މީހުންގެ ފުރާނައާ ގުޅުން އޮތް މައްސަލަ އެކެވެ. އެހެން ކަމުން ސިޔާސީ ކަމަކަށް ހަދައިގެން، އިހުމާލުވީ ކޮން ފަރާތެއްތޯ ހޯދަންވީ ހަމަ މިވަގުތު ހެއްޔެވެ؟ ނޫނީ މިދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދީ، އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންގެ މެދުގައި ފެތުރުން ނޫން ހެއްޔެވެ؟ އެކަމަށް މުޖުތަަމައު ހޭލުންތެރިކުރަން އެ މީހަކު އަމިއްލައަށް ވެސް މަސައްކަތް ކުރުމަކީ އެކަން ކުރަން ޖެހޭނެ ގޮތެވެ. އާ އެކެވެ. ކޮންމެ ކަމެއް ވެސް ސިޔާސީ ކުރެވިދާނެ އެވެ. އެކަމަކު މައްސަލައިގެ ބާވަތާއި މުޅި މުޖުތަމައާއި އިންސާނީ ވަންތަކަމަށް ބަލައިގެން ސިޔާސީ ނުކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ އެވެ. ރައްޔިތުންގެ ކެކުޅުމާއި ވޭނަކީ ސިޔާސީ މީހުންގެ ހަތިޔާރަކަށް އަބަދުމެ ހަދާ ނަމަ މައްސަލަތަކަށް ހައްލެއް ނުލިބޭނެ އެވެ.