ވާހަކަ

މުޅިޖާންހިތާ

(30 ޖުލައި 2017 އާ ގުޅޭ)
"އައިރާ ތި ހުރީ މިގޭގައި. ބިރު ނުގަނޭ... އެކަކު ވެސް ނުބުނާނެ އައިރާ މިގޭގައި ހުރި ވާހަކައެއް. ބައްޕަ ވެސް ނުބުނާނެ. އައިރާގެ ކޮޓަރީގައި މަޑުކުރޭ. ލޫކްގެ ބައްޕަ ދިއުމުން އަހަރެން އަންނާނަން އައިރާ ބަލާ. ފޯނު ހިފައިގެން އިންނާތި. ކޮޓަރީގައި ޓަކި ޖެހުމުގެ ކުރީން އަހަރެން އައިރާއަށް ގުޅާނަން... ދެން ދޭ އަވަހަށް ކޮޓަރިއަށް" އައިރާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އޭނާއާ ނަޒަރު ސީދާ ކޮށްލައިގެން ހުރެ ޔާނާ ވާހަކަ ދެއްކީ ބަހުގެ ޔަގީންކަން ދޭ ފަދައިންނެވެ. އައިރާ އަވަސް އަވަހަށް ބޯ ޖަހާލައިފައި މައްޗަށް އަރާން ހުރި ފުޅާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ.

އައިރާ ކޮޓަރިއަށް ދިޔަތާ ގިނައިރެއް ނުވަނީސް ގޭތެރެއަށް ވަދެގެން އައި ޒޭން ހުއްޓުނީ ކާކޮޓަރިތެރޭގަ އެވެ. އެތަނުގައި ހުރި މިންޙާ ގޮވައިގެން ހުރި ޔާނާ ފެނިގެންނެވެ.

"ކޮބާ؟" ނިކަން އަވަހަށް ޒޭން އަހާލި އެވެ.

"ކޮޓަރިއަށް ފޮނުވައިފިން... ބައްޕަ ގާތުގައި ބުނާންވާނެއެއްނު" ޒޭންއެކޭ އެއްގޮތަކަށް ޔާނާގެ މޫނުމަތީގައި ވެސް ވަނީ ހާސް ކަމެވެ.

"ބުނެފިން. ބައްޕައަށް މިހާރު އެނގޭނެ އައިރާގެ ހުރިހާ ކަމެއް... ލޫކްގެ ބައްޕަ އަޔަސް އައިރާ ހުރި ކަމެއް ނުބުނާނެ" ޒޭން ބުންޏެވެ.

"އެހާ ކުއްލި ގޮތަކަށް ގުޅާފައި ޒޭން އައިރާ ފޮރުވާށޭ ބުނީމަ އަހަރެން ހާދަ ބިރެއްގަތޭ. ކީއްވެ ލޫކްގެ ބައްޕަ އެ އަންނަނީ" ދަރިފުޅު ކައި ނިމުމުން ތުން ދޮއްވަން އުޅެމުން ޔާނާ ވާހަކަ ދެއްކި އެވެ.

"ނޭނގެ... އެކަމަކު ޔަގީން ކޮންމެވެސް ކަމެއް ވެއްޖެކަން. ލޫކް ބުނީ ފަހުން ކިޔައިދޭނަމޯ. އޭނާ މެސެޖު ކުރިއިރު ހުރީ ވާހަކަ ދެއްކޭ ގޮތަކަށް ނޫން. މިހާރު އަންނާން އުޅޭނެ. ބައްޕަ ވެސް ބުނި މި އަންނަނީ ކަމުގައި،" ޒޭން އޮޅުންފިލުވައި ދިނެވެ.

