ކޮލަމް

ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ފަތުރާ ޕްރޮޕެގެންޑާ!

Mar 12, 2017
15

އިގިރޭސިވިލާތުގެ ދަ ޓެލެގްރާފް ނޫހުގައި މިމަހުގެ ހަވަނަ ދުވަހު ޝާއިއުކުރި އާޓިކަލެއްގައި ލިޔެފައި އޮތެވެ. ހަރުކަށި އިސްލާމްއާއި ސައޫދީ ފައިސާ އިންޑިޔާކަޑަށާއި އޭޝިޔާއަށް ފެތުރެނީއެވެ. މިވާހަކަ ލިޔެފައިވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އޭޝިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފޮޓޯއެއް ޖަހައި އެދަތުރުފުޅަށް އަމާޒުކޮށެވެ. ސައޫދީ ރަސްގެފާނު އޭޝިޔާއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް އިގިރޭސި ނޫސްތަކާއި އިންޑިޔާގެ ބައެއް ނޫސްތަކުން ސައޫދީ އަރަބިއްޔާއާއި ގުޅުވައިގެން މީހުންގެ ހިތުގައި ނަފްރަތު އުފެދޭފަދަ ވާހަކަތައް ފަތުރަމުންދަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އިސްލާމް ދީނާއިމެދު އޮންނަ ނަފްރަތެވެ.

ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ގަބުރުފުޅު އެހެންތަނަކަށް ބަދަލުކުރަން ސައޫދީ ސަރުކާރުން ސިއްރު ޕްލޭންތަކެއް ރާވައިފިކަމަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އިގިރޭސި ޑެއިލީ މެއިލްގައި ލިޔުމުގެ ބޭނުމަކީވެސް މިދެންނެވިހެން މުސްލިމުންގެ ހިތުގައި ޝައްކާއި ރުޅިވެރިކަން އުފެއްދުމެވެ. އިގިރޭސި ދަ އިންޑިޕެންޑެންޓުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8 ވަނަ ދުވަހު ލިޔެފައިވަނީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި މީހަކީ ސައޫދީ ކްރައުންސް ޕްރިންސް މުހައްމަދެވެ. ޖެނުއަރީ 22 ވަނަ ދުވަހު ލިޔުނީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި މީހަކީ ރަސްގެފާނު ސަލްމާންއެވެ. އަނެއްކާ އެޕްރީލް މަހުވެސް ކްރައުންސް ޕްރިންސް މުހައްމަދަށް އިގިރޭސި މިނޫހުން މިލަގަބު ދިނެވެ. އެއީ ކީއްވެ ހެއްޔެވެ. ހުޅަގުގެ ވަކިތަކުން ސައޫދީ އަރަބިއްޔާ މިނިވަންކުރުމަށް ތެލަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދީ ބަދަލުކޮށްލުމުގެ ތަސައްވުރު އެކުލަވައިލި މޭސްތިރިއަކީ މުހައްމަދެވެ. އީރާންގެ ޝިއައީ ފޯސްތަކުން ސައޫދީ އަރަބިއްޔާ ވަށާލުމުން އަހުލީ ހަގުރާމައެއްގެތެރެއަށް އެގައުމު ވެށްޓުނަނުދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިން ހިއްވަރުގަދަ ޒުވާނާއަކީ މުހައްމަދެވެ. މުސްލިމް ސައޫދީ އަރަބިއްޔާގެ ބުރުސޫރަ ހަޑިކުރުމަށްޓަކައި އިގިރޭސި ނޫސްތަކުން ނުކުރާކަމެއް ނެތެވެ. ކަނޑިބަޑިއާއި ހަގުރާމައިގެ ލަޝްކަރުތަކާއި ނުލައި އިސްލާމްދީން އައިސް ޔޫރަޕް އަތުލަނީއޭ، ފަތަހަކުރަނީއޭ ކިޔައި ލިޔެހަދާ އާޓިކަލްތަކަށްބަލާއިރު، އެއީ ހައިރާންވާންޖެހޭކަމެއްވެސް ނޫނެވެ. އެކަމަކު އަޅުގަޑުމެންގެ ހިތުގައި ނުތަނަވަސްކަން އުފެދެނީ އިގިރޭސިންގެ މިނުބައި ޕްރޮޕެގެންޑާ ހިފައިގެން ދިވެހިންގެ ބަޔަކު ނުކުމެގެން އުޅޭތީއެވެ. އެކަމުގައި އެންމެ ކުރީގައި އުޅުއްވާތަން ފެންނަނީ އަޅުގަޑުމެންގެ ގައުމުގެ އެންމެ އިސްމަގާމު ފުރުއްވައި އިގިރޭސިންގެ ހިމާޔަތާއި ރައްކާތެރިކަން ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.

