ބޮލީވުޑް

"ޖައްގާ ޖާސޫސް" ފްލޮޕްވެ، ރަންބީރު ފިލްމު ޕްރޮޑިއުސްކުރުމާ ދުރަށް

Aug 3, 2017

ޒުވާން އެކްޓަރު ރަންބީރު ކަޕޫރު އަަލަށް ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ މަހުގައި ނިކުތް "ޖައްގާ ޖާސޫސް" އެވެ.

އެ ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ރަންބީރަށް ބޮޑު މާޔޫސްކަމެއް ވަނީ ކުރިމަތިވެފަ އެވެ. އުފައްދަން ފެށިތާ ހަތަރު އަހަރުފަހުން ރިލީޒްކުރެވުނު ފިލްމު ފްލޮޕްވުމާ ގުޅިގެން ރަންބީރާއި އޭނާގެ ބައްޕަ ރިޝީ ކަޕޫރު ވަނީ ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ އަށް އިންތިހާ އަށް ފާޑުކިޔާފަ އެވެ.

ރަންބީރުގެ ޖީބުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން އުފެއްދި މި ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުން އޭނާ އަށް ވަަނީ ވަރަށް ބޮޑު ގެއްލުމެއްވެފަ އެވެ.

"ޖައްގާ ޖާސޫސް" އުފައްދަން ހަދައިގެން އަތުން ގިނަ ފައިސާތަކެއް ބޭކާރު ގޮތުގައި ހަރަދުވުމުން އެކަމާ މާޔޫސްވެ، ރަންބީރު ވަނީ ދެން އިތުރު ފިލްމެއް ދުވަސްގަނޑެއް ވަންދެން ޕްރޮޑިއުސްނުކުރަން ނިންމާފަ އެވެ.

އެގޮތުން ރަންބީރު ވަނީ ބޭކަރު ކަންތައްތަކުގައި ވަގުތު ދުއްވާލުމުގެ ބަދަލުގައި އޭނާ މިހާރު ކުޅެމުން އަންނަ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމާއި ދެން އެންމެ އަވަހަށް ކުޅެން ފަށާ ފިލްމު "ޑްރެގަން" އަށް ހުރިހާ ސަމާލުކަމެއް ދޭން ނިންމާފަ އެވެ.

"ޖައްގާ ޖާސޫސް" އަށް ފަހު ރަންބީރު ވަނީ އޭނާ އާއި އަނޫރާގް ގުޅިގެން ކިޝޯރް ކުމާރުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ވެސް ނިންމާފަ އެވެ. ނަމަވެސް "ޖައްގާ ޖާސޫސް" ފްލޮޕްވުމާ ގުޅިގެން ރަންބީރު ވަނީ އެ ފިލްމާ އެކު ކުރިއަށް ނުދާން ނިިންމާފަ އެވެ. ރަންބީރު ދެން ފިލްމެއް އުފައްދާ ނަމަވެސް އޭނާ ދެން އެންމެ ކުރިން މަޝްވަރާ ކުރާނީ އެކަމާ ގުޅިގެން އާއިލާގެ މެމްބަރުންނާ އެވެ. އަދި އަނޫރާގާ އެކު ދެން ފިލްމެއް ދުވަހަކު ވެސް ޕްރޮޑިއުސްނުކުރާނެ ކަމަށް ރަންބީރު ބުނެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ފިލްމުގައި ރަންބީރާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ދެތަރިން ރުޅިވެފައިވާއިރު އެކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގެންދެވި އޮންނަން ޖެހުނެވެ.