chattelegramwhatsappviber google-plus twitter facebook

ވިޔަފާރި

ބޭރަށް ފުރާ މީހުން އަތުން ފުރަތަމަ މަހު ވެސް 41.9 މިިލިއަން ރުފިޔާ

މިދިޔަ އަހަރު ފާސްކުރި މުޅިން އާ ގާނޫނެއްގެ ދަށުން، ބޭރަށް ފުރާ މީހުންގެ އަތުން ނަގަން ފަށާފައިވާ އެއާޕޯޓް ޑިވްލޮޕަމަންޓް ފީ އިން ފުރަތަމަ މަހު ވެސް ދައުލަތަށް 41.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބޭރަށް ފުރާ މީހުންގެ އަތުން އޭޑީއެފް ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުގައި، އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ނޫނީ އޭޑީސީގެ ގޮތުގައި 2.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ 41.10 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް މިއަހަރުގެ ބަޖެޓާ އެކު މި ފީ ނަގަން ހުށަހެޅި އިރު، ސަރުކާރުން އަންދާޒާކޮށްފައި އޮތީ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު އޮތީ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގާ ގޮތަށެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރުން އިސް ނަގައިގެން އެ އަދަދު ވަނީ 12 ޑޮލަރަށް ކުޑަކޮށްފަ އެވެ.

ސަރުކާރުން އޭޑީއެފް ނަގަނީ އެއާޕޯޓް ޑިވަލޮޕް ކުރުމަށް ލޯނު ނަގައިގެން ހިންގާ، 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަށް ފަންޑު ހޯދުމުގެ ގޮތުންނެވެ. އަދި އެ ފައިސާ އެއްވެސް ކަމަކަށް ހަރަދު ނުކޮށް ސޮވަރިން ފަންޑެއް އުފައްދައި އެ ފައިސާ އެ ފަންޑަށް ޖަމާކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. އެ ފައިސާ ހަރަދު ކުރާނީ ތަރައްގީއަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ފަހުގެ ޚަބަރު