ރިޕޯޓް

ކޮލަމް ފޮޅުވަތް: ހިޔަޅަށް ހުތްވީ މޭބިސްކަދުރު، ރައީސްއަށް ގޯސްވީ އޮނިގަނޑު!

Jul 29, 2017
38

މިނިވަން ދުވަހު ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވި އެންމެ މުހިންމު ވާހަކައަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮތީ، ގައުމުގެ ހިންގުން ހުއްޓި މަރުތަޅުއެޅުވިދާނެ ގޮތަކަށް ކަމަށެވެ. ހަގީގަތުގައި ވެސް އެމަނިކުފާނު އެ ވިދާޅުވީ ވަރަށް މުހިންމު އެހާމެ ނުރައްކާ ވެސް ވާހަކަ އެކެވެ. ގައުމުގެ ވަލިއްޔުލްއަމުރަށް އެ އުޅުއްވަނީ މި ނިޒާމުގެ ތެރޭގައި ގައުމު ނުހިންގި ތާށިވެ ވަޑައިގެން އެވެ. ހުލާސާކޮށްފައި ބުނާނަމަ އެމަނިކުފާނު އެކަނިވެ މުޅި ނިޒާމު އެމަނިކުފާނާ ދެކޮޅަށް ތެދުވީ އެވެ. އެހެން ވެއްޖިއްޔާ މިއީ ނިޒާމުގެ މައްސަލައެއް ހެއްޔެވެ؟ މިއީ ހަމަ ހަގީގަތުގައި ވެސް އެތައް ރައްޔިތުން މިއަދު އުފައްދަންވީ އެންމެ ބޮޑު ސުވާލެވެ. ނޫނީ ރައީސް ޔާމީންއަށް ޖެހިވަޑައިގެންފައި މި އޮތީ މޭބިސްކަދުރު ނުކެވުނު ހިޔަޅަށް ޖެހުނު ހާލު ހެއްޔެވެ؟ ހިޔަޅަށް ވެސް މޭބިސްކަދުރު ނެކުވުމުން އެއަށް މޭބިސްކަދުރުވީ އެހާމެ ހުތް އެއްޗަކަށެވެ.

ރައީސް ޔާމީންގެ ތަގުރީރުގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮތަސް ނެތަސް ގައުމުގެ ވަލިއްޔުލްއަމުރުގެ މަގާމުގައި މީހަކު ހުންނަން ޖެހެ އެވެ. އެވާހަކަ އަޅުގަނޑަށް މޭރުންވީ އެމަގާމުގައި ހުންނަން ޖެހޭ މީހަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވަނީ އެވެ. އެހެންވެ، އެމަނިކުފާނު މި ނިކުންނެވީ މުޅި ނިޒާމާ ދެކޮޅު ހަނގުރާމަ އަކަށެވެ. މަގާމުގެ ދިފާއުގައި މިނިވަން މުއައްސަސާތައް ގުރުބާން ކުރުމަށް އެމަނިކުފާނު ފަސް ނުޖެހޭނެ ކަން މި އޮތީ ނުސީދާކޮށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގައުމަށްޓަކައި ކަމަށް ވިދާޅުވެ ކުރައްވާ ހަނގުރާމައިގައި އެއްވެސް ލަދެއް ހަޔާތެއް ނެތި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ފިސާރި ރަނގަޅަށް އެބަ ބޭނުން ކުރައްވަ އެވެ.

ރައްޔިތުން މަޖިލީހުގައި އެމަނިކުފާނަށް އޮތް މެޖޯރިޓީ ބީވެގެން ދިޔަ ހިސާބުން ރައީސް ޔާމީން އެކަމަށް ނެރުއްވި ހައްލަކީ ގައުމުގެ ސުޕްރީމް ކޯޓްގެ ބޭނުން ހިތްޕަވައިގެން މަޖިލިސް ސައިޒް ކުރުމެވެ. އެކަމަކު ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ހައްލަކީ މިއެއް ނޫނެވެ. އަދި މިއީ ބަރުލަމާނީ ނިޒާމަކަށް ނުވާތީ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ނެތުމަކީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅޭނެ ސަބަބެއް ވެސް ނޫނެވެ. އެހެން ވެއްޖިއްޔާ އެމަނިކުފާނު މިވަރަށް ތެޅި ފޮޅެން ޖެހޭ ހެއްޔެވެ. ރައީސް ޔާމީން ވެރިކަމުގައި ނެތަސް ހުއްޓަސް ރާއްޖޭގެ ވަލިއްޔުލްއަމުރުމުގެ މަގާމު ފުރާނެ ފަރާތެއް ކަނޑައަޅާނެ އިޖުރާއަތު، ނޫނީ ކޮންޓިއުނިޓީ އޮފް ގަވަނެންސް ގާނޫނު އަސާސީގައި ވަނީ ލިޔެފަ އެވެ. ރައީސް ކަމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން ފައިބަން ޖެހިއްޖެ ނަމަ އެ މަގާމަށް އިސްވާނީ ނައިބު ރައީސް އެވެ. ނައިބު ރައީސް ނެތް ނަމަ، ރައްޔިތުން މަޖިލީހުގެ ރައީސް އެވެ. އެހެން ވީމާ، ފެހި ގާނޫނު އަސާސީ އިން ދައްކައިދޭ ދުސްތޫރީ ނިޒާމު މި އޮތީ މަރުތަޅު އެޅުވޭނެ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ބާރުތައް ދެމިގެންދާނެ ވަރުގަދަ އިޖުރާއަތްތަކެއް ގާނޫނީ އަސާސީގެ ތެރެއިން އޮތީ އުފަން ކުރުވައިފަ އެވެ. އެހެން ވީމާ ވަލިއްޔުލްއަމުރުގެ މަގާމު ފުރާނެ މީހަކު ނެތިދާނެތީ އެކަމާ ހާސްވާކަށް ހަމަ އެކަކުވެސް ނުޖެހެ އެވެ.