ރާއްޖެ ބަދުނާމްކުރުން

މުހައްމަދު ނަޝީދުގެ ސިޔާސީ ފިކުރަކަށް ލޯބިޖެހިފައިވާ ބޭފުޅުން ވިދާޅުވަނީ ރާއްޖޭގައި ދީނީ ހަރުކަށި މީހުން ގިނަވަނީ ސައޫދީ އަރަބިއްޔާގެ ސަބަބުން ކަމަށެވެ. މަދީނާ ޔުނިވަރސިޓީން ތައުލީމް ހާސިލު ކުރައްވައިގެން ރާއްޖެއަންނަ ޒުވާނުންނަކީ ވައްހާބީންނެވެ. ދީނީ ހަރުކަށި ވިސްނުމުގެ މީހުންނެވެ. ދުނިޔޭގެ އެކިގައުމުތަކުގައި ހިގާ ޓެރަރިސްޓް ހަރަކާތްތަކުގައި ދިވެއްސަކު ބައިވެރިވެފައިވާނަމަ އެއީ ސައޫދީ އަރަބިއްޔާގެ ސަބަބުން އުފެދިފައި ތިބި މީހުންނެވެ. މިތަސައްވުރު ދިވެހި ގައުމަށް ފެތުރުމަށްޓަކައި ބޭރުގެ އެކި ޖަމާއަތްތަކުން ފައިސާދީގެން މިދެންނެވި ދިވެހިން ބައިވެރިވެގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ރިޕޯޓްތައް ހަދައިދެއެވެ. ޖަރުމަންގެ އޭއާރްޑީ ޓީވީން 2015 ވަނަ އަހަރުގެ ޑިސެމްބަރމަހުގެތެރޭގައި ބަޔަކު ފޮނުވައިގެން އުޅުނީވެސް އެކަން ކުރާށެވެ. ދިއްލީގައި ހުރެގެން އިންޑިޔާގެ ޕްރޮޑިއުސަރެއްކަމަށްވާ ސަންޖޭ ކުމާރު މާލޭގައި ހުރި ތައްޔިބު ޝަހީމް ކިޔާ، ސިޔާސީ ވަކި ފިކުރެއްގެ ވަށައިގެން އެބުރޭ ދިވެއްސަކާއި ގުޅިގެން ރާވައިހެދުމަށްފަހު، މާލެއައިސް އިބްރާހީ މިސްކިތަށް ވަދެ މީހުން ނަމާދުކުރާތަނާއި ﷲ އަކުބަރް ކިޔާ އަޑު ވީޑިއޯކޮށް، ރާއްޖޭގެ ކަމާއިބެހޭ ފަރާތުން ނަގަންޖެހޭ އެއްވެސް ހުއްދައެއްނުނަގައި، ކުއްލިގޮތަކަށް އަރިއަތޮޅު ހިމަންދޫއަށް އަރައި އެރަށުގައި މޫނު ބުރުގާ އަޅައިގެން ތިބި މީހުން ވީޑިއޯކޮށް ސީރިޔާގައި ހިގާ ހަގުރާމައާއި ގުޅޭގޮތުން މީހުންގެ ކުރެން ވަކި ޖަވާބެއް ހޯދުމަށް ސުވާލުކޮށް، އެރަށު ރައްޔިތުން އެމީހުން ފައްސާލީމާ މާލެއައިސް އެމީހުންނަށް ބައިއަތު ހިފި ވަކި ބަޔަކު ސަލްޓަންޕާކަށް އެއްކޮށް، ''ޕެރަޑައިޒްގައި ޓެރަރިސްޓުން'' ނޭ ކިޔައި ދިވެހި ރާއްޖެ މުޅިން އެހެން ރާއްޖެއެއްގެގޮތަށް