ޔާނާ ދަރިފުޅު ގޮވައިގެން ކާ ކޮޓަރިތެރެއިން ބޮޑު ކޮޓަރިއަށް ނުކުތެވެ. އެމީހުންގެ ފަހަތުން ޒޭން އައެވެ. އޭނާ ހައިކަލްގެ ފޯނަށް ގުޅާ ހުރި ހިސާބެއް އޮޅުން ފިލުވި އެވެ. އެވަގުތު އެ ދިމާއަށް އައި ހުސްނާ ފެނުމުން ހަވީރު ސަޔަށް ހުރި އެއްޗެއް ވެސް ޒޭން އޮޅުން ފިލުވިއެވެ. އަދި ލޫކްގެ ބައްޕަ އަންނާތީ ސައި ތައްޔާރު ކުރާން ޖެހިދާނޭކަން ހަފުސާގެ ގާތުގައި ޒޭން ބުންޏެވެ. އެހެންވީމަ އިރުކޮޅަކަށް ފެންނަ ހިސާބުގައި މަޑުކޮށްލަން ވެސް ހަފްސާގެ ގާތުން ޒޭން އެދުނެވެ.

ސޯފާގައި ތިބި ޔާނާއާއި ޒޭންއަށް ބޮޑު ކޮޓަރިއަށް ވަންނާން ހުރީ ދޮރާ ދިމާއަށް ބަލާލެވުނީ އެއްފަހަރާ އެވެ. އޭރު ހައިކަލް އިސްވެ ހުރެ ޤައިސް ގޮވައިގެން އެތެރެއަށް ވަންނަނީ އެވެ. އެމީހުންގެ ފަހަތުގައި ލޫކަން ހުއްޓެވެ. ޤައިސްއަށް ނޭނގޭނޭހެން ލޫކަން ނިތް އަރުވާލާ ޒޭންއަށް އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އޭނާ ވެސް ލޮލުން އިޝާރާތްކޮށްލީ އެއް ފަރާތުން މައްޗަށް ވާގޮތަށެވެ. ލޫކަން އެ އަހަނީ އައިރާގެ ވާހަކަކަން ޒޭންއަށް އެނގޭތީ އޭނާ ވެސް އެ އަންގާލީ އައިރާވީ ކޮޓަރީގައި ކަމެވެ.

އެތެރެއަށް ވަދެގެން އައިއިރު ގޭތެރެއަށް ޤައިސްގެ ނަޒަރު ހިންގަމުން އައެވެ. ހައިކަލްއާ ބައްދަލުވުމުން އޭނާއަކީ ވެސް މީހުން ޤަދަރުކުރާ ފަދަ ސިފަތަކެއް ލިބިފައިވާ މީހެއްކަން ޤައިސްއަށް އެނގުނެވެ. ގޭގެ އެތެރެ ފަރުމާކުރުމުގައި ގެންގުޅެފައި ހުރި އިންޑިއާގެ އާސާރީ ގޮތްގަނޑު ޤައިސްއަށް ކަމުދިޔަ އެވެ. ޒޭންއަކީ ލޫކަންއާ އެއްފެންވަރެއްގެ ރަޙުމަތްތެރިއެއްކަން ޤައިސްއަށް ފެންނަމުން ދިޔަ މަންޒަރުތަކުން ޔަގީން ކުރެވުނެވެ. ސޯފާގައި ޤައިސް އިށީނުމާއެކު ހައިކަލް އޭނާގެ ދަރިފުޅު ޒޭންއާއި އޭނާގެ އަންހެނުން ތަޢާރުފުކޮށް ދިނެވެ. އެއާއެކު ޒޭން ހަފްސާއަށް އިޝާރާތްކޮށްލީ ސައި ގެނައުމަށެވެ.

