ބޮލީވުޑް

"ހަސީނާ" ރިލީޒްކުރުން އަނެއްކާ ލަސްކޮށްފި

Aug 2, 2017

ޒުވާން ބަތަލާ ޝްރަދާ ކަޕޫރު ވަނީ "ހަސީނާ" ގެ ޓްރެއިލާ އާއެކު ބެލުންތެރިން ހައިރާންކޮށްލާފަ އެވެ.

ންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދް އިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމަކީ ޝްރަދާ މީހެއްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފުރަތަމަ ފިލްމެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް މި ފިލްމު ހަމަޖެހިފައި އޮތް ނަމަވެސް ފިލްމު ރިލީޒްކުރުން މިވަނީ އަނެއްކާ ވެސް ލަސްކޮށްފަ އެވެ. މިއީ މި ފިލްމު ރިލީޒްކުރުން ލަސްކުރި ހަތަރު ވަނަ ފަހަރެވެ.

"ހަސީނާ" ގެ ޓްރެއިލާ އަށް އިންތިހާ ތަރުހީބު ލިބުނު ނަމަވެސް ފިލްމު ރިލީޒްކުރުން ލަސްކޮށްފައިވަނީ މި ހުކުރު ދުވަހާއި އަންނަ ހަފްތާގެ ހުކުރު ދުވަހު ބޮޑު ދެތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އަކްޝޭ ކުމާރުގެ ފިލްމު ރިލީޒްކުރާތީ އެ ފިލްމުތަކުގެ ސަބަބުން މި ފިލްމުގެ ވިޔަފާރި އަށް އެއްވެސް ނޭދެވޭ އަސަރެއް ވާން ބޭނުންނުވާތީ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޕޫރްވަ ލާކިޔާ ވަނީ ބުނެފަ އެވެ.

ދެން މި ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައިނުވެ އެވެ.

ފިލްމު ލަސްކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން އަޕޫރްވަ ވަނީ ކުރިއަށް ބޮޑެތި ފިލްމުތަކެއް ރިލީޒްކުރަން ހުރި އިރު އޭނާގެ ފިލްމު ރިލީޒްކޮށްގެން ފިލްމަށް ގެއްލުމެއް ހޯދުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި އޭނާގެ ޓީމަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އަނެއްކާ ވެސް ފިލްމު ރިލީޒްކުރުން ލަސްކޮށްގެން ވިޔަސް ފިލްމަށް ރަނގަޅު ތަރުހީބެއް ލިބުން ކަމަށް ބުނެފަ އެވެ.

"އެ ދެ ފިލްމުގެ ސަބަބުން ވެސް ހަސީނާގެ ވިޔަފާރި އަށް އަސަރުކުރާނެ. އަކްޝޭގެ ފިލްމު ބައެއް ސްޓޭޓްތަކުުގައި ވަނީ މިހާރު ވެސް ޓެކްސް ފްރީ ފިލްމެއްގެ ގޮތުގައި ކަނޑައަޅާފަ،" އެ ދެ ފިލްމާއެކު އޭނާގެ ފިލްމު ރިލީޒްކޮށްގެން ފިލްމުގެ ވިޔަފާރި އަށް ގެއްލުން ވާނެ ކަމަށް ބުނަމުން އަޕޫރްވަ ބުނެފައިވެ އެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ނިންމުމުގެ ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގައި ނިކުތް ރަންބީރު ކަަޕޫރާއި ކެޓްރީނާ ކައިފްގެ "ޖައްގާ ޖާސޫސް" އާއެކު އެވެ. ނަމަވެސް އެ ފިލްމާ އެއް ދުވަހެއްގެ ރިލީޒްކުރަން ބޭނުންނުވާތީ ފިލްމު ވަނީ މި މަހަށް ފަސްކޮށްފަ އެވެ.

ޝްރަދާގެ ކެރިއަރުގައި އޭނާ ފުރަތަމަ ފަހަރަށް ކުޅެފައިވާ ނުބައިބައި ރޯލު ކުޅެފައިވަނީ މި ފިލްމުގަ އެވެ. އޭނާ އާއެކު މި ފިލްމުގައި ދާއޫދު އިބްރާހީމްގެ ރޯލުން ފެނިގެންދާނީ އެއްބަނޑު އެއްބަފާ ބޭބެ ސިދާންތް ކަޕޫރެވެ.