ސިފަކުރުމަށް އުޅުނީ ވަރަށް މަކަރުވެރި ގޮތަކަށެވެ. މޯލްޑިވިއަން އިންޑިޕެންޑްކިޔާ އިންޓަނެޓް ވެބްސައިޓެއްގައި ލިޔެފައި އޮތީ މިމީހުންނަށް ވާގިވެރިވި ތައްޔިބު ޝަހީމްކިޔާ މީހާ ފުލުސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަޅުގަޑަކަށް އެއީ ކާކުކަމެއް ނޭގުނެވެ. ބިދޭސީމީހުން ޑިޕޯޓްކުރަން ގެންދިއުމުން ސަންޖޭކުމާރު އިމިގްރޭޝަން އޮފިޝަލުންނާއި ޒުވާބުކުރަމުން ބުނެފައިވަނީ އޭނާއަކީ އަފްޣާނިސްތާނުގައި ދިހަ އަހަރު ހުރެ ތަޖުރިބާ ހޯދާފައިވާ މީހެއްކަމަށާއި ސައޫދީ އަރަބިއްޔާއިން ކިޔަވައިގެން އައިސްތިބި ދިވެހިން ހައްދުފަހަނައަޅާފައި ތިބި ޖަމާއަތްތަކާއި ގުޅިގެން ނޫޅޭކަން އޭނާއަށް އެގޭކަމަށާއި އެހެންވިޔަސް ސައޫދީ އަރަބިއްޔާއިން ކިޔަވާ މީހުންނާއި ގުޅުވައިގެން އެމީހުން ފަތުރަން ބޭނުންވާ އެއްޗެއް އެމީހުން ފަތުރާނެކަމަށެވެ. ދިވެހި ރާއްޖެއާއިގުޅޭގޮތުން އިންޑިޔާއާއި އިގިރޭސި ނޫސްތައް ސާޗުކޮށްގެން ބަލައިފިނަމަ ދިވެހި ރާއްޖެއާއި ޓެރަރިޒަމާއި ނުވަތަ ހައްދުފަހަނައަޅައިދިއުމާއި ނުގުޅުވައި ލިޔެފައިވާ ސްޓޯރީއެއް މަދުވާނެއެވެ. މަދީނާ ޔުނިވަރސިޓީދެކެ އަންނަނީ އަދި މާވަރުގަދަ ރުޅިއެކެވެ. ރާއްޖޭގެ ކުރީގެ ރައީސް ވެސް ބައިނަލް އަގުވާމީ މުޖްތަމައަށް ދިވެހި ރާއްޖޭގެ ވާހަކައެއް ވިދާޅުވެއްޖެނަމަ ހަމަ މިފާޑުގެ ޕްރޮޕެގެންޑާވާހަކަތަކުން ދިވެހި ރާއްޖެ ބަދުނާމުވާގޮތަށް ސިފަނުކުރައްވާ ފަހަރެއް މަދުވާނެއެވެ. ޓެރަރިސްޓުން ނެތް، ހައްދުފަހަނައަޅައިގޮސްފައި ތިބި މީހުން ނެތްގައުމެއް މި އުޑުދަށުގައި އެބަ އޮތްތޯއެވެ. ޑިމޮކްރަސީގެ އެންމެ އަރާތިބި މުއްސަދިގައުމުތަކުގައިވެސް އެކަން އޮތީ އެގޮތަށެވެ. އެކަމަކު އެގައުމުތަކުގެ ވެރިން ނުވަތަ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެފަދައިން އަމިއްލަ ގައުމުގެ ބުރުސޫރަ ހަޑިކުރައްވަން އުޅުއްވާތޯއެވެ.