އެކި ވާހަކަ ދެއްކުމުގައި ޤައިސް އިނެވެ. ހައިކަލްގެ ފަރާތުން ލިބުނު މެހެމާނުދާރީއާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެގޭ ތެރެއިން ޤައިސް ކަންބޮޑުވާންޖެހޭވަރު އެއްވެސް ކަމެއް ނުފެނުނެވެ. އޭނާ އެގެއިން ދިއުމުގެ ހުއްދައަށް ހައިކަލްގެ ގާތުން އެދުނެވެ. އެ ދެމެދުގައި އެކުވެރިކަން ބާއްވަން ބޭނުންވާކަން ޤައިސް ހާމަކުރި އެވެ. އަދި ކޮންމެވެސް ދުވަހަކުން ވަގުތެއް ހޯދައިގެން ޤައިސްމެން ގެއަށް ހައިކަލް އައުމަށް ދަޢުވަތު ވެސް އެރުވި އެވެ. އެކަން ހަމަޖެއްސުމަށް ލޫކަންއަށް ޤައިސް އެންގި އެވެ. އެންމެފަހުން ހައިކަލްއާ ސަލާމްކޮށްފައި ޤައިސް ނުކުމެގެން ހިނގައްޖެ އެވެ. ދޮރޯށިން ނުކުމެ ޤައިސް އޭނާގެ ކާރަށް އެރުމުން ލޫކަން އެނބުރި ގޭތެރެއަށް ވަނެވެ.

* * *

ގޭތެރެއަށް ވަދެގެން އައިއިރު ޤައިސްގެ ސިކުނޑީގައި އެތައް ސުވާލުތަކެއް ފުނިޖެހިފައި ވެއެވެ. ރުބީނާ ބުނި ފަދަ އެއްވެސް ކަމެއް ލޫކަންގެ ފަރާތުން ޤައިސްއަށް ފާހަގައެއް ނުވިއެވެ. ރުބީނާ އެބުނާ އަންހެންކުއްޖާ ވީތަނެއް ލޫކަންއަށް ނޭނގޭކަން ޤައިސްއަށް ޔަގީންވަނީ އެވެ. ހައިކަލްމެންނަކީ ވިޔާނުދާ ޢަމަލެއް ކުރުމުގައި ބައިވެރިވެދާނޭ ބައެއް ކަމުގައި ޤައިސްގެ ޟަމީރު އެއްބަހެއް ނުވެއެވެ. އެހެންވިއްޔާ ރުބީނާގެ ވާހަކަ ތަކުގައިވަނީ ކިހާ ހަޤީޤަތެއްކަމާ މެދު ޤައިސް ސުވާލު އުފެދިއްޖެ އެވެ.

"މިއަދު ހާދަ ލަސްވީ؟ ސައި ހަދަންވީތަ؟" އޮފީސް ހެދުން ބަދަލުކުރާން ޤައިސް ހުއްޓާ ކޮޓަރިއަށް އައިސް ވަން ރުބީނާ އަހާލިއެވެ.

"ލޫކްއާ ބައްދަލުކުރާން ދިޔައީ. މި އައީ ސައި ބޮއެގެން... މިރޭ އަޅުގަނޑު ކާނީ ބޭރުން އިނގޭ" ޤައިސްގެ ވާހަކައަށް ރުބީނާގެ ފުރިހަމަ ސަމާލުކަން ހުއްޓުނެވެ.

"ލޫކްއާ އެ ވާހަކަ ދެއްކީތަ؟" ޤައިސް ބޭލި ހެދުންތައް ދާވަށިގަނޑަށް ލާން ދަމުން ރުބީނާ އަހާލި އެވެ. އޭނާއަށް ޤައިސްއާ ހަތަރުކަޅި ބައްދަލުކުރާން ނުކެރުނީ އެވެ. ފާޚާނާއަށް ވަންނަން ތައްޔާރުވެލާފައި ވެސް ފުން ނޭވާއެއް ލުމާއެކު ޤައިސް އައިސް އެނދުގައި އިށީނެވެ.

"އެ އަންހެންކުއްޖާ ނުކުމެގެން ދިއުމުގައި ލޫކްގެ އެއްވެސް އަތެއްނުވޭ. އޭނާ ބުނި ގޮތުގައި އެ އަންހެންކުއްޖާ ފޮށި ހިފައިގެން ގެއިން ނުކުންނަން އުޅުނު ގޮތް ފެނި އޭނާއަށް އެހީވީ އެ ފޮށި ނެރެދިނުމަށް. އޭގެ ކުރީން މިގޭގައި އެ އަންހެންކުއްޖާ އުޅޭކަމެއް ލޫކްއަކަށް ނޭނގޭ. އެހެންނޫނަސް ޚާދިމުން އުޅޭ ބަޔަށް ލޫކް ނުދާނެ" އިސްޖަހާލައިގެން އިނދެ ޤައިސް ވާހަކަ ދެއްކި އެވެ.