ސިޔާސީ ޕާޓީ ބަދަލު ކުރުމަކުން މަޖިލީހުގެ މެންބަރެއްގެ ގޮޑި ނުގެއްލޭނެކަން ގާނޫނު އަސާސީގައި ސާފުކޮށް އެނގެން އޮތް އިރު، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ސާފު ބަހުން ލިޔެފައި ވަނިކޮށް ބަންޑާރަ ނައިބު މެދުވެރި ކުރައްވައިގެން ތުސްދޫރީ މައްސަލައަކަށް ވެސް ނުވާ މައްސަލައެއް އެ ކޯޓަށް ވައްދައިގެން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުމާ އެކު ހަގީގަތުގައި މުޅި ނިޒާމު "ވާނުވާއެއްގެ" ތެރެއަށް ވެއްޓުނީ އެވެ. އެބަޔަކަށް ހުކުމް ތަރުޖަމާ ކުރެވުނު ގޮތަކަށް ކޮށްގެން ހިތުހުރި ގޮތަކަށް ކަންކަން ކުރަނީ އެވެ.

ޕީޕީއެމް އިން ދުއްވައި ގަތީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއިކުރި ހުރިހާ މެންބަރުން ޕާޓީ އިން ނެރެ އެ މީހުންގެ ގޮޑި ގެއްލުވާލާށެވެ. އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަން ވެސް މަތިން ބައިން ޖެހި، އަމިއްލައަތަށް ހުކުމް ނަގައިގެން މަޖިލީހުގެ މެންބަރުންތަކެއް މެންބަރުން ނޫން ކަމަށް ނިންމީ އެވެ. މިހާ ހިސާބުން ދައުލަތް އޭގެ މައްޗަށް ބިނާވެފައި މި އޮތް ގާނޫނު ހެދުމުގެ ބާރު ބޮޑު މައްސަލަގަނޑަކަށް ދޫވެގެން ދިޔައީ އެވެ. ނަތީޖާއަކަށްވީ މެންބަރުން އެ މީހުންގެ ގޮނޑި ގެއްލުނު ކަމާ މެދު ސުވާލު އުފައްދައި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމެވެ. އެ ކޯޓުން ވެސް އެއީ މައްސަލައެއް ކަމަށް އެ އޮތީ ބަލައިގެންފަ އެވެ. މިއީ ހަމަ ސީދާ ގަސްތުގައި ދުސްތޫރުގައި މަރު ތަޅު އެޅުވުމަށް ހިންގި ޖަރީމާއެއް ނޫންބާ އެވެ؟ މިއީ ސަރުކާރުގެ އިސް މެންބަރުން ވިދާޅުވާ ގޮތަށް ގޭމް ޕްލޭން ހެއްޔެވެ؟ މި ގޭމްޕްލޭނަކާ ހެދި އެތައް ހާސް ރައްޔިތުންނެއް ފަސް އަހަރުގެ ޓާމަކަށް އިންތިހާބު ކުރި މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލި އެހެންވެސް ބޮޑެތި މައްސަލަތަކެއް އުފެދުނީ އެވެ. ގަސްތުގައި އެމަނިކުފާނު މި ނިޒާމް މަރުތަޅެއް އެޅުއްވީ ކަމަށް ނުބުނަންވީ ސަބަބެއް ނެތެވެ.

މަޖިލީހުގައި އޮތް އެމަނިކުފާނުގެ ވަރުގަދަ މެޖޯރިޓީ ދޫވި ހިސާބުން ދުސްތޫރީ މައްސަލަތައް އެމަނިކުފާނަށް ފާހަގަވީ ހަމަ އިއްތިފާގަކުން ހެއްޔެވެ؟ މީގެ ކުރިން އެމަނިކުފާނަށް ދުސްތޫރީ މައްސަލައެއް ފާހަގައެއް ނުވެއެވެ. އަޅުގަނޑުގެ ހަނދާން ބަލި ނޫން ނަމަ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ޖަލްސާއެއްގައި ކަލާފާނު ސްކޫލްގައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ ރާއްޖޭގެ މި ނިޒާމު ވަރަށް ފުރިހަމަ ކަމަށާއި ބޭނުންވަނީ މުއައްސަސާތަކަށް މިނިވަންކަންދީ މި ނިޒާމް ހިންގަން އެނގޭ މީހަކު ކަމަށެވެ. އެރޭގެ ޖަލްސާއަށް ފަހު އެމަނިކުފާނު އަޅުގަނޑަށް ދިގު އިންޓަވިއުއެއް ވެސް ދެއްވި އެވެ. ވިދާޅުވީ އެމަނިކުފާނަށް މި ނިޒާމު ހިންގަން އެނގިވަޑައިގަންނަވާ ކަމަށާއި މުއައްސަސާތަކަށް ނުފޫޒެއް ނުފޯރުއްވާނެ ކަމަށް ވައުދުވާ ކަމަށެވެ. އެކަމަކު ކަން މިވަނީ އެހެން ހެއްޔެވެ؟