ގައުމީ މަސްލަހަތޭ ކިޔަނީ ކީއްވެ؟

ދިވެހިން ހީކުރީ އިގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް މުހައްމަދު ނަޝީދު ފ އަތޮޅަށް އަންނަ ބިޔަ ތަރައްގީގެ މަޝްރޫއާއި ދެކޮޅު ހައްދަވަނީ ނަސާރާ ޔޫރަޕްގެ ގައުތަކުގެ ހައްދުފަހަނައަޅާފައި ތިބި މީހުން ސައޫދީ އަރައްބިއްޔާ ސިފަކުރާ ފަދަ ތަނަކަށް ދިވެހި ރާއްޖެވެދާނެތީ އެކަމާއި ހިއްޕުޅަށް އަސަރުކުރައްވައިގެން ކަމަށެވެ. އެހެންނަމަވެސް އެންމެފަހުން ކްލައިމެޓް ހޯމްކިޔާ ވެބްސައިޓަކަށް ދެއްވާފައި އޮތް އިންޓަވިއުއެއްގައި ދައްކަވާފައިވާ ވާހަކަތަކުން އެމަނިކުފާނު ކޯފާ އިސްކުރައްވަނީ ކޮންމެހެން އެހެންވެގެން ނޫންކަން އެގެއެވެ. ސައޫދީ އަރަބިއްޔާގެ ބޭހެއް ރާއްޖޭގައި ހަދާފާނެތީކަމަށް ވިދާޅުވެފައިވެއެވެ. އެއީވެސް އަސްކަރީ ބޭހެއް ނޫނެވެ. ވިޔަފާރި ކުރިއަރުވާ ބޭހެކެވެ. އެބޭސް ހަދައިފިއްޔާ ސައޫދީ އަރަބިއްޔާގެ ޓައުނަކަށް ދިވެހިރާއްޖެ ވެދާނެޔޯލަ އެވެ. ސައޫދީގެ ނުފޫޒު ރާއްޖެއަށް ފޯރާނެއެވެ. 99 އަހަރަށްވެސް ސައުދީ އަރަބިއްޔާއަށް ވެއްޖިއްޔާ ރާއްޖެއިން ބިމެއް ދީގެން ނުވާނެއެވެ. އަދި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި ވާވައްދަން މުޅިއަތޮޅު ވިއްކާލަނީއޭ ވެސް ކިޔައެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދުގެ އަމަލުފުޅުތަކާއިމެދު ފުންކޮށް ވިސްނަވައިލައްވަ ބައްލަވާށެވެ. ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަންމަނިކުގެ ބައޮގްރަފީ ކީމާ އަޅުގަޑުމެންނަށް އެގުނީ އަވަށްޓެރި ބޮޑު ގައުމެއްގެ ބޮޑުވަޒީރަކު ރާއްޖެގެންނަވައި، އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެފަދަ އެއްވެސްކަމެއް ދިވެހި ރާއްޖެއިން ނުކުރާނެކަމަށް އެއްބަސްވެ، އިގްރާރުވެ، ރައީސް ނަޝީދު އެމަނިކުފާނުގެ ގަލަންކޮޅުން އެއެއްބަސްވުމުގައި ސޮއިކުރައްވައި ހައްދަވާފައި، ދިވެހި ރައްޔިތުންނަށް އެކަން އެގިދާނެތީ، އޮއްބާލެއްވުމަށްޓަކައި ވިދާޅުވީ، ދިވެހި ރާއްޖެއާއި މަލިކާއި ދެމެދު ފެރީދަތުރު ފެށެން އުޅެނީކަމަށެވެ. ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް އިގިރޭސިވިލާތް ވައްދަންޖެހުނީމާ އިގިރޭސި ބޮޑުވަޒީރުގެ އަރިހަށްގޮސް އާދޭސްކުރެވެއެވެ. އެހެންވީމާ ގައުމުގެ މަސްލަހަތޭ، ދިވެހި ގައުމުގެ ސިޔާދަތޭ، ގައުމުދެކެ ލޯބިވަމޭ، ދިވެހި ރައްޔިތުންގެ ހައްގޭ ކިޔައި، ފޯރިއާއި ޖޯޝާއެކު ވާހަކަދައްކަވައި ހައްދަވަނީ ކީއްވެގެންކަން ދިވެހި ރައްޔިތުންނަށް މިހާރު އެބަވިސްނެއެވެ. ދިވެހި ރާއްޖޭގެ ރަށްރަށް ކުރިއަރައި ތަރައްގީވެ، ދިވެހިންގެ ތަނަވަސްކަމާއި، ތިޔާގިކަމާއި އުފާފަގަތިކަން ކުރިއަރައިދާން ހިތްޕުޅުގެ އަޑިން ނޭދެވެނީއެވެ. ސައޫދީ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރިޔަ ނުދޭންވެގެން ފޫގަޅައިގެން މުޒާހަރާކުރަން މީހުން ނެރެން ރާވާއިރު، އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް ދިން ރާއްޖޭގެ މައި އެއާޕޯޓް ފަހުން އައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އަލުން އަތުލުމުން ދިވެހި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އަޔަނުދޭން ހުރަސްއަޅަނީކަމަށް އޭރު ދެއްކި ވާހަކަތައް މިއަދު ކޮބައިތޯއެވެ. ސައޫދީ އަރަބިއްޔާއިން ރާއްޖޭގައި އިންވެސްޓްކުރުވިޔަ ނުދޭން ނަޝީދު އެމެރިކާއަށްގޮސްވެސް ދަނީ ކެމްޕެއިން ކުރަމުންނެވެ. ވޮޝިންޓަން ޕޯސްޓްގައި އޭނާގެ އިންޓަވިއުއެއްޖަހައި ދުނިޔެއަށް ގޮވާލާފައި އޮތީ ސައޫދީން އިންވެސްޓްކޮށްފިނަމަ ރާއްޖޭގެ އިސްތިގާލްލް ގެއްލުނީކަމަށެވެ.