"އަޅުގަނޑު ދޮގު ހަދާންވީ ކޮން ބޭނުމަކު؟" އަޑަށް ބާރުލާފައި ރުބީނާ ބުންޏެވެ.

"ރޫބީ ދޮގު ހަދަނީއޭ ނުބުނަން. އެކަމަކު އަޅުގަނޑަށް ހީވަނީ ރޫބީއަށް ތި ފެނުނީ އެ އަންހެންކުއްޖާ އެހެން ފިރިހެނަކު ގެއަށް ވައްދާތަންހެން... އަޅުގަނޑު މި އައީ ލޫކް ހުރި ތަނަކަށް ގޮސްފައި. އޭނާ ދޮގެއް ނުހަދާ. އޭނާ ހުރީ އޭނާގެ ރަޙުމަތްތެރިޔާގެ ގޭގައި. އެގޭތެރެއިން އަންހެންކުއްޖަކަށް ފެނުނީ ލޫކްގެ ރަޙުމަތްތެރިޔާގެ އަންހެނުން. ވިޔާނުދާކަމެއް އެގޭ ތެރޭގައި ހިނގާކަށް ފުރުޞަތެއް ނުލިބޭނެ. ލޫކަންއާ އެ އަންހެންކުއްޖާއާ އެއްވެސް ގުޅުމެއްނެތް. ކޮންމެވެސް އެހެންކަހަލަ އޮޅުމެއް މިއުޅެނީ. އެ އަންހެންކުއްޖާގެ މަކަރުން ރޫބީގެ ލޮލަށް ދެއްކި ދަޅައަކަށް ވެސް ވެދާނެ. އެންމެ ރަނގަޅުވާނީ އޭނާގެ ބޯކޮޅުބެލުމުގެ ބަދަލުގައި އޭނާ އެ ދިޔަތަނަކަށް ދާން ދޫކޮށްލިއްޔާ. ރޫބީ ހެޔޮ އެދިގެން އެހީވާން އުޅުނީމާ އެކަން ބަލައިނުގަތުމުން ދެން ކުރެވޭނޭ ކަމެއް ވެސް ނޯންނާނެ. ފަހަރެއްގައި ހާލުގައި ޖެހިގެން އެނބުރި އައިސް ވެސް ފާނެ. އެކަމަކު ދެން މިގޭގައި ގޮތް ނޭނގޭ އެކަހަލަ އަންހެންކުދީން ބައިތިއްބުން އެއީ ރަނގަޅު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ޢާއިލާގެ ތެރެއަށް ފާޑުފާޑުގެ މީހުން ގެންނާކަށް ނުވާނެއެއްނު. އެހީތެރިވެވޭނެ އެހެން ގޮތްތައް ވެސް ހުންނާނެ،" ޤައިސް ވާހަކަ ދައްކާ ނިމިގެން ވެސް ރުބީނާއާ ނަޒަރު ސީދާކޮށް ނުލިއެވެ. އެކަން އެއްފަރާތުގައި ހުއްޓިލައިގެން ހުރި ރުބީނާއަށް ވެސް ފާހަގަވި އެވެ. ނަމަވެސް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ތުންފިއްތާލާފައި ކުރާން އުޅުނު މަސައްކަތަށް އެނބުރިލީ އެވެ.

