ވިޔަފާރި

އާ ރަންވޭ އަޅާ ސަރަހައްދު ޝީޓް ޕައިލް ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަޅާ ސަރަހައްދުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު ޝީޓްޕައިލް ކުރުން ފެށިފައިވާއިރު 3،300 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖަހާނެ ކަމަށެވެ.

ޝީޓް ޕައިލް މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ގަލްފް ކޮބްލާ ގްރޫޕުންނެވެ. ވީއައިއޭ އެއާޕޯޓު ހިއްކުމުގެ މަސައްކަތުގެ ދަށުން އާ ރަންވޭ އަޅާ ސަރަހައްދުގެ 62 ހެކްޓަރު (ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑު) ގެ ސަރަހައްދު ވަނީ ހިއްކާފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓު ބިން ހިއްކުމުގެ މަޝްރޫއަކީ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކަމަށެވެ.

"ހިނގަ ހިންގާ އޮތް އެއާޕޯޓެއްގައި މިފަދަ މަސައްކަތެއް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ނަމަވެސް މަސައްކަތް ކުރިއަށް ދިޔައިރު އެއްވެސް ފްލައިޓަކަށް ބުރޫ އެރުމެއް ނެތި މަސައްކަތް މި ނިންމާލެވުނީ،" އާދިލް ވިދާޅުވި އެވެ.

އާ ރަންވޭގައި ދިގުމިނުގައި 3،400 މީޓަރު ހުންނަ އަދި 60 މީޓަރު ހުންނާނެ އެވެ. އަދި ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައެވެ. ރަންވޭ މަސައްކަތުގައި މިހާރު ކުރަނީ ބިން އެއްވަރު ކުރުމުގެ މަސައްކަތެވެ. އަދި ރަންވޭ އެއްކޮށް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.