ވިޔަފާރި

އެއާޕޯޓް މުވައްޒަފުންގެ ދަރިން ކިޔަވަން އިންޓްރެސްޓާ ނުލާ ލޯނު

Apr 12, 2017
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދުވަސްވީ މުވައްޒަފުންގެ ދަރިން ކިޔަވަން، އިންޓްރެސްޓް ނެތް ލޯނު ދޫކުރަން ފަށައިފި އެވެ.

އެއާޕޯޓަށް 51 އަހަރު ފުރުމުގެ ގޮތުން ހުޅުލޭގައި މިހާރު ކުރިއަށްދާ، ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގެ މުވައްޒަފުންގެ ކުރިއެރުމަށް ކުންފުނިން ގިނަ ކަންތައްތަކެއް ރާވައި ހިންގަމުންދާ ކަމަށެވެ.

"ސީދާ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ކުރަމުން މިދަނީ. މުވައްޒަފުންގެ ދަރިންނަށް ކިޔަވައި ދޭން ބޭނުންވާ ދުވަސްވީ މުވައްޒަފުންނަށް ލޯނު ދޫކުރަން ފެށިފައިވަނީ. މިފަދަ އިންޓްރެސްޓް ފްރީ ލޯނު ލިބޭކަމީ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ދެކެން. މިކަމުން ދޭހަ ކޮށްދެނީ ސަރުކާރުންނާއި ކުންފުނިން އަޅާލުމާއި އޯގާތެރިކަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން ހައްޖަށް މުވައްޒަފުން ފޮނުވަން ފަށާފައިވާއިރު މި އަހަރު 10 މުވައްޒަފަކު ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ތަމްރީން ފުރުސަތުތައް ތަނަވަސް ކޮށްދެމުން ގެންދާކަން އާދިލް ވިދާޅުވި އެވެ.

"ސްޓާފް ޑިވްލޮޕްމަންޓް ސްކީމުގެ ދަށުން މުވައްޒަފުގެ ދާއިރާއިން ތަމްރީން ވުމަށް މުވައްޒަފަކު އިސްނަގައިގެން ހުށަހެޅުމުން ކޯސްފީ މިދަނީ ކުންފުނިން ދައްކައި ދެމުން،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ހައްޖަށް ދާން ފުރުސަތު ލިބުނު 10 މުވައްޒަފުންނާއި ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރެއިން ދަރިން ކިޔަވަން ލޯނަށް އެދުނު މުވައްޒަފުންނަށް ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. މި ލިޔުންތައް ހަވާލު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެމްޑީ އާދިލް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތުގައި ހަރަކާތްތެރިވާ ބޭރުގެ މާހިރުންނާއެކު ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ މަގުސަދަކީ މި ދާއިރާގައި ގާބިލް ދިވެހިން އުފެއްދުންކަން އާދިލް ފާހަގަ ކުރެއްވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 2600 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި މި އެއާޕޯޓަށް ދުނިޔޭގެ 36 ގައުމަކުން ފްލައިޓް ޖައްސަ އެވެ.