ފެންވަރާލައިގެން ޤައިސް ނުކުމެ ގޭގެ ހާމަފެންޑާގައި ކޮފީއެއް ހިފައިގެން އޭނާ އިނެވެ. ފިކުރު ކުރުމުގަ އެވެ. ލޫކަން އުފެއްދި ސުވާލުތަކުން ޤައިސްގެ ހިތުގައި ވެސް އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ. ރުބީނާ އެ ގެނައި އަންހެންކުއްޖަކީ ކާކުތޯ ކުރީން ބަލާ ލެވުނުނަމައޭ އޭނާގެ ހިތަށް އަރަނީ އެވެ. އެހެން ހުއްޓާ އޭނާގެ ފޯނު ރިންގުވާންފެށި އެވެ. ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއިރު ގުޅަނީ ވަޖީހު އެވެ. އެއީ ޤައިސްގެ ޒަމާންވީ ރަޙުމަތްތެރިއެކެވެ. ގިނަ ފަހަރަށް ކަންކަމާ ފިކުރު ބޮޑުވުމުން ޚިޔާލުތައް އެމީހަކާ ޚިއްޞާކޮށް ސިކުނޑިއަށް ލުއިކަން ހޯދުމަށް ވަޖީހުގެ އެހީތެރިކަން ޤައިސްއަށް މުހިންމެވެ. މިރޭ އޭނާ އެ ހުރީ ވަޖީހުއާ ބައްދަލުކުރާން ބުނެފަ އެވެ. އެ ގުޅީ އެހެންވެއެވެ. ފޯނުން ވަޖީހުއާ ވާހަކަތަކެއް ދެއްކުމަށްފަހު ޤައިސް އަވަސްވެލީ ތައްޔާރުވެލައިގެން އެކުވެރިޔާއާ ބައްދަލުކުރާން ދާށެވެ.

ދެ މީހުން ބައްދަލުކުރީ މާލޭގެ ހިތްފަސޭހަ ރެސްޓޯރެންޓެއްގެ ތެރޭގައެވެ. ރުބީނާގެ ފަރާތުން އިވުނު ހުރިހާ ވާހަކައެއް ވަޖީހުއަށް ޤައިސް ކިޔައިދިނެވެ. އަދި ލޫކަންގެ ފަރާތުން ފެނުނު ކަންތައްތަކާއި އޭނާ ދެއްކި ވާހަކަތައް ވެސް ވަޖީހަށް އޮޅުންފިލުވައި ދިނެވެ. އެކަމުގައި ޤައިސްގެ ޚިޔާލު ހުރި ގޮތް ވެސް ޚުދު އޭނާ އެކުވެރިޔާއަށް ކިޔައިދިނެވެ. ވަޖީހަކީ ރާއްޖޭގެ މަޝްހޫރު މޮޅެތި ވަކީލުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާގެ ސިކުނޑި ޤައިސްގެ ސިކުނޑިއަށްވުރެ ފުޅާކޮށް ކަންކަމާމެދު ވިސްނާނޭކަން ޤައިސް ޤަބޫލު ކުރެއެވެ.

"ސަލްއާއި ރޫބީ ވަރަށް ގާތްކޮށް އުޅޭނީ. އެކަމަކު ދުވަހަކު ވެސް އެމީހުންގެ ތެރޭގައި ދެކެވޭ ވާހަކައަކަށް ސަމާލުކަމެއް ނުދެން. އަންހެނުން އެހެން ތިބެގެން ނިކަން ކޫސަނި ވާހަކަ ދައްކާނެ. އެހެންވެ އަޅުގަނޑު އަޅާނުލަނީ. ތެދަށް ބުނާންޏާ ރޫބީގެ ވާހަކަ އަޅުގަނޑުގެ ގާތުގައި ދެއްކީ ސަލް. އަޅުގަނޑުމެން ދެ މީހުން ފުރަތަމަ ބައްދަލުވީ އިރު ރޫބީ އުޅެނީ އޭނާގެ ފިރިމީހާ ގާތުން ވަރިވާން ބޭނުން ވެގެން. އޭނާގެ ދިރިއުޅުން އެހާ ހަމައެއް ނުޖެހޭ. ވަރަށް ގިނަ ވަގުތު ސަލްއާއި ހިދާއާއެކު ރޫބީ ހޭދަކުރާކަން އަޅުގަނޑަށް އެނގޭ"

"އެކަމަކު ސަލްމާގެ ތިހާ ގާތް ރަޙުމަތްތެރިއަކަށް ރޫބީ ވާއިރު އޭނާ ހިތްހަމަނުޖެހިދާނެ ރޫބީގެ ކަމެއް އޮޅުން ފިލުވަން އުޅެނިއްޔޭ ހިތަށް އަރާފައި" ވަޖީހުގެ ވާހަކައިގެ މެދުތެރެއިން ޤައިސް ބުންޏެވެ.