ރައްޔިތުން މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލަ ވެސް މަޖިލީހުގެ ނައިބު ރައީސް ނިންމަވައިގެން ބާތިލްކުރެއްވީ އެވެ. މި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް މެންބަރުން ވަޑައިގަތުމަށް ހުރަސް އެޅުމަށް ސީދާ މަޖިލީހުގެ ތެރެއަށް ފުލުހުން ވެސް ރަޔަޓް ގިޔަރުގައި ވެއްދީ އެވެ. އަދި ރަޔަޓް ސިފައިން ވެސް ވައްދައި މުޅި މަޖިލިސް އޮތީ އަދިވެސް ފާޑެއްގެ ހިސޯރެއްގެ ތެރޭގަ އެވެ. ހުރިހާ ކަމެއް ކުރީ ސިފައިންނޭ ވިދާޅުވެ ރައީސް އޮފީހުން ބަޔާން ނެރުނަސް ފުލުހުން ބުނަނީ މަޖިލިސް ބަންދު ކުރީ ސަރުކާރުން އަންގައިގެން ކަމަށެވެ. އެހެން ވީމާ، މަޖިލީހުގެ ތެރެއަށް ރަޔަޓް ފުލުހުންނާއި ސިފައިންގެ ފައުޖުތައް ގިނަ އަދަދަކަށް ވައްދައި ހުތުރު ގޮތަކަށް މެންބަރުން ބޭރު ކުރީ ކާކު އޯޑަރަކަށް ހެއްޔެވެ؟ ސިޔާސީ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ނުކުރާ ކޮންމެ ގާޒީ އަކު އެ ހުކުމެއް އިއްވާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސައިޒްކޮށް ކޮންމެވެސް އެހެން ދަށު ކޯޓަކަށް ބަދަލުކޮށްލަނީ ނުފޫޒެއް ހަމަ ނެތި ހެއްޔެވެ؟ ސަރުކާރާ ދެކޮޅަށް ޕޯޑިއަމްއެއްގައި އެއްޗެއް ކިޔާ ކޮންމެ މީހަކީ ކޮންމެވެސް ތުހުމަތެއް އޭނާގެ ބޮލުގައި އަޅުވައި ޖިނާއީ ދައުވާއެއް ކުރަނީ ވެސް، މިއީ ވެސް ހަމަ އިއްތިފާގު ހެއްޔެވެ؟

އަޅުގަނޑަށް ހީވާ ގޮތުގައި ހަގީގަތުގައި ދިމާވެގެން މި އުޅޭ މައްސަލައަކީ ނިޒާމު ގޯސްވުމެއް ނޫނެވެ. ހުރިހާ ބާރަކަށް އަތްފޯރުވައި މުޅި ނިޒާމަކީ ހިތުހުރި ގޮތެއް ހަދަން އޮންނަ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ވިސްނުމެއް މާބޮޑަށް ގެންގުޅުއްވަނީ އެވެ. އެއްބާރު އަނެއް ބާރަށް ފާރަވެރި ވުމަކީ ތިމާ ނިކަމެތިވެދާނެ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވެނީ އެވެ. އޭރުން ނިޒާމް ފެންނާނީ ބިރުވެރި އެއްޗެއްގެ ގޮތުގަ އެވެ. އޭރުން މި ކުރެވޭހާ ވެސް މަސައްކަތަކީ އަމިއްލަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ސިފައިންނާއި ފުލުހުން އަދި އެހެން ވެސް މިނިވަން މުއައްސަސާތައް ބޭނުން ކުރެއްވުމެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދުމާއި އެހެން ވެސް ސިޔާސީ މަސައްކަތްތައް ކުރަން ޖެހޭ ބަޔަކަށް މި ވަނީ މިހެން ހުރި ނަޒާހަތްތެރި މުއައްސަސާތަކެވެ. އެ މުއައްސަސާތައް ގުރުބާން ކުރެއްވުމެވެ. އެހެން ވީމާ ރައީސް ޔާމީންއަށް މި ނިޒާމް މިފެންނަނީ މަރުތަޅެއްގެ ގޮތުގަ އެވެ. އެކަމަކު ހަގީގަތަކީ އެމަނިކުފާނަށް މި ނިޒާމުގައި ވެރިކަން ކުރައްވަން ނޭޭނގުމެވެ. އެމަނިކުފާނުގެ އެ ގާބިލްކަން ނެތީ އެވެ.