ާރާއްޖޭގައި ހަދާނީ ވޯލްޑްކްލާސް ސިޓީއެއް

ސައޫދީ ރަސްގެފާނު ސަލްމާން އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ ގައުމުތަކުގައި ބިލިޔަން ބިލިޔަން ޑޮލަރުން އިންވެސްޓްކުރައްވަން އެއްބަސްވުން ހައްދަވަމުން ސޮއިކުރައްވަމުން އެބަގެންދަވައެވެ. އެގައުމުތަކުގެ ރައްޔިތުން ރަސްގެފާނަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ. ރާއްޖޭގެ ނޫސްތަކުން އެވާހަކަތައް ގެނެސްދިނުމުގެ ބަދަލުގައި ލިޔެހަދާތަން ފެންނަނީ ރަސްގެފާނުގެ ޒާތީ ދިރިއުޅުއްވުމާއިގުޅޭ ވާހަކަތަކެވެ. އެވާހަކަތައް ލިޔަނީ މީހުން ލައްވައި ރަސްގެފާނަށް ފާޑުކިއުއްވަންކަމެއް ނުވަތަ އެދަތުރުފުޅުގައި ކުރައްވަމުންގެންދަވާ ކަންތައްތައް ނޭގިގެންކަމެއް ބުނާކަށް ނޭގެއެވެ.
މީޑިއާގައި ސައޫދީ އިން ބުނެފައިވަނީ ދިވެހި ރާއްޖޭގައި އެސްއީޒެޑް ގާނޫންގެ ތަރަހައިގެތެރެއިން އެމީހުން ހުށަހަޅާފައިވަނީ އެންމެ ޒަމާނީ ފެސިލިޓީސްތަކާއެކު ވޯލްޑްކްލާސް ސިޓީއެއް ބިނާކުރުމަށް ކަމަށެވެ. ހައެއްކަ މިލިޔަން މީހުންގެ އާބާދީއަކަށް އެސިޓީގައި އެންމެ ޒަމާނީ މެޑިކަލް އިންފްރާންސްޓްރަކްޗަރއާއި މަތީ ތައުލީމުދޭނެ މަރުކަޒުތަކާއި ޓޫރިޒަމް ސެންޓަރުތަކާއި ޝޮޕިން ސެންޓަރުތަކާއި ޕާކުތަކާއި މިނޫންވެސް ޒަމާނީ އެހެންވަސީލަތްތައް ގާއިމުކުރެވޭނެއެވެ. އެއާއެކު ފަތުރުވެރިކަމަށް ގައުމުގެ އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށްދާނެއެވެ. އަމިއްލަ ގައުމުގައި ވޯލްޑްކްލާސް ސިޓީއެއްގައި ދިރިއުޅުމުގެ ހުވަފެން ނުދެކޭނީ އަޅުގަޑުމެންގެ ތެރެއިން ކާކުތޯއެވެ؟ މިއީ ދިވެހި ސަރުކާރުން ރައްޔިތުން ދަރުވާލައިގެން ލޯން ނަގައިގެން ކުރާކަމެއް ނޫނެވެ. ގަލްފުގެ މުއްސަނދި މަހުޖަނުން އެމީހުންގެ ފައިސާ ހިފައިގެން އައިސް ބިލިޔަން ބިލިޔަން ޑޮލަރުން އިންވެސްޓްކުރަނީއެވެ. މިއީ ދިވެހި ރާއްޖޭގެ ގާނޫން އަސާސީގެ ބާރު ނުފޯރާގޮތަށް ދިވެހި ގައުމުގެ ސިޔާދަތީ ބާރު ނުފޯރާގޮތަށް ދިވެހި ރާއްޖޭގެ ގާނޫންތަކުގެ ބޭރުން ހިގާނެ ކަމެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް އެބަ ވިދާޅުވެއެވެ. އެކަމަކު އެމަނިކުފާނުގެ ވާހަކަފުޅު ދިވެހި ރައްޔިތުންނާއިހަމައަށް ވާސިލުވިޔަ ނުދިނުމަށް ބަޔަކުދަނީ ރެއެއް ދުވާލެއް ނުބަލައި ޕާޓީގެ ތާޅަފިލިން އަޑުގަދަކުރަމުންނެވެ. އެމީހުންގެ ކިބައިން ފެންނަނީ ބޯހަރުކަމާއި ގޮތް ދޫނުކުރުމެވެ. އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކަށް ބަލާއިރު އެމީހުން ކަންބޮޑުވެގެން އުޅެނީއަކީ ކޮންމެހެން ރަށެއް ކުއްޔަށް ދޭތީ، ނުވަތަ ފަޅެއް ވިއްކާލާތީ ނޫންކަން ކަށަވަރެވެ. އެކަމަކު އެމީހުން ކުރިޔަށް ނެރެނީ ހަސަދަވެރިކަން ހަރުގޭގައި ޕާޓީގެ ބޭފުޅުން ދައްކާ ވާހަކަތަކުން ދޭހަވެއެވެ.