"ސަލްއަކީ އެކަހަލަ މީހެއްނޫން. އަޅުގަނޑު ސަލްއަށް ފުރިހަމަ މިނިވަންކަން ދެނީ އޭނާއަށް އިތުބާރުކޮށްފައި. މިހާ ދުވަސްވީއިރު ވެސް އަޅުގަނޑުގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަލް ނުކުރޭ. އަޅުގަނޑު އަހައިފިއްޔާ ސަލް ކިޔައިދީފާނެ ތި ވާހަކަ. އެއީ ކޮން އަންހެންކުއްޖެއްކަން. ރޫބީ އަމިއްލަ ގެއަށް އެ ކުއްޖަކު ގެނައި ކީއްވެކަން ވެސް" ހިނިތުންވެލަމުން ވަޖީހު ބުންޏެވެ. ނަމަވެސް ޤައިސްގެ މޫނުމަތީން ފެންނަނީ ނުތަނަވަސް ކަމެވެ.

* * *

ހާސްކަމާއެކު ރުބީނާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހިދާއާ އެވެ. ރުބީނާއަށް ކަމުދާ ކަހަލަ ޚިޔާލު ސަލްމާއަށްވުރެ ހިދާއަށް ދޭން އެނގޭތީއެވެ.

"ބުނަން ރޫބީ... ދެން ތިކަމާ އަޅާނުލުން އެންމެ ބުއްދިވެރީ. އެހެންނޫނީ ޤައިސް ޝައްކުކުރާން ފަށާފާނެ. އެއްގޮތަކުން ރަނގަޅެއްނު. އެކަން ބޮލުން ނެއްޓުނީނު. ލޫކަން އެ އަންހެނާ ރަށަށް ފޮނުވީ ކަމަށް ވެސް ވެދާނެ. އޭނާ އެ އަންހެނާއާ ގުޅޭން އުޅޭ ކަހަލަ އިޝާރާތެއް ނުވެއެއްނު. ޤައިސްގެ ވާހަކައިން ވެސް އެފަދަ ކަމަށް އިޝާރާތެއް ނުކުރެއެއްނު. އޭނާ ވެސް ހަމަޖެހުނީ އެހެންވެ. ތަނަކުން ފެންނަ އަންހެނަކާ އޭނާގެ ދަރިފުޅު ނީންނާނެކަން އެނގޭތީ. ރޫބީ ވެސް ހަމަޖެހިލަން ފެންނަނީ" ރުބީނާއަށް ހިދާ ނަސޭޙަތްތެރިވަމުން ދިޔައެވެ.

ހާމަފެންޑާގައި ހުރި މޭޒު ދޮށުގައި ރުބީނާ އިންނަތާ ވީއިރެއް ނޭނގެ އެވެ. ހިދާ ދެއްކި ވާހަކަތަކާ މެދު އޭނާ ވިސްނިއެވެ. އައިރާގެ މަތީން އޭނާ ދެން ހަނދާން ނައްތާލަންވީބާ އެވެ. އެހެންވެއްޖެނަމަ އޭނާގެ ނިޔާނުގެ ދަރިފުޅުގެ މަތީން ވެސް ރުބީނާ ޖެހޭނީ ހަނދާން ނައްތާލާށެވެ. މިކަހަލަ ފިކުރުތަކެއްގައި އިންދާ ފަހަތުން މީހެއްގެ ފިނިއަތަކުން ރުބީނާގެ ކަނދުރާގައި އަތްލުމުން ސިހިފައި ފުންމައިގެން ތެދުވިއެވެ.

"ކިހިނެއްވީ؟ ހާދަ ވަރަކަށް ތި ސިހުނީ" މަޑުމައިތިރި ކަމާއެކު ޤައިސް އަހާލި އެވެ.

"ކޮޓަރީގައި ނެތީމަ ހިތަށް އެރީ މިތާ ރޫބީ އިނދެދާނޭ. އެހެންވެ މި އައީ. ކައިފިންތަ؟" ހިނިތުންވެލަމުން ޤައިސް އަހާލިއެވެ. ނަމަވެސް އޭނާ ރުބީނާއަށް ބަލަމުން ދިޔައީ ވަރަށް ވިސްނުންތެރިކަމާއެކު އެވެ.

"މިރޭ އެއްވެސް ކަމެއް ނެތީމަ މިތާ ފިނިކޮށްލަން އިނދެވުނީ" ރުބީނާ ވެސް ކަމެއް ނުވާކަން ދައްކަމުން ހިނިތުން ވެލިއެވެ.

* * *

ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ސިޑިން އަރައިގެން ދާން އުޅުނު އައިރާގެ އަތުގައި ލޫކަން ހިފިއެވެ. އެމަންޒަރު ކޮޓަރިން ނުކުން ހައިކަލްއަށް ފެނި އަވަސް އަވަހަށް ފަހަތަށް ޖެހިލާ ނިވާވެލި އެވެ. އޭނާ ހުރިކަން އެ ދެ ޒުވާނުންނަށް އެނގެން ހައިކަލް ބޭނުން ނުވީއެވެ. އައިރާގެ ޝޯލްއިން އެލިފައި އޮތް ފަރާތުގައި ލޫކަން ހިފާ ދަމާލަމުން ކޮންމެވެސް އެއްޗެއް އޭނާ އައިރާގެ ގާތުގައި ބުންޏެވެ. އެއާއެކު އައިރާ ދެފަރާތަށް ބޯހޫރުވާލިއެވެ. ބޮޑުކޮޓަރީގައި އެވަގުތު ލޫކަންއާއި އައިރާ ފިޔަވައި އިތުރު މީހަކު ނެތެވެ. ލޫކަންގެ ހަރަކާތްތައް ހުރި ގޮތް ފެނި އޭނާގެ ހިތުގައިވާ އެއްޗެއް ސާފުކޮށް ހައިކަލްއަށް ފެންނަމުން ދިޔައެވެ. ނަމަވެސް ލޫކަންގެ ބައެއް ޢަމަލުތައް ހުންނަގޮތުން އެކަމުން މަނާ ވެގަންނަން އައިރާ މަސައްކަތް ކުރާތަން ފެނުމުން ހައިކަލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި އެވެ. ހަލުވިކޮށް ސިޑިން އަރާން އުޅުނު އައިރާގެ ޝޯލްއަށް ދަމާލުމާއެކު އޭނާ ފަސް އެނބުރި ލޫކަންގެ ގައިގާ ޖަހަން އަތްމަޅާލި އެވެ. ނަމަވެސް ނުއެއްޖެހި އެވެ. ލޫކަން ފެށީ ހޭށެވެ. އައިރާ ސިޑިން އަރައިގެން އައި އިރު އޭނާގެ ފިޔަވަޅަށް ބަލަމުން އައިރާގެ ފަހަތުން ލޫކަން އެރިއެވެ. ލޫކަންގެ އަތުގައި އޮތް ފެންފުޅި ހައިކަލްއަށް ފެނުނީ ދެނެވެ. އެ ދެ ޒުވާނުން މިސްރާބު ޖެހީ އައިރާގެ ކޮޓަރިއަށެވެ. ހިނިއައިސްފައި ހުރި ހައިކަލް ހިނގައިގަތީ ދެނެވެ.

"އެއީ ހަމަ މިންނު. އެހާ ވެސް ވައްތަރު. އުޅޭ އުޅުމުގައި ވެސް ފެންނަ ފެނުމުގައި ވެސް. ތަފާތަކީ މިންނުއަށްވުރެ އިސްކޮޅުން ކުރުކަން. މިންނު އަޅާން ގެންގުޅުނު ދޯޕަށްޓާ އެ އަންހެންކުއްޖާގެ ބޮލުގައި ނިވާކަމެއްގެ ގޮތުގައި އަޅާފައިވާކަން... އެ ދެކުދީންނަކީ އަހަންނާއި މިންނު ފަދަ ދެ ލޯބިވެރީންނަށް ވާނޭކަން ޔަގީން. އަހަރެން މިންނުދެކެ ވީ ލޯތްބަށްވުރެ ވަރުގަދަ ލޯތްބެއް އެ އަންހެންކުއްޖާދެކެ ލޫކަންވޭ" ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ހައިކަލްގެ ޚިޔާލުތަކުގައިވީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. މިލްނާ މި ދުނިޔެއާ ވަކިވުންވީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތާމަކަމުގަ އެވެ. ނަމަވެސް މިއަދު އައިރާއާއި ލޫކަން ފެނުމުން ހައިކަލްގެ ހިތަށް ބަޔާންކުރާން ދަތި ހިތްހަމަޖެހުމެއް ލިބެއެވެ.

* * *

ނިދިފައި އޮތް އައިރާއަށް ހޭލެވުނީ އުނދަގޫތަކެއް ކުރެވޭތީ އެވެ. އެނދުގެ އަރިމަތީ ކުޑަމޭޒުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ހަތަރުގަޑި ބައިވެއްޖެ އެވެ. ފަތިސް ނަމާދަށް ގޮވާން ދެން ގިނަ އިރެއްނެތްކަން އެނގޭތީ އައިރާ ތެދުވީއެވެ. އުނަގަނޑުމަތީގައި އެހެންޏާ ނުހުންނަ ރިހުމެއް ހުއްޓެވެ. މަޑުމަޑުން އައިސް ފާޚާނާއަށް ވަނެވެ. އޭސީ ކުރެވިފައި ކޮޓަރީގައި ވެސް އައިރާ ދާހިތްލާގޮތްވެފައި ވެއެވެ. އެހެންވެ ގަސްދުކުރީ ފަތިހުގެ ފިނީގައި ފެންވަރާލާށެވެ. ހަށިގަނޑަށް ލުޔެއް ލިބިދާނޭ ކަމަށެވެ. ފެންވަރައިގެން އައިރާ ނުކުތް އިރު ފަތިސް ނަމާދަށް ގޮވައިފިއެވެ. އެހެންވެ ރީތިވެލައިގެން ނަމާދަށް އަރާން ތައްޔާރުވި އެވެ. ނަމަވެސް ނަމާދަށް އެރިއިރު އައިރާގެ ބަނޑުގައި ރިއްސާހެން އޭނާއަށް ހީވާންފެށިއެވެ. ސަޖިދައަށް ދިއުން ފަސޭހަ ކަމަށްނުވާތީ މިފަހަކަށް އައިސް އައިރާ ނަމާދުކުރަނީ ގޮނޑީގައި އިނދެގެންނެވެ. ނަމާދުގައި އިނދެފައި ވެސް ބަނޑުގައި އެއްފަހަރު ހިފަހައްޓާލެވުނެވެ. އެހެން ނަމަވެސް ނަމާދު ފުރިހަމަ ކުރިއެވެ. ނަމާދުން އަވަދިވުމާއެކު ދޮޅި ބާލާ އެނދުމަތީ ބޭއްވުމާއެކު ގޭގައި އަޅާން ގެންގުޅޭ ކަޅުކުލައިގެ ވަށްބުރުގާ ނަގާ ބޮލަށް މަހާލިއެވެ.

ޔާނާއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިޖަހާހެން ހީވެގެންނެވެ. އޭރު އޭނާ ވެސް ފަތިސް ނަމާދަށް ތައްޔާރުވުމަށް އުޅެނީ ފާޚާނާގައެވެ. ނިކަން އަވަސްކޮށްލައިގެން ފާޚާނާއިން އޭނާ ނުކުތެވެ. ތުވާލިން ފެންފުހެމުން އައިސް ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެވެ. (ނުނިމޭ)